ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ "ކްރިޝް" ފްރެންޗައިޒްގެ 04ވަނަ ފިލްމު "ކްރިޝް 4"އަށް ހޮލީވުޑް ޑައިރެކްޓަރެއް ހޯދާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ.
ދާދިފަހުން ބޭރުގެ ބައެއް މީޑިއާތަކުން ފަތުރަމުންދިޔަ މި ޚަބަރުތަކަށް ރައްދު ދެމުން ރާކޭޝް ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި، ރިތިކް، އަދި "ކްރިޝް"އާ ދޭތެރޭ ނުވެސް ވިސްނާ ކަމަށެވެ. އަދި މިހާރު އޭނާގެ 'ފުލް-ފޯކަސް' އިނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމު "ފައިޓަރ"އަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި "ކްރިޝް 4"ގެ ސްކްރިޕްޓް މިހާރު އޮތީ ނިމިފައެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރު ތަފްޞީލެއް އިތުބާރުކުރެވޭ އެއްވެސް ފަރާތަކުން ދީފައެއް ނުވެއެވެ.

"ކްރިޝް"އަކީ 2003ވަނަ އަހަރު ރިލީޒްކުރި "ކޮއީ މިލް ގަޔާ"އިން ދިގުލައިގެން ދިޔަ ބިޔަ، ބޮޑު ސުޕަރހީރޯ ފްރެންޗައިޒެކެވެ. މައިގަނޑު ރޯލުން ރިތިކް ރޯޝަން ފެނިގެންދާއިރު "ކްރިޝް 4"ގައި ރިތިކް 04 ކެރެކްޓަރއަކުން ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ހަމައެހެންމެ "ކޮއީ މިލް ގަޔާ"ގައި ޖައްވުން އަންނަ އޭލިއަން ކަމަށްވާ "ޖާދޫ"ގެ އެނބުރި އައުން ވެސް "ކްރިޝް 4"ގައި ވޭ ކަމަށް ރިތިކް ވަނީ ބުނެފައެވެ.
"ކްރިޝް 4"ގެ މައިގަނޑު ރޯލުތަކުން ވެސް ފެންނާނެ ކަމަށް ބެލެވެނީ "ކްރިޝް 3"ގެ އެކްޓަރުންނެވެ. އެއީ ޕްރިޔަންކާ ޗޯޕްރާއާއި ރޭކާގެ އިތުރުން ނަސީރުއްދީން ޝާހެވެ.
ރިތިކް ރޯޝަން އެންމެ ފަހުން ފެނިގެންދިޔައީ ސައިފް ޢަލީ ޚާނާއެކު "ވިކްރަމް ވޭދާ"އިންނެވެ. އަދި ކުރިއަށް ދެން އޮތީ "ފައިޓަރ"އެވެ.
