ޖައްވުގެ ތަފާތު ރީތި މަންޒަރުތަކާއި ތަރިތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ނާސާ އަދި ޔޫރަޕިއަން ސްޕޭސްއޭޖެންސީއިން މިވަނީ ތަރިތަކެއްގެ ރީތި ފޮޓޯ އާންމުންނަށް ދައްކާލާފައެވެ.

ޖައްވުގެ ތަފާތު ފޮޓޯތައް ނެގުމަށް ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެސްކޯޕް ކަމުގައިވާ ހަބަލް ސްޕޭސް ޓެލެސްކޯޕުން ވަނީ ވިދާ އަލިގަދަ ތަފާތު ތަރި ވީ 372 އޮރިއޯނިސް އާއި އެތަރީގެ ކައިރީގައިވާ އެެހެން ތަރިއެއްގެ އާ ތަސްވީރެއް ނަގާފައެވެ

ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ޓެލެސްކޯޕުން މި ތަރިތަކުގެ ފޮޓޯ ނަގާފައިވަނީ ދުނިޔެއާ ގާތްގަނޑަކަށް 1،450 ލައިޓްއިޔަރ ދުރުގައި އޮންނަ ތަރި އުފެދިފައިވާ ސަރަހައްދެއް ކަމަށްވާ އޮރިއޯން ނެބިއުލާގައެވެ.

މި ތަސްވީރުން ފެންނަނީ އޮރިއޯން ނެބިއުލާގެ ގޭސް ތަކާއި ހިރަފުސްތަކެވެ. އޮރިއޯން ވެރިއޭބަލްސް އާންމުކޮށް ގުޅިފައިވަނީ ޑިފޫސް ނެބިއުލާތަކާއެވެ.

މިޓީމުން ނަގާފައިވާ މިތަސްވީރު ނެގީ ޓެލެސްކޯޕްގެ ދެ އިންސްޓްރޫމެންޓް އެއް ބޭނުންކޮށްގެންނެވެ. އެއީ ސަރވޭއަށް ބޭނުންކުރާ އެޑްވާންސްޑް ކެމެރާ އާއި ވައިޑް ފީލްޑް ކެމެރާ 3 އެވެ. މިތަސްވީރު އެކުލަވާލައިފައިވަނީ މި ދެ ކެމެރާގެ ޑޭޓާ އޯވާލޭ ކޮށްގެންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ތަސްވީރުގެ އެންމެ ވިދާ ތަރިތަކުގެ ވަށައިގެންވާ ޑިފްރެކްޝަން ސްޕައިކްތައް އުފެދިފައިވަނީ ޓެލެސްކޯޕްގެ ސެކަންޑަރީ ލޯގަނޑަށް ހަބަލްގެ ތެރޭގައިވާ ހަތަރު ވޭން އަށް ވަރުގަދަ އައްޔެއް އެޅުމުގެ ސަބަބުންނެވެ.