މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖްގައި އެންމެ ފަހުން ކުޅެވުނު ދެ މުބާރާތުގެ ޗެމްޕިއަން ތ. ތިމަރަފުށިން 8-1 ގެ ނަތީޖާއަކުން ތ. ބުރުނި ބަލިކޮށް ގްރޫޕް ސްޓޭޖު ބޮޑު މޮޅަކާއެކު ފެށިއިރު، ހއ. ވަށަފަރުން 2-1 އިން ހއ. އުތީމުގެ މައްޗަށް ހޯދީ މޮޅާއެކު ގްރޫޕް ސްޓޭޖު ފުރިހަމަ ރެކޯޑަކާއެކު ނިންމާލައިފިއެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގައި ތިމަރަފުއްޓަށް ލީޑްނަގައިދިނީ އިބްރާހިމް ހަމްދާން އެވެ. އޭގެފަހުން، މެޗުގެ 10 އާއި 15 ވަނަ މިނެޓުގައި ހަމްދާން އަދި އެ ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) ވައްދާލި ލަނޑުތަކާއެކު ތިން ލަނޑުގެ ލީޑެއްނަގާފައިވަނިކޮށް ތިމަރަފުށީގެ ތިންވަނަ ލަނޑުޖެހިތާ ސިކުންތުކޮޅެއްގެ ތެރޭގައި ބުރުނީ އަށް ފަރަގު ކުޑަކޮށްދިނީ މުހައްމަދު ސަލީމް އެވެ.
ދެވަނަ ހާފު ފެށިތާ ކުރީކޮޅު ތިމަރަފުއްޓަށް އަލުން ތިން ލަނޑުގެ ލީޑް ދަމަހައްޓައިދިނީ އަލީ ޝިފާއު (ރޮނާ) އެވެ. އޭގެފަހުން، މެޗުގެ 28 އާއި 32 އަދި 33 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލްތަކާއެކު ހަމްދާން ހެޓްރިކް ފުރިހަމަކޮށް ނަތީޖާ ވަނީ 7-1 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ފަހު ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރޮނާ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ހއ. އަތޮޅުގެ ތިން ގްރޫޕުގެ ކުޅުން ވަނީ ނިމިފައެވެ. ރޭގެ ނަތީޖާތަކަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ޓީމުތަކަކީ؛ ކެލާ، ބާރަށް، މާރަންދޫ، ވަށަފަރު، އުތީމު، ހޯރަފުށި އާއި ދިއްދޫގެ އިތުރުން ފިއްލަދޫ އަދި މުރައިދޫ އެވެ.
ރޭގެ މެޗުގައި އުތީމު ކޮޅަށް ވަށަފަރުން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސަނޫން އާއި އަބްދުﷲ ސިނާން އެވެ. އުތީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާދަމް އިޔާޒު އެވެ. ފިއްލަދޫން 3-2 އިން ތަކަންދޫ ބަލިކުރިއިރު، އެ ޓީމުގެ އަލީ ކާމިލް ހެޓްރިކް ހެދިއެވެ. ތަކަންދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ހަސަން އަހުމަދު އާއި މުހައްމަދު ސިމްހާން އެވެ.
މާރަންދޫން 3-2 އިން ބާރަށް ބަލިކުރިއިރު، މި މެޗުގައި މާރަންދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު މުހައްމަދު އާއި ސަމްހާން އަބްދުއްރަހުމާން އަދި މުހައްމަދު ރަމީޒް އެވެ. ބާރަށުގެ ލަނޑުތައް ޖަހައިދިނީ ސަމްއާން އަބްދުއްޝުކޫރު އާއި އަހުމަދު ފައިޒާން އެވެ. ދިއްދޫއާ ދެކޮޅަށް މުރައިދޫ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫގެ ގޯލްތައް ޖެހީ ހައިޝަމް ރަޝީދު އާއި އާދަމް ނަސީމް އެވެ. މުރައިދޫގެ ލަނޑުތައް ޖަހައިދިނީ އިޔާން އަހުމަދު ރަޝީދު އާއި ހުސެއިން އިރުފާން އަލީ އެވެ.
ހޯރަފުށްޓާއި ދެކޮޅަށް އިހަވަންދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ހޯރަފުށީގެ ކެޕްޓަން އަބްދުﷲ ޔާމީން (ޔާނު) ދެ ލަނޑުޖެހިއިރު، އިހަވަންދޫގެ ދެ ލަނޑުޖަހައިދިނީ ކެޕްޓަން އިބްރާހިމް ހާމިދު އެވެ. ކެލާ އިން 2-0 ގެ ނަތީޖާއަކުން ތުރާކުނު ބަލިކުރި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އިނާދު އާއި އަލީ އިމާދު އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް އަދި މިފަހަރު މުޅިން އަލަށް ބޭއްވި ޗެރިޓީ ޝީލްޑްގެ ޗެމްޕިއަން ކ. ގާފަރުން ވަނީ 2-1 އިން ކ. ގުރައިދޫ ބަލިކޮށް އަތޮޅު ބުރުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ. މި މެޗުގައި ގާފަރުން ޖެހި ލަނޑުތައް ކާމިޔާބުކުރީ އިބްރާހިމް ރިމާހު (ރިމޭ) އާއި އަލީ މާއިސް (މައްޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މައްޓު އެވެ. ގުރައިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ މުހައްމަދު މުސްއަފް އިބްރާހިމް އެވެ.
ކ. ތުލުސްދޫ އަތުން 6-1 ގެ ނަތީޖާއަކުން ހޯދީ ބޮޑު މޮޅާއެކު ކ. ދިއްފުށިން ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. މި މެޗުގައި ދިއްފުށީގެ އަހުމަދު މާޒިން އާއި ރިލްވާން ރަޝީދު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އަނެއް ދެ ލަނޑުޖަހައިދިނީ ޒައިން ޒަފަރު އާއި ޝައިހާން ފާއިޒް އެވެ. ތުލުސްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝައިން ހަސަން އެވެ.
ކ. އަތޮޅުގެ އަނެއް މެޗުގައި ކ. ހިންމަފުށި އަތުން ކ. މާފުށި މޮޅުވީ 2-1 އިންނެވެ. މި މެޗުގައި މާފުށީގެ ލަނޑުތައް ޖަހައިދިނީ ހަަސަން އިމްރާން އާއި ޒުލްކިފްލް ޒާހިރު އެވެ. ހިންމަފުށީގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު ޖައިލަމް އެވެ.
މ. އަތޮޅު ނާލާފުށިން 4-1 ގެ ނަތީޖާއަކުން މ. މުލަކު ބަލިކުރިއިރު، ނާލާފުށިން މި މެޗުގައި ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން އަލީ އަޒުމީލް އެވެ. މުލަކުގެ ލަނޑުޖަހައިދިނީ ސުޖުއާން ހުސެއިން އެވެ.
މ. މަޑުއްވަރީގެ މައްޗަށް މ. ކޮޅުފުށިން 3-2 އިން ކުރިހޯދީއިރު، ކޮޅުފުށީގެ ކެޕްޓަން މޫސާ ޒާހިރު ހެޓްރިކެއް ހެދިއެވެ. މަޑުއްވަރީގެ ދެ ލަނޑުވެސް ޖެހީ އިރުފާން އާމިރު އެވެ.
