މެންޗެސްޓާ ޔުނައިޓެޑާއި އެކަމަށް ޝައުގުވެރިވާ އެހެން ކްލަބުތަކުން ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެން، 24، ހޯދުމަށް މަދުވެގެން 108 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) ދައްކަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ނަޕޯލީގެ ޖާޒީގައި އޮސިމްހެން މޮޅު ކުޅުމެއްދައްކައި ގިނަ ގޯލްތަކެއް ޖަހާފައިވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޭނާ އޮތް ޑިމާންޑް އިތުރަށް ބޮޑުވެގެންދާނެ އެވެ.

އެންމެ ފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާުރުގައި ޔުނައިޓެޑުން ފޯވާޑްލައިންގައި ކުޅޭ ކުޅުންތެރިއެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޮސިމްހެން ގެންދާނެ ކަމަށް މީޑިއާގައި ކޮންމެވެސް ވަރަކަށް އަޑުފެތުރުނަމަވެސް، އެ ޓީމުން ގެންދިޔައީ އަޔެކްސް އެމްސްޓެޑަމް އަށް ކުޅެމުންއައި ބްރެޒިލްގެ ވިންގް، އެންތަނީ އެވެ.

މީގެއިތުރުން، ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން ލޯން އުސޫލުން ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް ގެންދިއުމުން ބެލެވޭގޮތުގައި ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ދާއިމީ އެއްބަސްވުމެއްގެ ދަށުން މޮޅު ފޯވާޑެއް ގެންނާނެ އެވެ. އެހެންކަމަށްވާނަމަ، އޮސިމްހެން އަކީ އެ ޓީމުން ޝޯޓްލިސްޓް ކުރާނެ ކުޅުންތެރިއެއް ކަމަށް ހަބަރުތައް ބުނެއެވެ.

ޖަރުމަނުގެ ވުލްފްސްބާގަށް ވެސް ކުރިން ކުޅެފައިވާ އޮސިމްހެން، އޭނާގެ މިހާރުގެ ކްލަބު ނަޕޯލީ އަށް ބަދަލުވީ ފްރާންސްގެ ލިއްލެ އިން 81 މިލިއަން ޑޮލަރު (75 މިލިއަން ޔޫރޯ)ގެ ޓްރާންސްފާ ފީ އަކަށެވެ. އެއަށްފަހު އެ ޓީމަށް މިހާތަނަށް ކުޅެދިން 82 މެޗުގައި 43 ލަނޑުޖަހާފައިވެއެވެ.

އޭގެތެރެއިން، މި ފަހަރުގެ ސީޒަނަކީ އޮސިމްހެންގެ ކެރިއަރުގައި ނަޕޯލީ އާއެކު އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެންނަ ސީޒަނެވެ. ނަޕޯލީން ލީގުގައި އެއްވަނަ މަގާމު ދަމަހައްޓަމުން އަންނައިރު އޭގައި އޮސިމްހެންގެ ދައުރު ބޮޑެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުގައި 14 ލަނޑުޖަހައިފައެވެ.

އޮސިމްހެން ވަނީ މިހާތަނަށް ނައިޖީރިއާގެ ސީނިއާ ޓީމަށް 23 މެޗުން 17 ގޯލް ޖަހައިފައެވެ. މީގެކުރިން ނައިޖީރިއާގެ 17 އަހަރާއި 23 އަހަރުންދަށުގެ އުމުރުފުރާ ގައުމީ ޓީމުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.