ޗައިނާގެ ހުނާން ޕްރޮވިންސް އަކީ އަޖައިބެއް ފަދަ ރީތި މަންޒަރު ދައްކުވައިދޭ، ފަރުބަދަ ތަކާއި ވާދީ ތަކާއި، ފިނިހިފާބައިފައިވާ ހިތްގައިމު ދަނޑުތައް އެކުލެވިގެންވާ ރީތި ސަރަހައްދެކެވެ. މިސަރަހައްދުގެ %80 އުފެދިފައިވަނީ ފަރުބަދަތަކުން ކަމަށް ވާތީ ގިނައީ އެކަހެރިކަމާއި އެކު ފުރިހަމަ ވަމުންއަންނަ މީހުންގެ ހިލަމެއްނުވާ ހަމަހިމޭން ސަރަހައްދުތަކެވެ.  އަދި މިފަރުބަދަތަކުގެ ތެރޭގައި ފޮރުވިފައިވާ ނޫޝޫ އަވަށަކީ ދުނިޔޭގައި މިހާތަނަށް ހަމައެކަނި އަންހެނުން އުފައްދައިގެން ބޭނުންކުރަމުން އަންނަ ޚާއްސަ ލިއުންތެރިކަން ބޭނުންކުރެވޭ އަވަށެވެ. މިލިއުން ކިއުމަށާއި ލިއަން އެނގެނީ ހަމައެކަނި އެއަވަށުގެ އަންހެން ވެރީންނަށެވެ.

ޗައިނާ ބަހުން " އަންހެނުންގެ ސްކްރިޕްޓް " މިނަން ދެވިފައިވާ މިލިއުންތެރިކަމަކީ 19 ވަނަ ގަރުންނުން ފެށިގެން އެއަވަށުގައި އަންހެންވެރީން ބޭނުން ކުރާ ލިއުންތެރިކަމެކެވެ. ބުނެވޭގޮތުގައި އެޒަމާނަށް ބަލާއިރުގައި ޗައިނާގެ ގިނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އޭރު މިނިވަންކަމާއި އެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮންނެވެ. ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި ހަމައެކަނި އަންހެން ވެރިން ބޭނުންކުރާ މިބަސްމަގު އުފެދިގެން އައީ ސޯންގ ޑައިނަސްޓީ އަދި ޝޭންގ ޑައިނަސްޓީ މީހުންނެވެ. އެމީހުންގެ މިޚާއްސަ ބަހުރުވަ ވަނީ މާމައިންގެ ފުށުން މަންމައިންނަށް، މަންމައިންގެ ފުށުން އަންހެން ދަރިންނަށް، އަދި އަންހެން ދަރިންގެ ފުށުން ދައްތައިންނާއި އެކުވެރިންނަށް އުނގައްނައިދީފައެވެ. ބުނެވޭ ގޮތުގައި އޭރު ޗައިނާގެ ގިނަ އަންހެނުންނަކީ ތައުލީމްހާސިލްކޮށް އުނގެނުމުގެ ނަސީބު ލިބިފައި ނުވާ ބައެކެވެ.

އެހެންކަމުން އޭގެ ތެރެއިން ގިނަ އަންހެނުން ދަސްކުރަމުން އައީ ނޫޝޫ ބަހުރުވައެވެ. އަދި އެދުވަހުންފެށިގެން މިއަދާ ޖެހެންދެން އެ އަވަށުގެ އަންހެނުން ވާހަކަ ދެއްކުމަށް ބޭނުންކުރަނީ މިޚާއްސަ ލިއުންތެރިކަމެވެ. ނޫޝޫ ލިއުންތެރިކަމާއި މި ބަހުރުވައިގެ ސަބަބުން އެއަވަށުގެ އަންހެން ވެރިންވަނީ ގެވެށިއަނިޔާއާއި، ނަފްސާނީ މައްސަލަތަކާއި، އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެކުވެރިންނާއި ތިމާގެ މީހުންނަށް ސިޓީލިއެ ހިޔާލު ބަދަލުކޮށް ވާހަކަ ހިއްސާކުރާނެ ނަސީބު މަގުފަހިވިއެވެ. އެމީހުންގެ އާސާރީ އަތުފަންކާތަކުގަޔާ، ރުމާލާއި ކުރެހުންތަކާއި އުނަގަނޑުގައި އަޅާ ފޮތި ބެލްޓުތަކުގައި ތަފާތު އެކުވެރިކަމުގެ ބަސްތައް ލިއެ ހަދިޔާ ބަދަލު ކުރިއެވެ. އަދި ނޫޝޫ ބަހުރުވަ ބޭނުން ކޮށްގެން އެމީހުން ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އަންހެންވެރީން ބާއްވާ އެއްވުންތަކުގައި މިބަހުރުވަ ބޭނުންކޮށްގެން ލަވަތައް ކިޔައި އުޅުނެވެ.  އަދި ދޮށީ އުމުރުގެ އަންހެނުންގެ ޅެންތަކުގައި އެމީހުނަށް ދިރިއުޅުމުގައި ކުރެވިފައިވާ ތަޖުރިބާގެ ވާހަކަތައް ޅެމެއްގެ ސިފައިގައި އެލަވަތަކުގައި ހިމަނާ ޒުވާން އަންހެންވެރިނަށް އެވާހަކަތައް ހިއްސާ ކޮށްދެއެވެ.

މިއަދު އެއަވަށުގައި ދަނީ މިބަސް އަންހެނުންނަށް ދަސްކޮށްދިނުމަށް ހާއްސަ ކްލާސްތަކެއް ހިންގަމުންނެވެ. ޕޫވޭގައި ޒިން ނަމަކަށް ކިއާ އަންހެނެއްދަނީ އޭނާގެ މަންމަ އަދި ދައްތައާއި އެކު އެއަވަށަށް ޒިޔާރަތްކުރާ އަންހެނުން ނަށާއި، ފަތުރުވެރިންނަށް މިބަސް އުގަންނައިދެމުނެވެ.

ޒަމާން ބަދަލުވިޔަސް، ފިލައިގެން ފޮހެވިގެން ނުދާ މިފަދަ އާދަ ކާދަތައް ބަލާލުމަށް ލޯބިކުރާ ފަރާތްތަކަށް ޗައިނާއަށް ޒިޔާރަތް ކޮށްލާ މިބަސް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.