އެންބީއޭގައި މިއަދު އޮކްލަހޯމާ ސިޓީ ތަންޑާއާ ދެކޮޅަށް ލޮސް އެންޖެލަސް ލޭކާސް ކުޅެ، 133-130 އިން ބަލިވި މެޗުގައި އެއްކުރި 38 ޕޮއިންޓާއެކު، ލޭކާސްގެ ތަރި ލެބްރޮން ޖޭމްސް ވަނީ އެންބީއޭގެ ތާރީޚުގައި އެންމެގިނައިން ޕޮއިންޓްއެއްކުރި ކުޅުންތެރިޔާގެ ރެކޯޑް ޤާއިމްކޮށްފައެވެ.
ޖޭމްސް، 38، މިއަދުގެ މެޗަށް ނިކުތްއިރު އެންބީއޭގެ ތާރީޚުގައި މިހާތަނަށް އެންމެގިނައިން ޕޮއިންޓްއެއްކުރި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކަރީމް އަބްދުލްޖައްބާރުގެ 38،387 ޕޮއިންޓުގެ ރެކޯޑް މުގުރާލުމަށް ބޭނުންވެފައި އޮތީ 36 ޕޮއިންޓެވެ. ލޭކާސް އަށް ވެސް ކުރީން ކުޅެފައިވާ އަބްދުލްޖައްބާރު މި ރެކޯޑް ހެދީ ޖޭމްސް އުފަންވުމުގެ އަށް މަސް ކުރިން 1984 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ލޮސް އެންޖެލަސްގައި ހުންނަ ކްރިޕްޓޯ.ކޮމް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ އަށް ފަހު އޮކްލަހޯމާ އޮތީ 36-34 އިން ކުރީގައެވެ. ދެން ޖެހިގެންއައި ދެވަނަ ކުއާޓާގައި ވެސް އޮކްލަހޯމާ އިން 40-32 އިން ކުރިހޯދިއެވެ. މިއާއެކު، ފުރަތަމަ ދެ ކުއާޓާ އަށް ފަހު އޮކްލަހޯމާ އިން ލީޑްކުރަމުން ދިޔައީ 76-66 އިންނެވެ.
ލޭކާސް އިން ދެން ޖެހިގެންއައި ތިންވަނަ ކުއާޓާ ގެންދިޔައީ 33-28 އިންނެވެ. އަދި އެއަށްފަހު ދެން ޖެހިގެންއައި ފަހު ކުއާޓާގައި 31-29 އިން ލޭކާސް ކުރިހޯދި ނަމަވެސް، ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު މާބޮޑުތަނުން ކުޑަނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އޮކްލަހޯމާ އިން ވަނީ ތިން ޕޮއިންޓްގެ ފަރަގާއެކު މެޗު ކާމިޔާބުކޮށްފައެވެ.
އޮކްލަހޯމާ އަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ޝާއި ގިލްގިއަސް-އަލެގްޒެންޑާ އެވެ. އޭނާ ވަނީ މި މެޗުގައި 30 ޕޮއިންޓާއެކު 8 އެސިސްޓް ހަދާފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ޖޭލެން ވިލިއަމްސް އާއި ޖޯޝް ގިޑޭ ހިމެނެއެވެ. ވިލިއަމްސް، 25 ޕޮއިންޓްއެއްކުރިއިރު، ގިޑޭ ވަނީ 20 ޕޮއިންޓް އެއްކޮށްފައެވެ.
ލޭކާސް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޖޭމްސް އެވެ. ޖޭމްސް ވަނީ 38 ޕޮއިންޓާއެކު ހަތް ރީބައުންޑް ނަގާފައެވެ. ދެން އެ ޓީމުން އެދެވޭ ކުޅުމެއް ދެއްކުނީ ރަސަލް ވެސްޓްބްރޫކް އެވެ. އޭނާ ވަނީ 27 ޕޮއިންޓާއެކު، 8 އެސިސްޓް ހަދާފައެވެ. ފަހަކަށްއައިސް މޮޅު ކުޅުމެއް ދައްކަމުންއަންނަ ސެންޓަ އެންތަނީ ޑޭވިސްގެ ފަރާތުން ފެނުނީ ނިސްބަތުން ދަށް ކުޅުމެކެވެ.
މެޗުގެ ތެރޭގައި ޖޭމްސް، ޕޮއިންޓް ރެކޯޑް މުގުރާލުމާއެކު ކުޅުން މެދުކަނޑާލައި، އެ ކާމިޔާބީ ދެނެގަތުމަށާއި ހާޟިރުވެތިބި ސަޕޯޓަރުންނާ މުހާތަބުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
"ލޭކާސްގެ ވަފާތެރި ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. އެހެން ސަޕޯޓަރުންނާ މުޅިން ތަފާތު ބައެއް ތިއީ،" ޖޭމްސް ބުންޏެވެ.
މި މެޗުން ބަލިވުމާއެކު، އެންބީއޭ ޕްލޭއޮފްސްގައި ވާދަކުރުމަށް ލޭކާސް އިން ދެކެމުންއަންނަ ހުވަފެންތަކަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެންބީއޭ ޕްލޭ-އިން ޓޯނަމެންޓްގައި ވާދަކުރުމުގެ ފުރުޞަތު ލިބެނީ ތާވަލްގެ 7 އިން 10 ވަނަ އާ ދެމެދު ހިމެނޭ ޓީމުތަކަށެވެ. ލޭކާސް، މިވަގުތު އޮތީ ވެސްޓަން ކޮންފަރެންސްގެ ޕޮއިންޓް ތާވަލްގައި 13 ވަނައިގައި ކަމަށްވާއިރު، ޕްލޭއޮފްސްގައި ވާދަކުރުމުގެ ކިރިޔާ ވެސް އުއްމީދެއް އޮތީ ގަދަ 10 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
20 seasons.
— NBA (@NBA) February 8, 2023
1,410 games.
38,388 points.
One #ScoringKing pic.twitter.com/Z8gxCnBET5
