ސްޕެގެޓީ އަކީ ގިނަ ބަޔަކަށް ކަމުދާ ކެއުމެކެވެ. އެކިމީހުން އެކި ގޮތަށް ސްޕެގެޓީ ތައްޔާރުކޮށް އުޅެއެވެ. މިއީ ވަޅޯމަހާއި ލޮނުމެދު ބޭނުން ކޮށްގެން ފަސޭހަކަމާއި އެކު ތައްޔާރުކޮށްލެވޭ "ޑަރައިޑް ފިޝް އެންޑް ގާލިކް ސްޕެގެޓީ އެވެ. 

މި ކެއުން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

.‌ 1 ބޮނޑި ސްޕެގެޓީ

.‌ 6 ގަނޑު ހަރު ވަޅޯމަސް (ތުނިކޮށް ކޮށާފައި)

. ‌2 ބޮނޑި ލޮނުމެދު (ވަށްކޮށް ކޮށާފައި)

. ‌2 ފިޔާ (ވަށްކޮށް ކޮށާފައި)

. ‌1 ރޯ މިރުސް (ކުދިކޮށް ކޮށާފައި)

. ‌8 ހިކި މިރުސް 

. ‌4 ރޯ ޓޮމާޓޯ (ކުދިކޮށް ގޮޅިކޮށް ކޮށާފައި)

. ‌3 ހިކަނދިފަތް

. ‌2 ރާނބާފަތް

. ‌5 މޭޒުމަތީ ސަމްސާ ތެޔޮ (އޮލިވް އޮއިލް)

. ‌2 މޭޒުމަތީ ސަމްސާ މަސްމިރުސް

. ‌1 ޗިކަން ސްޓޮކް ކިއުބް

. ‌1 ނޫޑްލްސް ސޫޕް ޕެކެޓް (ލޮނު ޕަކެޓް)

. ‌1/2 ސައިސަމްސާ ދިރި

. ‌1/2 ސައިސަމްސާ އޮރިގާނޯ

"ޑްރައިޑް ފިޝް އެންޑް ގާލިކް ސްޕެގެޓީ" ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެޔޮ ފޮދުގައި ލޮނުމެދުކޮޅު ކުޑަކޮށް ރަތްކޮށްލާށެވެ. އެއަށްފަހު ފިޔާ، ހިކަނދިފަތް، ރާނބާފަތް، ރޯމިރުސް އަދި ހިކި މިރުސް އަޅައިގެން ވަޅޯކޮށްލާށެވެ. ދެން ނޫޑްލްސް ސޫޕް ޕެކެޓް އަޅާ އެއްކޮށްލުމަށްފަހު ވަޅޯމަސް ކޮޅު އަޅާލާށެވެ. އެއަށްފަހު ފިޔާކޮޅު ތެރޭގައި ހަނާކޮށްލާށެވެ. އަދި މަސްކޮޅު ހަނާކޮށްލާ ވަގުތު ޗިކަން ސްޓޮކް ކިއުބް އަޅާށެވެ. އެއަށްފަހު ރޯޓޮމާޓޯ ކޮޅު އަޅައިގެން ރަނގަޅަށް ކައްކާލާށެވެ. ޓޮމާޓޯތައް ވަޅޯވެލުމުން ދިރިކޮޅާއި އޮރިގާނޯ އަދި މަސްމިރުސްކޮޅު އަޅާލާފައި 1 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު މަޑުކޮށްފައި ހުރި ސްޕެގެޓީ ކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. 

މިހާހިސާބުން ޑްރައިޑް ފިޝް އެންޑް ގާލިކް ސްޕެގެޓީ ތައްޔާރުކޮށް ނިމުނީއެވެ. 

މި ސްޕެގެޓީއާއެކު ކެއުމަށް ތަރުކާރީ ނުވަތަ ފަތް ސެލެޑެއްވެސް ތައްޔާރު ކުރެވިދާނެއެވެ.