މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ގއ. ކަނޑުހުޅުދޫ އިން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، މާމެންދޫ އާއި ނިލަންދޫ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ ނަތީޖާތަކަށް ބަލާއިރު، ގއ. ކަނޑުހުޅުދޫން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި 2-4 އިން ދާންދޫ ބަލިކުރިއިރު، ގއ. މާމެންދޫއާ ގއ. ދެއްވަދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގއ. ކޮނޑޭ އަތުން 2-1 އިން ގއ. ނިލަންދޫ މޮޅުވިއިރު، ގއ. ވިލިނގިލި އަތުން 5-2 އިން ގއ. ގެމަނަފުށި މޮޅުވިނަމަވެސް، ސެމީ އަށް ނުގޮސް ވަނީ ކަޓާފައެވެ.

ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ޕޮއިންޓް ތަވާލަށް ބަލާއިރު، މި ގްރޫޕުން ސެމީ އަށް ދަތުރުކުރީ ދެއްވަދޫ އާއި މާމެންދޫ އެވެ. ދެއްވަދޫ އަށް ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި މާމެންދޫ އޮތްއިރު، ތިންވަނައިގައި ގެމަނަފުށި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮތް ވިލިނގިއްޔަށް ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ދޭއްގައި ކުޅުނު މެޗުތަކަށްފަހު ކަނޑުހުޅުދޫ އާއި ނިލަންދޫން ވަނީ ސެމީން ޖާގަ ހޯދާފައެވެ. ކަނޑުހުޅުދޫ އަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނިލަންދޫ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ދާންދޫ އާއި އެންމެ ފުލުގައި އޮތް ކޮނޑޭ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ދާންދޫއާ ދެކޮޅަށް ކަނޑުހުޅުދޫން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ މުހައްމަދު ހައިޝަމް އަހުމަދު އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖެހީ އަހްނަފް ޒާހިރު އާއި އިސްމާއިލް އަންވަރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހްނަފް އެވެ.

ފެހެންދޫގެ ކެޕްޓަން އަހުމަދު ބައްސާމް (ވ) އަތުން ބޯޅަ ހޯދަން އޭދަފުށީގެ އަޖުފާން މަސައްކަތްކުރަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ކޮނޑޭއާ ދެކޮޅަށް ވާދަވެރި ކުޅުމަކަށްފަހު ނިލަންދޫ މޮޅުވިއިރު، އެ ޓީމުގެ ގޯލްތައް ޖަހައިިދިނީ މައުޒޫފް އާދަމް އާއި އަލީ ޝާހިލް މުހައްމަދު އެވެ. ކޮނޑޭގެ ހަމައެކަނި ލަނޑުޖެހީ މުހައްމަދު އިންޝާއު އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މަމްދޫހު އިބްރާހިމް (މަމޭ) އެވެ.

ރޭގެ މެޗުގައި ދެއްވަދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އައިމަން ތައުފީގް އެވެ. މާމެންދޫގެ ލަނޑުޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި އަހުޝަމް ހަސަން ދީދީ އެވެ. ގެމަނަފުށިން ކުޅުނު މެޗުގައި އަލީ ޝާޒް ހަބީބު ހެޓްރިކް ހެދިއިރު، މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖެހީ އަހުމަދު ޔޫމާން އާއި އިބްރާހިމް ސަހާފު އާދަމް އެވެ. ވިލިނގިލީގެ ލަނޑުތައް ޖަހައިދިނީ އައުޝަމް ރަޝާދު އާއި މުހައްމަދު ރިފާއު ހަސަން އެވެ.

މި މުބާރާތުގައި ރޭ ބ. އަތޮޅުގެ މެޗުތައް ފެށިއިރު ފެހެންދޫއާ ދެކޮޅަށް ގަދަފަދަ އޭދަފުށި ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫގެ ކެޕްޓަން އަހުމަދު ބައްސާމް (ބައްކު) އެވެ. ބ. އަތޮޅުގެ އަނެއް މެޗުގައި ތުޅާދޫން ވަނީ 9-4 ގެ ނަތީޖާއަކުން ކެންދޫ ބަލިކޮށްފައެވެ. މި މެޗުގައި ތުޅާދޫން ޖެހި އަށް ލަނޑުގެ ތެރެއިން އިބްރާހިމް ރަފާހު ހަތަރު ގޯލްޖެހިއިރު، އިފްހާމް ރަޝާދު އާއި އަރުޝަމް އިސްމާއިލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ގޯލްޖެހީ ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ) އެވެ. ކެންދޫގެ ގޯލްތައް ޖެހީ އަލީ ޝައިން އާއި ހުސެއިން ޝާފީ އަދި މުހައްމަދު އަލަމް އެވެ.

އއ. އަތޮޅުގެ މެޗުތަކަށް ބަލާއިރު ފެރިދޫ އަތުން 1-0 އިން މަތިވެރި މޮޅުވިއިރު، އެ ޓީމުގެ ގޯލްޖެހީ އަލީ އަލްސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އަލްސަން އެވެ. ތޮއްޑޫއާ ދެކޮޅަށް ބޮޑުފޮޅުދޫ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.