މިއީ އާއްމުކޮށް ދައްކަން އުނދަގޫ ވާހަކައެކެވެ. އަދި ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި މިއީ ހަޑި ވާހަކައެކެވެ. އެހެންނަމަވެސް މިއީ އަހަރެމެންގެ ސިއްހަތާ ގުޅިފައިވާ ކަމެއްކަމުން މިވާހަކަ މިގޮތަށް ހިއްސާކޮށްލާނަމެވެ. ބޮޑުކަމުދާތަކެއްޗަކީ އާންމު އުސޫލަކުން ބަލާނަމަ، ފެނުއަޑިއަށް ދާ ތަކެއްޗެވެ. ފެނުމަތީގައި ބޮޑުކަމުދާތަކެތި ހުރެ އަދި ފްލަޝްކުރަން އުނދަގޫވާނަމަ މިއީ އެމީހެއްގެ ސިއްހަތާއި ސީދާގުޅުންހުރި ކަމެކެވެ.
އާއްމުގޮތެއްގައި ފެނުއަޑިއަށް ދާ ބޮޑުކަމުދާތަކެތި ފެނުމަތީގައި ހުންނަނަމަ އެކަމުގެ ބައެއް ސަބަބުތައް ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެތޭގައި ހިމެނެނީ:
ވައި ހުރުން: ހަޖަމުގެ ނިޒާމުގައި ހުންނަ ވައި ގޮހޮރުގެ ތެރޭގައި ތާށިވެފައި ގިނަވަގުތު ހުންނަނަމަ ބޮޑުކަމުދާތަކެތީގެ ތެރޭގައި ވައި ހަރުލާ ގޮތްވެއެވެ. އެއާއި އެކު ބޮޑުކަމު ދިއުމުން އެތަކެތި ފެނުމަތީގައި ހުރުމުގެ ފުރުސަތު ބޮޑުވެއެވެ. ވައިގެ ސަބަބުން ފެނުމަތީގައި ހުންނަ ބޮޑުކަމުދާ ތަކެތި އިރުކޮޅެއްވުމުން ފެނުގެ އަޑިއަށް ދާނެއެވެ.
ހަޖަމުނުވުން: ކާތަކެތި މައިދާއިން ގޮސް ގޮހޮރުގެ ތެރެއިން ދަތުރުކުރާ ކުރުމުގައި ރަނގަޅަށް ހަޖަމު ނުވާނަމަ ފެނުމަތީގައި ހުންނާނެއެވެ. ރަނގަޅަށް ހަޖަމުނުވެ ހުންނަ ކާނާ ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ބޮޑުކަމު ދެވޭ އިރު، އާދަޔާ ހިލާފު ގަދަ ވަހެއް ހުންނާނެއެވެ.
ތެލުގެބައި ގިނަވުން: ކާތަކެތީގައި ހުންނަ ތެލުގެބައި ގިނަނަމަ، ހަޖަމުގެ ނިޒާމަށް ބުރޫއަރައެވެ. އެއީ ހަޖަމުގެ މަރުހަލާގައި ފޮނުވައިދޭ ބައިލް ނަމަކަށް ކިޔާ ދިޔަވަރަށް އެ ތެލުގެ ބައި ހަޖަމު ނުކުރެވުމެވެ. އަނެއް ގޮތަކީ އެ ދިޔަވަރު ދާންޖެހޭ މިންވަރަށް ނުދިއުމެވެ. މިކަންކަމުގެ ސަބަބުން ބޮޑުކަމުދާތަކެތީގައި ހުންނަ ތެލުގެ ނިސްބަތް ގިނަވެއެވެ. ތެލަކީ ފެނަށްވުރެ ލުއި އެއްޗެއް ކަމުން އަބަދުވެސް ތެލުގެ ތާސީރުތައް އަރާނީ ފެނުގެ މައްޗަށެވެ.
ގޮހޮރުގެ އިންފެކްޝަން: ގޮހޮރުގެ އެކި އެކި އިންފެކްޝަންތައް ހުރެއެވެ. ބޮޑުކަމުދާ ތަކެތި ފެނުމަށްޗަށް އަރާއިރު، އެ މީހަކު ހުރީ ހުމެއް އައިސްފައިކަމުގައި ވަނީނަމަ، އިންފެކްޝަނެއް ހުރިތޯ ޓެސްޓުކުރުން ވަރަށްވެސް މުހިއްމެވެ.
ފިތުގައި ހިލަހުރުން: ފިތުގައި ހިލަ ހުންނަ ނަމަ، ހަޖަމުގެ ނިޒާމަށް ފޮނުވައިދޭ ބައިލް ނަމަކަށް ކިޔާ ދިޔަވަރަކަށް އަސަރު ކުރެއެވެ. އެ ދިޔަވަރު ނުދާނަމަ ނުވަތަ ދާންޖެހޭ މިންވަރަށް ނުދާނަމަވެސް ބޮޑުކަމުދާތަކެތި ފެނުމަށްޗަށް އަރާފާނެއެވެ.
ޗިސްމޭގެ އިންފެކްޝަން: ޗިސްމޭ ނުވަތަ ޕެންކްރިއާސް ގައި އިންފެކްޝަނެއް އުފެދުމުން ހަޖަމަށް ބޭނުން ބައެއް އެންޒައިމްތަކާއި ޕެންކްރިއޭޓިކް ޖޫސް ނަމަކަށް ކިޔާ ދިޔަވަރެއްގެ ތާސީރުގައި ނުހަމަ ކަމެއް އުފެދޭނެއެވެ. މިކަމުގެ ސަބަބުންވެސް މި ހާލަތު ކުރިމަތިވެދާނެއެވެ.
މި ބަލާލެވުނީ ބޮޑުކަމުދާތަކެތި ފެނުމަތީގައި ހުންނަ ބައެއް މައިގަނޑު ސަބަބުތަކަށެވެ. މިއިން ކޮންމެ ކަމެއްވެސް ސިއްހީގޮތުން ކޮންމެވެސް މައްސަލައަކާއި ގުޅިދެއެވެ. އެހެންކަމުން، ބޮޑުކަމުދާތަކެތި ފެނުމައްޗަށް އަރާތާ ގިނަދުވަސް ވެއްޖެނަމަ، މާބޮޑު އުނދަގޫތަކެއް ނުވިނަމަވެސް ޑަކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. އަދި ލޭގެ ތަހުލީލުތަކަކާއި އެކު އެކަމުގެ ސަބަބު ހޯދުން ބުއްދިވެރިއެވެ.
