މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރިލީޒްކުރަން ހަމަޖެހިފައިވާ، ސަލްމާން ޚާންގެ "ކިސީ ކީ ބާއީ ކިސީ ކީ ޖާން"ގެ ލަވައެއް ރޭގައި ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ. "ބިގް ބޮސް"ގެ ފިނާލޭ ޝޯވގައި މިލަވަ ރިލީޒްކޮށްފައިވާއިރު މިލަވައިގައި ފެނިގެންދަނީ ސަލްމާނާއި ޕޫޖާ ހެގްޅޭގެ ރޮމޭންޓިކް މަންޒަރުތަކެވެ.
ތަފާތު، އަދި އެހާމެ ހިތްގައިމު ސަރަޙައްދުތަކުގައި ޝޫޓްކޮށްފައިވާ މި ލަވައަށް ގިނަ ބައެއްގެ ތަރުޙީބު ދަނީ ލިބެމުންނެވެ. "ނެއިޔޯ ލަގްޅާ"ގެ ނަމުން ނަން ދީފައިވާ މިލަވައިގެ ކޮމްޕޯސަރަކީ ހިމޭޝް ރެޝާމިޔާއެވެ. މީގެ ކުރިން ވެސް ސަލްމާންގެ އެތައް ލަވަތަކެއް ވަނީ ހިމޭޝް ކޮމްޕޯސްކޮށްފައެވެ. އަދި އެހާމެ 'ހިޓް' ލަވަތަކަކަށް ވެސް ވެގެން ގޮސްފައެވެ. އޭގެ ތެރޭގައި "ޖުމްމޭ ކީ ރާތުހޭ"އާއި "ތޭރޭ ނާމް" ފަދަ ލަވަތައް ހިމެނެއެވެ. ޝަބީރު އަޙްމަދު ލިޔެފައިވާ މި ލަވަ ކިޔައިފައިވަނީ ކަމާލް ޚާނާއި ޕަލަކް މޫޗާލްއެވެ.
"ކިސީ ކީ ބާއީ ކިސީ ކީ ޖާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިހިނގާ 2023 ވަނަ އަހަރުގެ އެޕްރީލް 21ގައެވެ. ފިލްމުގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަކަށް މިހާރު ނިމިފައިވާއިރު ފިލްމުގެ ޓީޒާއެއް ވެސް ވަނީ ދާދި ފަހުން ބެލުންތެރިންނަށް ދައްކާލައިފައެވެ. ޕޫޖާ ހެގްޅޭއާއި ސަލްމާންގެ އިތުރުން ޕަލަކް ތިވާރީ އަދި ޝެހެނާޒް ގިލް، މައިގަނޑު ރޯލުތަކުން ފެނިގެންދާ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ ފަރުހާދު ސަމްޖީއެވެ.
ނިމިދިޔަ ޖަނަވަރީ މަހު ރިލީޒްކުރި ޝާހްރުކްގެ "ޕަޓާން"ގައި ސަލްމާންގެ ވަރުގަދަ ކެމިއޯ ފެނި، ސަލްމާންގެ ފޭނުން ތިބީ އޭނާގެ ފިލްމަކަށް ކެތްމަދުވެފައެވެ. އަދި ސަލްމާންގެ ފޭނުންނަށް މިއަހަރަކީ ފޫހި އަހަރަކަށް ވެސް ނުވާނެއެވެ. ސަބަބަކީ "ކިސީ ކީ ބާއީ ކިސީ ކީ ޖާން"އަށްފަހު ނޮވެންބަރު މަހު "ޓައިގަރ 3" ވެސް ރިލީޒްކުރަން ހަމަޖެހިފައިވާތީއެވެ.
