މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗަކީ އުނދަގޫ އިމްތިހާނެއް ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ބުނެފިއެވެ.

ޔުރޮޕާ ލީގުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އިން އަންނަ ބުދަ ދުވަހުގެ ރޭ ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ ނިކުންނައިރު، އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 16 މެޗުން ވެސް ބަލިވެފައެއްނުވެއެވެ. ބާސެލޯނާ އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ބަޔާން މިއުނިކް އަތުންނެވެ.

ބާސެލޯނާ މިހާރު އޮތް ފޯމާ ބެހޭގޮތުން އެ ޓީމުގެ ކޯޗު ޒަވީ ވަނީ އެއީ ނުހުއްޓުވޭނެ ޓީމެއް ކަމަށް ނުބުނާނެ ކަމަށާއި، އެކަމަކު މިވަގުތު ހުރިހާ ޑިޕާޓްމަންޓަކަށް ބެލިކަމުގައި ވިޔަސް އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ.

ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވި މެޗަށްފަހު ޒަވީ ބުނީ، "އަހަރެން ނުބުނާނަން [ބާސެލޯނާއަކީ ނުހުއްޓުވޭނެ ޓީމެއް] ކަމަށް، އެކަމަކު އަހަރެމެން މިވަގުތު މި އޮތީ ރަނގަޅު ފޯމެއްގަ، ޑިފެންސް ވެސް ކުޅެމުންމިދަނީ ވަރަށް އިތުބާރާއެކު." ކަމަށެވެ.

ވިޔަރެއާލްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޒަވީ ބުނީ، މުޅި މެޗު އެއް ވާނެއްގައި، އެއް ރިދަމްއެއްގައި ހިފަހައްޓާލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމަކު، އެންމެ ފަހުން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ހައި-ޕްރެސިންގ ގޭމެއް ކުޅުމާއެކު މުޅި މެޗު އެއްކޮށް ޑޮމިނޭޓްކުރަން އުނދަގޫވިކަމަށެވެ. މެޗު ކާމިޔާބުކުރެވުނީ ޑުއެލްސްތަކުން ކުރިހޯދުމުން ކަމަށެވެ.

"ޑުއެލްސްތަކުން ކުރިހޯދިއްޖެނަމަ، ބާސެލޯނާ އަށް އެޓޭކްކުރެވޭނެ. އެކަމާ އަހަރެން ވަރަށް އުފާވެ ހިތްހަމަޖެހޭ،"

"މިހާރު އަހަރެމެންގެ އަމާޒަކީ ދެން އޮތް މެޗަށް ރަނގަޅަށް ރިކަވާވެގެން، ޔުރޮޕާ ލީގަށް ހުރިހާ ވިސްނުމެއް ބެހެއްޓުން. ޔުނައިޓެޑާ ދެކޮޅަށް އެންމެ ރަނގަޅު ފެންވަރު ދައްކަން ޖެހޭ، އެމީހުން ވެސް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ." ޒަވީ ބުންޏެވެ.

ނިންމާލަމުން ޒަވީ ބުނީ، ޔުރޮޕާ ލީގުގެ ގުރުއަތުލުން ދިމާވިގޮތުން ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހުމަކީ އުނދަގޫ އިމްތިހާނެއް ކަމަށެވެ. އެކަމަކު، ބާސެލޯނާގެ ކޯޗުކަމާ އޭނާ ހަވާލުވިފަހުން އެ ޓީމު މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑާ މެދު ހާސްކަމެއް ނެތް ކަމަށް ޒަވީ ބުންޏެވެ.