އިންސާނާގެ ހަށިގަނޑުގައި ހުންނަ ބައެއް ގުނަވަންތަކުގެ ދިވެހި ނަންނަން އަހަރެމެންނަށް ވަރަށް ފަރިތައެވެ. ނަމަވެސް ބައެއް މީހުންނަށް ބައެއް ގުނަވަންތަކާއި ތަންތަނުގެ ނަން ކިޔެނީ މުޅިން ރަނގަޅަކަށް ނޫނެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ މިފަދައިން އިންސާނާގެ ހަށިގަނޑުގެ ބައެއް ތަންތަނަށާއި ގުނަވަންތަކަށް ކިޔާ ނަންނަމަށާއި އެތަންތަނުގެ ތަފްސީލަށެވެ. އެގޮތުން:

. ހިނދުރި: މި ބަސް ދެތަނަކަށް ބޭނުން ކުރެއެވެ. އާންމުގޮތެއްގައި މި ބަސް ބޭނުން ނުކެވެނީ ނޭފަތުގެ ދެ ހޮރަށް ނިސްބަތް ކޮށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކަންފަތުގެ ކޮރުވަޅަށްވެސް ހިނދުރިއޭ ކިޔާ އުޅެއެވެ.

. ފުއްކިބަ: މިއީ ބޮލުގެ ތަލަޔާއި ކަނދުރާގެ މަތީގައި ހުންނަ އަޑުކޮޅާއި ދެމެދު އުފުލިގައި ހުންނަ ތަނެވެ.

. ކަނދުރާ: މިއީ ބުރިކަށީ ފަރާތުން ކަރާ ދިމައިވާ ހިސާބެވެ. ނުވަތަ މައިކައްޓާއި ބޮލާ ދޭތެރެއެވެ.

. ކަންކަށި މަތި: މިއީ ކޯތާފަތުގެ މަތިން މޫނުގެ އަރިމައްޗަށްވާ ހިސާބެވެ.

. ހިނދިވަޅު: އިންސާނާގެ ހަށިގަނޑުގި ވަޅުކޯކޮޅުހެން ހުންނަ ތަންތަނަށް މިނަން ކިޔައެވެ. ނަމަވެސް ފޫޅުވަޅަށް މިނަން ބޭނުމެން ނުކުރެއެވެ. އާއްމުގޮތެއްގައި ހިނދިވަޅު ނިސްބަތް ކުރަނީ ލަޑޮނޑިވަޅަށާއި މޭކަށިކޮޅުގައި ހުންނަ އަޑިވަޅުކޮޅަށެވެ.

. ބޮނބިފަޅި: މިއީ މެދުބުރަކަށިން މަތީގެ ދެފަރާތުގައި އުސްކޮށް އޮންނަ ތަނެވެ.

. ބައިމަތި: މިއީ މީހެއްގެ ކުރިމަތިން ދެކޮނޑުގެ ދޭތެރެއެވެ.

. މޭ: މޭ އަންމުކޮށް ނިސްބަތް ކުރެވެނީ ފުއްޕާ މެއަށެވެ. ނަމަވެސް "މޭ" މި ލަފުޒަކީ މޭމަތީގެ މާނަ ރަމްޒުކޮށްދޭ ބަހެކެވެ. އެހެނީ ކަރާއި ބަނޑާއި ދެމެދުގައިވާ ހިސާބެވެ. މެއާއި ދިމާލުން ހަށިގަނޑުގެ ތެރޭގައި ގިނަ ގުނަވަންތަކެއް ހުރެއެވެ. އޭގެތެރޭގައި ފުއްޕާމެއާއި، ފުރަމެއާއި، ޗިސްމެއާއި ހިތް ހިމެނެއެވެ.

. މޭކޮޅު/މޭދަށް: މިއީ ބަނޑާއި މޭ ގުޅޭ ހިސާބެވެ. ފުއްޕާމޭގެ މެދުކަށިގަނޑު ނިމޭ ހިސާބާއި މައިދާގެ މަތީބައި ގުޅޭ ހިސާބުން ހަށިގަނޑުގެ ބޭރުބައެވެ.

. ބަނޑު: މިއީ މޭގެ ތިރިން ފަައި ފެށޭ ހިސާބާ ހަމައަށް، ކުރިމަތިން އޮންނަ ހިސާބެވެ.

. މައިދާ: މިއީ ބަނޑުގައި އޮންނަ ކާ އެއްޗެހި އެޅޭ ކޮތަޅެއް ޒާތު ގުނަވަނެކެވެ. އާންމުކޮށް ބަނޑޭ ކިޔާ ނިސްބަތް ކުރެވެނީ މައިދާ އަށެވެ.

. ހުންކޮށި: މިއީ މައިދާގެ ވާތްފަރާތުން ކުޑަތަންކޮޅެއް މަތީގައި އޮންނަ ގުނަވަނެއް. މިއީ ރަތުލޭހަތާގެ ހަގު ހަތާތައް ޖަމާވެފައި ހުންނަ ގުނަވަނެވެ. 

. ފިތް: މިއީ ފުރަމެއިން އުފެދޭ ރީނދޫ ކުލައިގެ ދިޔަވަރެއް ރައްކާ ކުރެވިފައި ހުންނަ ކޮތަޅެކެވެ. މި ކޮތަޅު އިންނަނީ ފުރަމޭގެ ފުރަގަހުގައެވެ. އަދި ފިތުގެ އެއް ކޮޅު، ކުޑަގޮހޮރުގެ މަތީބަޔާއި ގުޅިފައި ހުންނާނެއެވެ.

. ދަށްބަނޑު: މިއީ ބަނޑުގެ ފޫޅުން ވަށައިގެން ކުރިމަތިފަރާތް ފެށޭ ހިސާބާ ހަމައަށް އޮންނަ ބައެވެ.

. މަސާނާ: މިއީ ކުޑަކަމުދާ ތަކެތި ޖަމާވެފައިވާ ކޮތަށެވެ.

. ގުރުދާ: މިއީ ލޭގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށް ކުޑަކަމުދާ ތަކެއްޗަށް ހަދާ ގުނަވަނެވެ.

. އަރިކަށި: މިއީ އަރިމަތިން ކިހިލިފައްޗާއި އުކުޅާއި ދެމެދެވެ.

. އުކުޅު: އަރިކައްޓާއި ފައިގެ މަތީހުޅާއި ބެދުނުތަނެވެ. 

. އުކުޅުވަޅު: މިއީ ފަޔާއި ބަނޑާއި ގުޅޭ ތަނެވެ.

. ޒަކަރު: މިއީ ފިރިހެނާގެ ފިރިހެން ހައްޓެވެ.

. އުރަވަޅި: މިއީ ފިރިހެނާގެ ރަކަރުގެ ތިރީގައި އެލިފައި އޮންނަ ބައެވެ.

. އޮށް / ފޯއް: މިއީ ފިރިހެނާގެ އުރަވަޅީގެ ތެރޭގައި ހަރުކޮށް އޮންނަ ދެ "ގުޅަ" އެވެ.

. ފަރުޖު: މިއީ އަންހެނާގެ ކުރިމަތި ފަރާތު ދޮރެވެ.

. ކުޅަނދިލި: މިއީ އަންހެނާގެ ފަރުޖުގެ މަތީގައި އިންނަ ކުޑަ މަސްކޮޅެކެވެ.

. ފުރަގަސްފަރާތު ދޮރު: މިއީ ފުރަގަސްފަރާތުން ހަށިގަނޑުގެ ބޭރަށް ހުޅުވިފައި އިންނަ ބައެވެ.

. ކުޑަކަޅުވާ: މިއީ ތަނބިކައްޓާއި ކަކުލާ ދެމެދުން ފުރަގަހުގައިވާ މަސްގަނޑެވެ.

. ދޯނގިދޭތެރެ: މިއީ ކަކުލު ހުޅުން ލެނބޭ ލެނބުމުގެ ފުރަކަށްވާ ގޮންޏެވެ.

. ތަނބިކަށި: މިއީ ކައިގެ ކުޑަހުޅުގައި ބޭރަށް ފެންނަން ހުންނަ ކަށިގަނޑެވެ.

. ފުއްނާބު / އިސްބުޑު: މިއީ ފައިގެ ކުޑަހުޅާއި ދިމާލުން ދަށްފުށުގައި ހުންނަ މަސްގަނޑެވެ.

. ހަތާ: މިއީ ހަށިގަނޑުގެ އެއްމެ ކުޑަ ބައި ކަމުގައިވާ، ހަމަލޮލަށް ނުފެންނަ ކުދި ކުދި އެތި އެތިކޮޅެވެ. އިނގިރޭސިން ކިޔާ އުޅެނީ ސެލްސް އެވެ.

. ހަތާރު: މިއީ ހަށިގަނޑުގައި ހުންނަ ހަތާތައް އެކުވެ ގުޅިގެން އުފެދޭ ބޮޑު އެތިކޮޅުތަކެކެވެ. މިއަށް އިނގިރޭސިން ކިޔަނީ ޓިޝޫސް އެވެ.

މީގެ އިތުރުން އަދިވެސް ކިތައްމެ ގުނަވަނަކާއި ތަންތަނަކަށް ކިޔާނޭ ނަންތައް ހުންނާނެއެވެ. ޝައުގުވެރިވާ ކޮންމެ މީހަކި ދެންވެސް ހޯދާ ބަލާނޭ މީހެކެވެ. މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލީ ބައެއް ހާއްސަ ނަންނަމެވެ. އާއްމުކޮށް އަހަރެމެންނަށް އިނގިރޭސި ބަސް ބޭނުން ކުރެވޭ ބައެއް ނަންނަމެވެ. މިފަދަ ސާދާ ދިވެހި ބަސްތަކުން އަހަރެމެން ވާހަކަ ދައްކާ އުޅެމާ ހިނގާށެވެ. ހޯދާ ބެލުމުން އަދިވެސް އެތައް ރީތި ދިވެހި ލަފުޒުތަކެއް ފެނިގެންދާނެއެވެ.

*މި ލިޔުމަކީ ސިއްހީ އަދި ތަޢުލީމީ ދާއިރާއާ ގުޅުންހުރި މުހިއްމު މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ.