ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މާސީ ސައިޑް ޑާބީ މެޗުގައި އެވަޓަން އަތުން ލިވަޕޫލް ހޯދީ މޮޅުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އެންފީލްޑްގައި ރޭ ވާދަވެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، އެ ޓީމުގެ ގޯލްތައް ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި ކޯޑީ ގަކްޕޯ އެވެ. 

"މި ނަތީޖާގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވޭ،" 

"މެޗެއްގައި ރަނގަޅަށް ކުޅުނު ވަރަކަށް ލަނޑުޖެހުމުގެ ފުރުޞަތު ބޮޑު. މިހާރު އޮތް ހާލަތުގެ ގޮތުން މި ދަނޑިވަޅުގައި މޮޅު ކުޅުމެއްދައްކައި ނަތީޖާ ނެރުމުގެ މުހިއްމުކަން އެނގިތިބި މިއީ ދެވުނު ރަނގަޅު މެސެޖެއް." ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ މިޑްފީލްޑްގައި ޒުވާން ކުޅުންތެރިޔާ ސްޓެފަން ބަޖެޓިޗްގެ ފަރާތުން ފެނުނު މޮޅު ކުޅުމާ ގުޅިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް އޭނާ އަށެވެ. ބަޖެޓިޗްއާ ގުޅޭގޮތުން ކްލޮޕް ބުނީ ޔޫތު ކެރިއަރުގެ ކުރީކޮޅު ލިވަޕޫލްގައި ފެނިގެންދިޔައީ ސެންޓަ ބެކެއްގެ ގޮތުގައި ކަމަށާއި މިރޭގެ މެޗުގައި ކުޅުނީ މިޑްފީލްޑްގެ ނަންބަރު އަށަކަށް ކަމަށެވެ. އަދި މީގެކުރީން މިޑްފީލްޑްގެ ނަންބަރު ހަޔަކަށް ވެސް ބައެއް މެޗުތަކުގައި ކުޅެފައިވާ ކަމަށެވެ. އަދި މިރޭ އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ކްލޮޕް ފާހަގަކުރިއެވެ.

މެޗަށްފަހު ބަޖެޓިޗްއާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ކްލޮޕް ބުނީ، "ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. މުޅިން އައު މަގާމަކަށް މިރޭ އޭނާ ކުޅުނީ؛ މީގެކުރީން އެ މަގާމަށް ދުވަހަކު ވެސް ކުޅެފައިވޭތޯ އޭނާގެ ގާތުގަ އަހާލަން ޖެހޭނީ. ހިއެއްނުވޭ މީގެކުރީން އެ މަގާމަށް ކުޅެފައިވާހެން،"

ގަކްޕޯއާ ބެހޭ ގޮތުން ކްލޮޕް ބުނީ، "ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ. ހާއްސަކޮށް ޑާވިން [ނޫނޭޒް]ގެ ގޯލަށް އެ ފުރުސަތު ތަނަވަސްކުރުމުގައި އޭނާގެ ބައިވެރިވުން ފާހަގަކޮށްލަންޖެހޭ. މުޅި މެޗުގައި ވެސް އޭނާ އަށް ޕްރެޝަރު ކުރިމަތިވި ދަނޑިވަޅުތަކުގައި ތަފާތު ދެއްކި،"

ކްލޮޕް އިތުރަށް ބުނީ ގަކްޕޯގެ ފަރާތުން ފެނުނު ގޯލަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ޖެހި އެންމެ އުނދަގޫ ގޯލަށް ނުވިނަމަވެސް މިދިޔަ ދުވަސްތަކުގައި ގޯލެއް ޖެހިފައިނުވުމާއެކު އެއީ ކޮންމެ ފޯވާޑެއް ވެސް ޖަހަން ބޭނުންވާނެ ފަދަ ގޯލެއް ކަމަށެވެ. 

ނިންމާލަމުން ކްލޮޕް ބުނީ، މި މެޗުގައި ފެނިގެންދިޔަ ދެ ގޯލަކީ ދެ ކުޅުންތެރިންނަށް ވެސް ވަރަށް މުހިއްމު ދެ ގޯލް ކަމަށެވެ. ދެން ލަނޑުޖަހަން އެ ފަދަ ފުރުޞަތެއް ބޭނުންވާނެ ކުޅުންތެރިއަކީ ނޫނޭޒް، ރޭގެ މެޗުގައި އޭނާ އަށް ރަނގަޅު ފުރުޞަތެއްލިބި ބޭނުމެއްނުހިފުނެވެ. އެކަމަކު، ރޭގެ މެޗުގައި ސަލާހު ޖެހި ގޯލްގައި ނޫނޭޒް އަދާކުރި ދައުރު ފާހަގަކޮށްލަންޖެހޭ ކަމަށާއި ވަރަށް ހަލުވި ދުވުމެއްގައި ގޮސް ރީތި ޕާހަކުން ތަނަވަސްކޮށްދިން ގޯލެއް ކަމަށް ކްލޮޕް ފާހަގަކުރިއެވެ.