މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ރ. އިނގުރައިދޫ އިން އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކުރިއިރު، ހދ. އަތޮޅުގެ ސެމީ އިން ހދ. ކުމުންދޫ ޖާގަ ހޯދައިފިއެވެ.

ރޭގެ ނަތީޖާތަކަށް ބަލާއިރު، ރ. އަތޮޅު ބުރުގައި އަލިފުށި އަތުން އިނގުރައިދޫ 3-0 އިންނެވެ. ރ. ދުވާފަރުން ވަނީ 5-1 އިން ރ. އިންނަމާދޫ ބަލިކޮށްފައެވެ. މި ގްރޫޕުގައި ހިމެނޭ ފަސް ޓީމުގެ ތެރެއިން އިނގުރައިދޫން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ހޯދީ ނުވަ ޕޮއިންޓާއެކު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ދެވަނައިގައި އޮތް ދުވާފަރަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އަލިފުށްޓެވެ. އެންމެ ފުލުގައި އުޅޭ މީދޫ އާއި އިންނަމާދޫ އަށް ޕޮއިންޓެއްނުލިބެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އިނގުރައިދޫން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު މަމްދޫހު އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. މި ގްރޫޕުގައި ހިމެނޭ ދުވާފަރުން ރޭގެ މެޗުގައި އިންނަމާދޫ ކޮޅަށް ފަސް ލަނޑުޖެހިއިރު، އެ ޓީމުގެ މުހައްމަދު އިސާމް ހެޓްރިކެއް ހެދިއެވެ. ދުވާފަރުގެ އަނެއް ދެލަނޑުޖަހައިދިނީ އާދަމް އިލްޔަސައު އާއި މުހައްމަދު ނޫހު އިބްރާހިމް އެވެ.

ހދ. ނޮޅިވަރަންފަރުން 5-0 އިން ހދ. ހިރިމަރަދޫ ބަލިކުރިއިރު، ހދ. ނޭކުރެންދޫ އަތުން ނައިވާދޫ މޮޅުވީ 3-1 އިންނެވެ. ހދ. މަކުނުދޫ އަތުން 3-1 އިން މޮޅުވެ، ކުމުންދޫން ސެމީން ޖާގަ ކަށަވަރުކުރިއިރު، ހދ. ވައިކަރަދޫ އަތުން ހދ. ފިނޭ މޮޅުވީ 5-3 އިންނެވެ. މި މެޗުތަކަށްފަހު ހދ. އަތޮޅުގެ ގްރޫޕު އެކަކުން ނޭކުރެންދޫ އާއި ނައިވާދޫ ސެމީ އިން ޖާގަ ހޯދިއިރު، ގްރޫޕް ދޭކުން ސެމީ އަށް ދަތުރުކުރީ ނެއްލައިދޫ އާއި ކުމުންދޫ އެވެ.

ނައިވާދޫން ރޭގެ މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކުރީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އިސްމާއިލް ވަހީދު އަދި މުހައްމަދު އަސްލަމް އެވެ. މި މެޗުގައި ނޭކުރެންދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާޒް އާދިލް (ތުއްތު) އެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ހެޓްރިކާއެކު ނޮޅިވަރަންފަރުން ހިރިމަރަދޫ ބަލިކުރިއިރު، އެ ޓީމުގެ އަނެއް ދެލަނޑުޖެހީ މުހައްމަދު ސަމީހު ހަސަން ފިޔާޒް އާއި އަބްދުﷲ ޝަފީއު ހާޝިމް އެވެ.

މި މުބާރާތުގައި ރޭ ލ. އަތޮޅުގެ ބުރުގައި ލ. މާބައިދޫ އަތުން 2-1 އިން ލ. މާމެންދޫ މޮޅުވިއިރު، ލ. އިސްދޫން ވަނީ 3-2 ގެ ނަތީޖާއަކުން ލ. ކަލައިދޫގެ މައްޗަށް ކުރިހޯދާފައެވެ.

މާމެންދޫން ރޭގެ މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ހުސެއިން އަޒުމަތު އެވެ. މާބައިދޫގެ ގޯލަކީ މާމެންދޫގެ އަހުމަދު ރައްޔާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.