ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު އިންތިޚާބުވެއްޖެ އެވެ.
އެގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރެއްވި ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް) ގެ ކެންޑިޑޭޓް، ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިޘިއްޔަތުން އޭނާ އިންތިޚާބު ކުރެއްވީ 54.9 ޕަސެންޓުންނެވެ.
އޭނާއާ އެންމެ ގާތުން މި އިންތިޚާބުގައި ވާދަކުރެއްވި އެގައުމުގެ މިހާރުގެ ރައީސް ޑެނީ ފޯރޭ އަށް ލިބިވަޑައިގަތީ 43.5 ޕަސެންޓެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 74،634 މީހުންނަށެވެ.
އަހުމަދު އަފީފް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އެގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރަމްކަލަވަން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމުގައި ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ތެދުވެރިކަމާ އެކުގައި ކަމަށެވެ.
އުމުރުން 53 އަހަރުގެ އަހުމަދު އަފީފު އަކީ، އަބްދުﷲ އަފީފްގެ ތިންވަނަ ދަރިކަލުންނެވެ. އަހުމަދު އަފީފް އުފަންވެވަޑައިގަތީ 1967 ގައި ސީޝެލްސްއަށެވެ.
ޚަބަރު
ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު އިންތިޚާބުވެއްޖެ

އެހެނިހެން ލިޔުން