ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1670 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމަށް ވެސް ވަނި ނިންމާފަ އެވެ. އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 48.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
