ފްރެންޗް ކަޕްގެ ގަދަ 16 ގެ ބުރުގައި ވާދަވެރި އޮލިމްޕިކް މާސޭ އަތުން ބަލިވެ، ޕީއެސްޖީން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުގޮސް ކަޓައިފިއެވެ. މި މެޗުން މާސޭ މޮޅުވީ 2-1 އިންނެވެ.
މިއީ 2011 ވަނަ އަހަރު ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި) އިން ޕީއެސްޖީ ގަތް ފަހުން މާސޭ އަށް އެ ޓީމު އަތުން މޮޅުވެވުނު ތިން ވަނަ ފަހަރެވެ. އޭގެތެރެއިން، މޮޅުވީ އަނެއް ދެ މެޗަކީ ލީގުގައި ކުޅުނު ދެ މެޗެވެ. އަނެއްކޮޅުން މިއީ މި އަހަރުގެ ތެރޭގައި ޕީއެސްޖީ ބަލިވި ތިންވަނަ މެޗެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ އަނިޔާގައި ހުރި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާ ނުލައެވެ. އެކަމަކު، އަނިޔާއަށްފަހު ބްރެޒިލްގެ ތަރި ނޭމާ ވަނީ ޓީމާ ގުޅިފައެވެ. ޕީއެސްޖީގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންނަކީ އެމްބާޕޭގެ އިތުރުން ނޯޑީ މުކިއޭލޭ އާއި ޕްރެސްނެލް ކިމްޕެމްބޭ އެވެ. މާސޭ އިން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އަމިން ހަރިތު ހުރީ އަނިޔާގައެވެ. އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަންގައި ދެން ނުކުޅެވޭނެއެވެ.
މާސޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޗެންގީޒް އުންޑާ އަށް ޕީއެސްޖީގެ ޑިފެންޑަރު، ސާޖިއޯ ރާމޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނޭމާ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރާމޯސް ވަނީ ޕީއެސްޖީއަށް އެއްވަރުކޮށްދީފައެވެ. އޭގެކުރީން، ޕީއެސްޖީ އަށް އެއްވަރުކޮށްދޭން ނޭމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
އެއަށްފަހު ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ޔޫކްރޭންގެ މިޑްފީލްޑަރު، ރުސްލަން މަލިނޮވްސްކީ ވައްދާލި ލަނޑާއެކު ވެލޮޑްރޯމް ސްޓޭޑިއަމްގައި ތިބި މާސޭގެ ސަޕޯޓަރުންގެ އަޑާއެކު ދަނޑުގެ އެކި ހިސާބުތައް ގުގުމަމުންދިޔައެވެ.
މެޗުގެ އިތުރުވަގުތުގައި ރާމޯސް ގޯލެއް ކާމިޔާބުކުރިނަމަވެސް އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
މި މެޗުން ބަލިވުމާއެކު ޕީއެސްޖީން ސީޒަނުގައި ހަތަރު ތަށި އުފުލާލުމަށް ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުން އައިސްފައެވެ.
