ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ ފަސޭހަކަމާއެކު މިސްރުގެ އަލް އަހްލީ 4-1 އިން ބަލިކުރުމަށްފަހު، ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރެއާލުން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ކެޕްޓަން ކަރީމް ބެންޒެމާ އާއި ގޯލްކީޕަރު ތިބައުޓް ކޯޓުއާގެ އިތުރުން ޑިފެންޑަރުން ކަމަށްވާ އެޑާ މިލިޓާއޯ އަދި ފާލަންޑް މެންޑީ އަށް ނުކުޅެވުނެވެ.
ރަބާތުގައި ހުންނަ ޕްރިންސް މޯލޭ އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލުން ލީޑްނެގީ 42 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގް، ވިނީޝަސް ޖޫނިއާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ރެއާލްގެ ޖާޒީގައި ވިނީޝަސް ކުޅުނު 202 މެޗުގައި ޖެހި 50 ލަނޑެވެ. ރެއާލުން މި ލަނޑުޖެހުމުގެ ކުރީން، 28 ވަނަ މިނެޓުގައި ވިނީޝަސް ފޮނުވާލި ބޯޅައެއް އަލް އަހްލީގެ ކީޕަރު، މިސްރުގެ ގައުމީ ޓީމުގެ މުހައްމަދު އަލް ޝަނާވީ މަތަކުރިއިރު، އޭގެފަހުން ރޮޑްރީގޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރެއާލްގެ ލީޑް ފުޅާކޮށްދިނީ އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ އެވެ. މިއީ ރޮޑްރީގޯ ފޮނުވާލި ބޯޅައެއް އަލް އަހްލީގެ ކީޕަރު އަލް ޝަނާވީ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ވަލްވާޑޭ އަށް ލިބުމުން ހުސް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ވިނީޝަސް އަށް ދެ ފަހަރެއްގެ މަތީން ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތައް ބޭކާރުކޮށްލިއިރު، މެޗުގެ 65 ވަނަ މިނެޓުގައި އަލް އަހްލީ އަށް ލިބުނު ޕެނަލްޓީއަކުން އަލީ މަލޫލް ވަނީ އެ ޓީމަށް އުއްމީދެއް ހޯދައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ހުސެއިން އަލް ޝަހާތު އަށް ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އަދި އޭގެފަހުން، އަލް އަހްލީ އަށް އެއްވަރުކޮށްދޭން މުހައްމަދު މަގްދީ އަށް ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވިއިރު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރެއާލަށް ލިބުނު ޕެނަލްޓީއެއް ލޫކަ މޮޑްރިޗް އަތުން ވަނީ ބޭކާރުވެފައެވެ. އިތުރުވަގުތުގައި ރެއާލްގެ އަނެއް ދެލަނޑުޖަހައިދިނީ ރޮޑްރީގޯ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖިއޯ އަރީބާސް އެވެ.
ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި ރެއާލް ނިކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލަމެންގޯ 3-2 އިން ބަލިކުރި ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ.
