ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް ލިބިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފިއެވެ.
މިއުމުރު ފުރައިގެ ކުދިންނަށް ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާ ދެއްވާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
14 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު ތަކުން ވެކްސިން ޖެހުމަށް ވަނީ ހުޅުވާލެވިފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނަށް ވެސް ފައިޒަރ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށާއި ފައިޒަރ ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލޭ ސަރަހައްދުގައި ފައިޒަރ ވެކްސިން ކޮންމެ އާދީއްތަ ދުވަހެއްގެ 09:00 އިން 12:00 އަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި ދެމުން ގެންދާނެއެވެ. އަދި ކޮންމެ އާދީއްތަ އަންގާރަ ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށް ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ހިދުމަތް ދެވޭނެއެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންެމެ ދުވަހެއްގެ 13:30 އިން 15:00 އަށް ދަމަނަވެށިންވެސް ވެކްސިން ޖަހައިދޭނެއެވެ.
ފައިޒަރ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެފްޑީއޭ އިން އެންމެ ފުރަތަމަ ހުއްދަދިން ވެކްސިނެވެ. މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ 23 އޯގަސްޓް 2021 ވަނައަހަރުއެވެ. މިއީ ޖަރމަނީގެ ބައޯއެންޓެކް ކުންފުނިން އުފައްދާފައިވާ ވެކްސިން އެކެވެ.
