ނެޓްފްލިކްސް އިން ސްޕެއިންގެ ކްރައިމް ސީރީޒް މަނީ ހައިސްޓް ސްޓްރީމް ކުރަން ފެށިއިރު،މި ޝޯއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ލަފާކުރީ ވަރަށް މަދު ބަޔަކަށެވެ. ފުރަތަމަ ހަފްތާގައި ޖުމްލަ 190 މިލިއަން ގަޑިއިރު ބަލާފައިވާ މި ސީރީޒްގެ ފަހު އެޕިސޯޑް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ދައްކާފައިވެ އެވެ. އެއީ ފަސް ސީޒަންއަށް ކުރިއަށް ދިޔަ ޝޯއަށް ގިނަ ބަޔެއް ޝައުގުވެރިވިކަމުގެ ނިޝާނެކެވެ. ނެޓްފްލިކްސް އިން ދާދި ފަހުން މިވަނީ މަނީ ހައިސްޓްގެ ފޭނުންނައް ވަރަށް އުފާވެރި ހަބަރެއް ދީފައެވެ. އެއީ މަނީ ހައިސްޓް އެނބުރި އަންނަ ވާހަކައެވެ. ނަމަވެސް ސްޕިން އޮފް އެއް ގޮތުގައިއެވެ. 

"ބާލިން" ކިޔާ މި ސީރީޒް ބިނާވެފައިވަނީ މަނީ ހައިސްޓްގެ ކެރެކްޓާސް ތަކުގެ ގިނަ ބަޔެއް ގެ ފޭވްރިޓް ކެރެކްޓާއެއް ކަމުގައި ބާލިންގެ މައްޗަށެވެ. ނެޓްފްލިކްސްއިން މި ސީރީޒް އާއި ބެހޭ މާ ބޮޑު މައުލޫމާތެއް އާންމުކޮށްފައި ނުވާ އިރު މި ސީރީޒް ނެރެން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އެމީހުން ވަނީ އިއުލާނުކޮށްފައެވެ. ސްޕެއިންގެ މީޑިޔާ އަކަށް މައުލޫމާތު ދެމުން މަނީ ހައިސްޓްގެ ޑައިރެކްޓާ އެލެކްސް ޕިނާ ބުނެފައިވަނީ މި ސީރީޒް   އިން ބޮޑަށް ފެނިގެންދާނީ ބާލިން އާއި އޭނާގެ ގޭންގުން ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޖަވާހިރު ވަގަށް ނަގަން ކުރާ މަސައްކަތްކަމަށާއި މީގެ އިތުރުން ބާލިން އަށް ލޯބިވެވިގެންދާ މަންޒަރުވެސް ފެނިގެންދާކަމަށެވެ. 

މި ސީރީޒް އިން ބާލިންގެ ރޯލުން ފެނިގެން ދާނީ އަސްލު މަނީ ހައިސްޓް ގައިވެސް ބާލިންގެ ރޯލް އަދާ ކުރި ޕެޑްޜޯ އަލޮންސޯއެވެ. މީގެ އިތުރުން ކޭލާގެ ރޯލުން މިޝެލް ޖެނަރ، ކެމަރަންގެ ރޯލުން ބެގޯނާ ވާގާސް، ރޯއީގެ ރޯލުން ޖޫލިއޯ ޕެނާ، ޑޭމިއަންގެ ރޯލުން ޓްރިސްޓަން އުލޯއާ އަދި ބްރޫސްގެ ރޯލުން ޖޯއެލް ސަންޗޭޒް ފެނިގެންދާނެ އެވެ. އަސްލު ސީރީޒްގެ އެހެން ތަރިން ފެނިދާނެ  ފުރުސަތު އޮތް ނަމަވެސް ނެޓްފްލިކްސް އިން އެކަމާއި ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް އަދި ދީފައެއް ނުވެއެވެ.  މި ސީރީޒް ލިޔެފައިވަނީ ޕީނާ، ޑޭވިޑް އޮލިވާ، ޑޭވިޑް ބާރޯކަލް، އަދި އެސްތަރ މާޓިނޭޒް ލޮބާޓޯ އެވެ.