2010ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ސިދާތު މަލްހޯތުރާއާއި، 2014ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ކިއާރާ އަދްވާނީ ކައިވެނިކޮށްފިއެވެ.

އިންޑިއާގެ ޖައިސުލްމާރުގެ ހޮޓެލްއެއްގައި ބޭއްވުނު ކުލަގަދަ ޙަފްލާއެއްގައި މި ދެ ތަރިން ކައިވެނިކުރީ އިއްޔެގެ ވަޤުތެއްގައި، ދެ ތަރިންގެ ރައްޓެހިންނާއި ޢާއިލާ އެންމެންގެ ޙާޟިރުގައެވެ. އަދި ހަމައެއާއެކު މި ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ކައިވެނީގެ ޙަފްލާތައް ފެށުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެގޮތުން އެކި ގަޑިތަކުގައި އެކި މީހުން ގެނެސް ވަނީ ވަރަށް ކުލަގަދަކޮށް މިކަން ފާހަގަކޮށްފައެވެ. 

ސިދާތާއި ކިއާރާ ކައިވެނީގެ ޙަފްލާގެ ތެރެއިން --ފޮޓޯ: ހިންދުސްތާން ޓައިމްސް

ބޮލީވުޑް އެތައް ތަރިންނެއް ކިއާރާއަށާއި ސިދާތަށް ދަނީ ތަޙުނިޔާ ފޮނުވަމުންނެވެ. އެގޮތުން ޝްރައްދާ ކަޕޫރާއި ކެޓްރީނާ ކެއިފް އަދި ވިކީ ކޯޝަލް ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ތަރިންނަށް ތަޙުނިޔާ ކިޔައިފައެވެ. އަދި ހަމަ އެހެންމެ ސިދާތުގެ ކުރީގެ ލޯބިވެރިޔާ އާލިއާ ބަޓް ވެސް ވަނީ މަރުޙަބާ ކިޔާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައެވެ. 

ސިދާތާއި ކިއާރާގެ ލޯބީގެ ގުޅުން ފެށުނު ކަމަށް ބެލެވެނީ 2021ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޝޭރްޝާހް"އިންނެވެ. އެއީ ކިއާރާއާއި ސިދާތު އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމަށްފަހު މި ދެ ތަރިންގެ ލޯބީގެ ވާހަކަ ތުންތުންމަތިން ދިޔައީ ދެކެވެމުންނެވެ. އެހެންނަމަވެސް ސިދާތު ވެސް އަދި ކިއާރާ ވެސް މިކަމަށް ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. އެހެނީ އެކަން ފާޅުކޮށް ހާމަކޮށްފައެއް ނުވެއެވެ. 

ފިލްމީ ދާއިރާއަށް ބަލާއިރު ކިއާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސަތިޔާ ޕްރޭމް ކީ ކާތާ"އިން ކާތިކް އާރްޔަންއާއެކުގައެވެ. ކަން މިހެން އޮތް އިރު ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ "މިޝަން މަޖްނޫ"އިންނެވެ. އަދި ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޔޯދާ"އާއި ރޯހިތުގެ "އިންޑިއަން ޕޮލިސް ފޯސް"ހިމެނެއެވެ.