ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) ނިސްބަތްވާ ގދ. ވާދޫ އިން ފުރަތަމަ މެޗުގައި ގދ. ގައްދޫ އަތުން 3-1 އިން މޮޅުވިއިރު، ހދ. ނޭކުރެންދޫން 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހދ. ހިރިމަރަދޫ ބަލިކޮށްފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ކުރީކޮޅު ވާދޫ އަށް ލީޑްނަގައިދިނީ ނަޝާހު އަހުމަދު (ނައްޓު) އެވެ. އެ ޓީމުގެ ޝައުފް ދިން ބޯޅައަކުން ނައްޓު މި ލަނޑުޖެހީ ބެކްހީލް އަކުންނެވެ. ގައްދޫން އެއްވަރުކުރި ލަނޑު، 11 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އާލިމް އަބްދުލް އަޒީޒު އެވެ. މިއީ ދަނޑުގެ މެދާ ކައިރިން ފޮނުވާލި ހަމަލާއަކުން އާލިމް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ހިލޭޖެހުމަކުން ވާދޫ އަށް އަލުން ލީޑްނަގައިދިނީ މުހައްމަދު ނާއިލް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ގައްދޫ ޓީމުގެ ރިފްޝާން (ދޮންބެ) އަށް ބޯޅަ ނެތީސް ފަހަތުން ކުރި ފައުލަކަށް ވާދޫގެ ނައްޓު އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައިވެއެވެ. އޭގެފަހުން، މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ވާދޫ އަށް މި މޮޅު ކަށަވަރުކޮށްދިނީ މުހައްމަދު އިޔާދު އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ ކެޕްޓަން އަޔާ އެވެ.

ނޭކުރެންދޫން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހިރިމަރަދޫ ކޮޅަށް ދެ ލަނޑުޖެހިއިރު، އެ ޓީމުން ޖެހި އަނެއް ނުވަ ގޯލް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި މެޗުގައި ނޭކުރެންދޫން ޖެހި ލަނޑުތަކުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް ހެޓްރިކް ހެދިއިރު، ޝިފާޒް އާދިލް (ތުއްތު) އާއި މުހައްމަދު އަބާން އިބްރާހިމް އަދި މުހައްމަދު އަބްދުލް ކަރީމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ އަލީ ނިޝާން އާއި މުހައްމަދު ރާއިފް ފަޒީލް އެވެ. މި މެޗުގައި ހިރިމަރަދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ރިސްފާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ނޭކުރެންދޫގެ ކެޕްޓަން ވިލްފް އެވެ.

ރޭގެ މެޗުގައި ގދ. ގައްދޫ ކޮޅަށް ލަނޑުޖެހުމަށްފަހު ވާދޫ ޓީމުގެ މުހައްމަދު އިޔާދު އަލީ އުފާ ފާޅުކުރަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު

މި މުބާރާތުގައި ރޭ ލ. ގަމުން 2-1 އިން ލ. މާމެންދޫ އަތުން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖުނައިދު އާއި ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. މާމެންދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުސެއިން އަޒުމަތު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ނާއްޓޯ އެވެ.

ލ. އަތޮޅުގެ އަނެއް މެޗުގައި ކަލައިދޫ އަތުން މާބައިދޫ މޮޅުވީ ވެސް 2-1 އިންނެވެ. މާބައިދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ތޯހާ އާއި މުހައްމަދު ފައިޒަމް އެވެ. ކަލައިދޫގެ ލަނޑުޖަހައިދިނީ މުހައްމަދު އަކުރަމް އެވެ.

ހދ. އަތޮޅުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނާވައިދޫ އިން 3-1 ގެ ނަތީޖާއަކުން ނޮޅިވަރަންފަރު ބަލިކުރިއިރު، މަކުނުދޫ އިން ވަނީ ވައިކަރަދޫ އަތުން 2-1 އިން މޮޅުވެފައެވެ. އަދި ނެއްލައިދޫ އިން ވަނީ 2-1 އިން ކުމުންދޫ ބަލިކޮށް ދެވަނަ މޮޅު ހޯދައިފައެވެ.

ހދ. ހިރިމަރަދޫއާ ދެކޮޅަށް ނޭކުރެންދޫ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އަބްދުﷲ ޔަޝާއު

ރޭގެ މެޗުގައި ނޮޅިވަރަންފަރު ކޮޅަށް ނާވައިދޫން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މީގެތެރެއިން ޝާއްޕެ ދެ ލަނޑުޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ނޮޅިވަރަންފަރުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

މަކުނުދޫ އިން ރޭގެ މެޗުގައި ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ ނިހާން އަހުމަދު އާއި ޒިދާން އަހުމަދު އެވެ. ވައިކަރަދޫގެ ލަނޑުޖަހައިދިނީ އިބްރާހިމް އަގީލް އެވެ. ނެއްލައިދޫ އިން ކުމުންދޫ ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ހާފިޒް އާއި މުހައްމަދު ވިސާމް އެވެ. ކުމުންދޫގެ ގޯލްޖަހައިދިނީ މަންސޫރު މުހައްމަދު އެވެ.

ގދ. އަތޮޅުގައި ރޭ ކުޅުނު ދެވަނަ މެޗުގައި އާދަމް ލަރީފް (ރޮނާ) ގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ ހޯނޑެއްދޫ އިން ވަނީ 2-1 އިން ތިނަދޫ އަތުން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ނަވާލް ޖަމީލް އާއި އަހުމަދު ސާނިއު އަބްދުލް ޣަނީ އެވެ. ތިނަދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިބްރާހިމް ހުސެއިން އެވެ.