ފެން ނުވަތަ އެހެން ބުއިންތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅި އަލަށް އުފައްދާ ފުޅިތަކަށް ވުރެ އޭގެ ތެރޭގައި ހުންނަ ތަކެތީގެ ތެރެއަށް ގެއްލުން ހުރި ކެމިކަލްތައް ލީކުވާ މިންވަރު ބޮޑުކަމަށް ސައިންސްވެރިން އިންޒާރު ދީފި އެވެ.

ބްރޫނެލް ޔުނިވާސިޓީ ލަންޑަންގެ ދިރާސާ ކުރާ ފަރާތްތަކަށް ޕްލާސްޓިކް ފުޅިތަކުން ބުއިންތަކަށް ލީޗްވާ 150 ކެމިކަލް ފެނިފައިވާއިރު، އޭގެ ތެރެއިން 18 ކެމިކަލް ހުންނަންޖެހޭ މިންގަނޑަށް ވުރެ މަތީ މިންވަރަކަށް ފެނިފައިވެ އެވެ.
ހޯދުންތަކުން ދެއްކި ގޮތުގައި ރީސައިކަލް ނުވަތަ އަލުން ބޭނުން ކޮށްފައިވާ  ޕޮލިއެތިލިން ޓެރެފްތަލެޓް (ޕީއީޓީ) ފުޅިއަށް އަޅާ ބުއިންތަކުގައި މުޅިން އާ ފުޅިއަށް އަޅާ ބުއިންތަކަށް ވުރެ ކެމިކަލްގެ މިންވަރު މައްޗެވެ.
ތަރމޯޕްލާސްޓިކް ޕީއީޓީ (ޕެޓްފުޅި) އަކީ ކާބޯތަކެތި ޕެކޭޖިންގައި އެންމެ ތިންވަނައަށް އެންމެ ގިނައިން ބޭނުންކުރާ ޕްލާސްޓިކް ވައްތަރު ކަމަށާއި، އެންމެ ގިނައިން ބަންދުކުރަނީ އެއްފަހަރު ބޭނުންކުރާ ބުއިންތައް ބަންދުކުރުމަށެވެ. މިފަދަ ފުޅިތަކަކީ ޕްލާސްޓިކް ކުނި އެންމެ ގިނައިން ފެންނަ އެއް ބާވަތް ކަމުން ޕީއީޓީ ރީސައިކަލް ކުރުމުގެ މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ. ދާދިފަހުން އީޔޫއިން ނެރުނު ޑިރެކްޓިވްއެއްގައި ބުނެފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ޕީއީޓީ ފުޅިތަކުގައި މަދުވެގެން %30 ރީސައިކަލް ކޮންޓެންޓް ހުންނަން ޖެހޭނެ ކަމަށެވެ.
ޕީއީޓީ އަކީ ގިނަ އަދަދެއްގެ ކެމިކަލް ތަޣައްޔަރު މާއްދާތަކުގެ މަސްދަރެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ.އޭގެ ތެރޭގައި ބިސްފެނޯލް އޭ ފަދަ އެންޑޮކްރައިން ޑިސްރަޕްޓަރސް ، ދަރިމައިވުމުގެ މައްސަލަތައް (ރިޕްރޮޑަކްޓިވް ޑިސްއޯޑަރސް)، ހިތުގެ މައްސަލަތައް (ކާޑިއޯ ވެސްކިއުލަރ )މައްސަލަތަކާއި 
ކެންސަރުގެ އިތުރުން އެހެނިހެން ބަލި އަސަރުތައް ކުރިމަތިކުރުވާ މާއްދާ އެކުލެވެއެވެ.
މި ދިރާސާހެދި ފަރާތްތަކުން ޕްލާސްޓިކް ފުޅިތަކުގައި ކެމިކަލް ތަޣައްޔަރުވުން ހުރި މިންވަރު ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 91 ދިރާސާއެއް ހެދިފައިވެއެވެ. މި ދިރާސާގައި އިސްކޮށް އުޅުއްވި ބްރޫނެލްގެ ސެންޓަރ ފޯ ޕޮލިއުޝަން ރިސާޗް އެންޑް ޕޮލިސީގެ ލެކްޗަރާ ޑރ އެލެނީ އިއާކޯވިޑޫ ވިދާޅުވީ މި ކެމިކަލްތައް ފުޅީގައި އެކުލެވެނީ ޕީއީޓީ އުފެއްދުމުގެ ތެރޭގައި ޑިގްރެޑޭޝަންގައި ބޭނުންކުރާ ކެޓަލައިސްޓްތަކާއި އެޑިޓިވްސް އާއި ޑިގްރެޑޭޝަން ފަދަ އެކި މަސްދަރުތަކުން ނެވެ.
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިހުންނަ ބުއިންތަކުގައި ހުންނަ ކެމިކަލްގެ އަދަދު މަދުކުރުމަށްޓަކައި، ދިރާސާއިން ދައްކާ ގޮތުގައި، "ސުޕަރ ކްލީނިން" ޕްރޮސެސް ޓެކްނޮލޮޖީއެއް ބޭނުންކުރެވިދާނެ އެވެ. މިއީ ރީސައިކަލް ކުރުމުގެ ކުރިން ބާ ޕްލާސްޓިކް ސާފުކުރުމަށް ތިން މަރުހަލާއެއް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.އެއީ މަތީ ފިނިހޫނުމިނަކުން ދޮވުމާއި، ގޭސް ބޭނުންކޮށްގެން ދޮވުމާއި، ކެމިކަލް ދޮވުމެވެ.
ރީސައިކަލް ކުރުމުގެ ޕްރޮސެސްތަކުގެ ތެރޭގައި މިހާރުވެސް ފުޅިތައް އަލުން ބޭނުން ކުރުމަށް ސެކަންޑަރީ ރޯ މެޓީރިއަލްއަކަށް ބަދަލު ކުރުމުގެ ކުރިން ސާފުކުރުން ހިމެނެއެވެ. އާ ސުޕަރ ކްލީނިންގ ޓެކްނޮލޮޖީތަކަށް އިންވެސްޓްކޮށްގެން، ރީސައިކަލް ކުރެވިފައިވާ ޕީއީޓީ ދުވަހަކުވެސް ބޭނުންބުކުރާ ޕީއީޓީއާ އެއްވަރުގެ މިންވަރަކަށް ޑިކޮންޓެމިނޭޓް ކުރުމުގެ ފުރުސަތު ބޮޑުކުރެވޭނެއެވެ. 
ނަމަވެސް މި މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ޕީއީޓީ ބޭނުންކުރުން އެއްކޮށް ނިމުމަކަށް ގެނައުމަށް މުޖުތަމައު މަސައްކަތް ފެށުން ކަމަށް އިއާކޯވިޑޫ ވިދާޅުވި އެވެ. 
“އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް އެބައޮތް. އަޅުގަނޑުމެންގެ ގޭބިސީތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވޭނެ ގޮތަކާ މެދު ވިސްނަން ފަށަން ޖެހޭނީ މިސާލަކަށް ފެން ފިލްޓަރުތަކަށް، ނުވަތަ ބޮޑެތި ފެން ކޮންޓެއިނަރުތަކަށް އިންވެސްޓްކޮށް، އަޅުގަނޑުމެންގެ ޕްލާސްޓިކް ކުނި ރަނގަޅަށް ނައްތާލާނެ ގޮތް ދަސްކޮށްގެން،” އިއާކޯވިޑޫ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށްފިނަމަ އަޅުގަނޑުމެންނަށް ބަދަލު ފެންނާނެ، ޑިމާންޑް މަދުވުމަކީ އުފެއްދުން މަދުވުމާ ކަމެއް.”އޭނާ ވިދާޅުވިއެވެ.