އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވެ، މެންޗެސްޓާ ސިޓީ އަށް ތާވަލްގެ ކުރީގަ އުޅޭ އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 އިންނެވެ.
ސިޓީން މިރޭގެ މެޗަށް ނިކުތީ ލީގުގައި ރޭ ރަށުން ބޭރުގައި އެވަޓަން އަތުން އާސެނަލް ބަލިވުމުން، މި މެޗު ކާމިޔާބުކޮށްގެން ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ ކަން އެނގި ތިބެގެންނެވެ. މި ނަތީޖާއާއެކު އާސެނަލް އަދިވެސް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން އޭގެ ފަސް ޕޮއިންޓް ފަހަތުން ސިޓީ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ނިއުކާސަލް ޔުނައިޓެޑަށް 21 މެޗުން ލިބުނު 20 ޕޮއިންޓާއެކު ހަތަރެއްގައި އޮތްއިރު، ޓޮޓެންހަމް ވަނީ 22 މެޗުން ހޯދީ 39 ޕޮއިންޓާއެކު ފަސްވަނަ އަށް ޖެހިލާފައެވެ.
ޓޮޓެންހަމުން މިރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު، ކްރިސްޓިއަން ސްޓެލިނީ އެވެ. އެއީ ކޮންޓޭ، ގޯލް ބްލެޑާ އޮޕަރޭޝަނެއް ކުރުމަށްފަހު އިޓަލީގައި ހުރުމުންނެވެ.
ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެ ޓީމުގެ ޑެންމާކް މިޑްފީލްޑަރު، ޕިއޭ-އެމީލް ހޮއިބިއޭ ދިން ޕާހަކުން ކޭން ކާމިޔާބުކުރި ގޯލެކެވެ.
އަނެއްކޮޅުން، މި ގޯލާއެކު ކޭން، 29، ވަނީ ޓޮޓެންހަމްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ. ކުރިން މި ރެކޯޑް އޮތް ޖިމީ ގްރީވްސްގެ ރެކޯޑް ކޭން މުގުރާލީ 267 ލަނޑުޖަހައިގެންނެވެ. މީގެއިތުރުން، މި ގޯލަކީ ޕްރިމިއާ ލީގުގައި ކޭން ޖެހި 200 ވަނަ ލަނޑެވެ. ކޭން އަށް ވުރެ ގިނައިން ލީގުގައި މިހާތަނަށް ލަނޑުޖަހައިފައިވަނީ އެލަން ޝިއެރާ (260) އާއި ވޭން ރޫނީ (208) އެވެ.
ސިޓީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފުރަތަމަ ހާފުގައި އެ ޓީމުގެ އަލްޖީރިއާ ވިންގް، ރިޔާދް މާރޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.
މުޅި މެޗުގައި ވެސް ސިޓީގެ ފޯވާޑްލައިންގައި ހިމެނޭ ހޫލިއަން އަލްވަރޭޒް އާއި އާލިން ބްރައުޓް ހާލަންޑަށް ވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ކުޅެން ނިކުތީ ވެސް ފަހު ހާފުގައެވެ.
މި މެޗުގެ 87 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
