ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ކުރީޒަމާނުގެ މީހުން އެމީހުނަށް ލިބެން ހުންނަ އެއްޗަކުން ދިރިއުޅުމުގެ މުހުތާދުތައް ފުރިހަމަކުރަމުން ދިޔަޔަސް މިޒަމާނުގައި ބޭނުން ކޮންމެ އެއްޗެއް ކޮންމެއިރަކު ލިބެންހުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޚަރަދުބޮޑު ދިރިއުޅުމެއް އުޅެން ދަސްވުމެވެ. ކުރީޒަމާނުގައި މީހުން ދިރިއުޅުނީ ކަރަންޓެއް އަލިކަމެއް ނެތް ފުޅިބައްތީގެ ދުނިޔެއެއްގައެވެ. އަދި އަރާމު ނިންޖަކަށް ފަންކާ ނުވަތަ އޭސީގެ ފިނިކަން މުހިންމެއް ނޫނެވެ. ބޭރުއަށިމަތީ ކުނާ ފަތުރާލައިގެން އޮވެ ނިދާލަން ފަސޭހައެވެ. ހޫނުކަމެއް އިހްސާސެއް ނުމެވެއެވެ. ނަމަވެސް މިޒަމާނުގެ ކުދިންނަށް އަރާމު ނިންޖަކަށްޓަކައި އޭސީ މުހިންމެވެ. މަދު މީހަކަށް އޭސީގެ ފިނިކަން ކަމުނުދިޔަ ނަމަވެސް ގިނަމީހުން ފަންކާއަދި އޭސީ އެއްފަހަރާ ބޭނުންކުރެއެވެ.  

މި އާރޓިކަލް ލިޔުމަށްޓަކައި ކުޑަކުޑަ ދިރާސާއެއް އަޅުގަނޑު ކޮށްލީމެވެ. އަދި އާންމުކޮށް މީހުން ބޭނުންކުރަނީ އޭސީތޯ ނުވަތަ ފަންކާތޯ ނުވަތަ އޭސީއާއި ފަންކާ ދޭތި އެއްކޮށްތޯ އަޅުގަނޑު ސުވާލުކުރީމެވެ. އަޅުގަނޑަށް ފާހަގަވި ގޮތުގައި ސުވާލުކުރި މީހުންގެ އަށްޑިހަ އިންސައްތަ އަކީ ފަންކާއާއި އޭސީ އެއްކޮށް ބޭނުންކުރާ މީހުންނެވެ. އެމީހުން ބުނާގޮތުގައި  ހަމައެކަނި އޭސީ ޖެއްހުމުން މާބޮޑަށް މާހައުލު ހަމަހިމޭންވުމުން ނިދަން އުނދަގޫވަނީއެވެ. އަދި އަނެއްބަޔަކު ހަމައެކަނި ފަންކާ ބޭނުންކުރާއިރު އޭސީ އެކަނި ބޭނުންކުރާކަމަށް ބުނަނީ މަދު ބައެކެވެ. އެހެންކަމުން މިކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ އޭސީއާއި އެކު ފަންކާ ބޭނުންކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި ވަރަށްބޮޑަށް ހަރުލާފައިވާ ކަމެވެ.

އޭސީއާއި އެކު ފަންކާ ބޭނުންކުރުމާމެދު ކަމުގެ މާހިރުންގެ ބަހެއްވެސް އަޅުގަނޑު ހޯދާލީމެވެ. ބައެއް މީހުންގެ ވިސްނުން މިކަމުގައި ތަފާތުވީ ނަމަވެސް ގިނަމީހުން ބުރަވާގޮތުން ދޭތި އެއްކޮށް ބޭނުންކުރުމުން ލިބޭ ގެއްލުން ހީވެސް ނުކުރާހާ ގިނައެވެ. ސަބަބަކީ އޭސީއަކީ އޭގެ އަމިއްލަ ޒާތުގައި އޭގެ ފިނިން މުޅިތަން އެއްކޮށް ފިނިކޮށްލާ އެއްޗެކެވެ. އެހެންކަމުން އޭސީގެ ފިނިކަން ދެމެހެއްޓުމަށްޓަކައި އަދި ހަކަތަ އިތުރުކުރުމަށްޓަކައި އިތުރު އެހެން އެއްޗެއް މުހިންމެއް ނޫނެވެ. އޭސީއާއި ފަންކާ އެއްކޮށް ބޭނުންކުރުމުން ތިމާއަށް ބޭކާރު އެކުރެވެނީ ކިހާ މިންވަރެއްގެ ކަރަންޓެއް ކަމާއި އެކަރަންޓުބިލް ދެއްކުމަށްޓަކައި ތިމާއަށް އިސްރާފް އެކުރެވެނީ ކިހާ ފައިސާއެއްތޯ އަންދާޒާ ކުރެވޭނަމަ ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު އެގޮތަށް ޢަމަލުތައް ނުބަހައްޓާނެކަން ޔަޤީނެވެ. ސަބަބަކީ އޭސީޖައްސާފައި ހުންނަ ވަގުތު ފަންކާ ޖެހުމުން ފަންކާގެ ވައިގެ ބާރުން އެސީގެ ތާމޯސްޓެޓްގެ ޑިގްރީ މަތިވެ އޭސީއަށް ބާރުބޮޑުވެއެވެ. މިކަމުގެ ސަބަބުން ކަރަންޓުގެ ޔޫސޭޖް މަތިވެއެވެ.

ކޮންމެގޮތެއްވިޔަސް މިއާދަތަކަކީ ތިމާ އަމިއްލައަށް ބަދަލުކުރުމުން ނޫނީ ކެނޑިގެން ނުދާނެ އާދަތަކެކެވެ. ނަމަވެސް ކަމުގެ ބޮޑުކުޑަމިނަށް ބަލާފަ ބައެއް ކަންކަމަކީ ގަދަކަމުންވެސް ދުރުހެލިވުން ހައްގު ކަންކަމެވެ. ތިމާއަށް ކަނޑައެޅިގެން އެނގިހުރެ އެންމެ ފައިސާފޮށްޗެއްވެސް ބޭކާރުކޮށްލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެއްފަހަރު ނަމަވެސް މިކަމުގެ އަޖުމަ ބަލާލާ ތިމާއަށް އެންމެ މަހެއްގެ ކަރަންޓުބިލުންވެސް ސަލާމަތްކުރެވެނީ ކިހާ ފައިސާއެއްތޯ ބަލާލުން ކީއްހެއްޔެވެ.