ތަޢުލީމަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހަޔާތް ބައްޓަންކުރުމަށް ވަރަށް ވަރަށް މުހިންމު ކަމެކެވެ. އެމީހަކު ކުރިއަށްދާން ބޭނުންވާ ދާއިރާއާއި ގުޅޭގޮތުން ނޫންނަމަވެސް ތަޢުލީމަކީ އެމީހެއްގެ ޝަހުސިއްޔަތު ބިނާކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ނަމަވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ތަޢުލީމަކީ ބޭނުން އެއްޗެއް ނޫންކަމަށް ދެކޭމީހުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅެއެވެ. ވަކި ފަންނެއްގައި ކިތަންމެ ކުރިއަރާ ކާމިޔާބު ހޯދިނަމަވެސް އެމީހެއްގެ ކިބައިގައި އިލްމުގެ ނޫރު ވާ މީހާ އެހެން މީހުނާ ތަފާތު ގޮތެއް ހުންނާނެއެވެ. މިފަހަރު ބަލާލާނީ ބޮލީވުޑް ތަރިންގެ ތެރެއިން އެ ފަންނުގައި މަޝްހޫރުކަން ހޯދާފައިވާ ނުވަތަ ހޯދަމުން އަންނަ ތަރިންގެ ތެރެއިން ތަޢުލީމީ މަތީ ފާސްތައް ނަގާފައިވާ ބައެއް ތަރިންނަށެވެ.
-
އަމީތާބު ބައްޗަން

ލިސްޓު މިފަށަނީ ބޮލީވުޑްގެ ލެޖެންޑްގެ ލަޤަބު ލިބިފައިވާ އަމީތާބު ބައްޗަންގެ ނަމުންނެވެ. ފިލްމު ޝޯލޭ، ކާލިޔާ، ބާޣްބާން، އަދި ޕާ ފަދަ ފިލްމުތަކުން އާދަޔާ ޚިލާފް ހުނަރު ދައްކައިގެން ބެލުންތެރިންގެ ހިތްތައް ފަތަޙަ ކުރި ބަޠަލްވަނީ އިންޑިޔާގެ ނޭނިތާލްގެ ޝަރވުޑް ކޮލެޖްއިން ގްރެޖުއޭޓްވުމަށްފަހު، ކިއޮރީ މަލް ކޮލެޖުން އަރޓް އަދި ސައިންސުން ޑިގްރީ ޙާޞިލް ކޮށްފައެވެ. މީގެ އިތުރުން އޮސްޓްރޭލިޔާގެ ކުއީންސްލެންޑް ޔުނިވަރސިޓީއިންވަނީ އޮނަނަރީ ޑޮކްޓަރޭޓް ޑިގްރީއެއް އަމީތާބަށް އަރުވާފައެވެ.
-
ޝާހުރުކް ޚާން

ބޮލީވުޑްގެ ރަސްގެފާނުކަމަށް ބުނެވޭ ޝާހުރުކް އަކީ ސްކޫލް އަދި ކޮލެޖްގައިވެސް ތޫނިފިލި ދަރިވަރެކެވެ. ސެއިންޓް ކޮލަމްބިޔާ ސްކޫލު ނިންމާ ހަންސްރާޖް ކޮލެޖުން މަތީ ތަޢުލީމް ޙާޞިލްކުރި ޝާހުރުކް ވަނީ އިކޮނޮމިކްސްއިން ޑިގްރީ ނަގާފައެވެ. އަދި ޖާމިޢާ މިލީޔާ އިސްލާމިއްޔާއިން މާސްކޮމިއުނިކޭޝަނަށް ވަކި ހިސާބަކަށް ކިޔެވުމަށްފަހު ޝާހުރުކްވަނީ ފިލްމީ ދާއިރާއިން އޭނާގެ ނަސީބު ހުރި ގޮތެއް ބެލުމަށް ކިޔެވުން ދޫކޮށްލާފައެވެ.
-
ޖޯން އަބްރަހަމް

ބޮމްބޭ ސްކޮޓިޝް ސްކޫލު ނިންމުމަށްފަހު ޖެއި ހިންދު ކޮލެޖުން ޖޯންވަނީ ޑިގްރީ ނަގާފައެވެ. އަދި އިންޑިޔާގެ ނަން މަޝްހޫރު ކޮލެޖެއް ކަމަށްވާ ނަރސީ މޮންޖީ ކޮލެޖް އޮފް މެނޭޖްމަންޓް ސްޓަޑީސް އިން ޖޯން ވަނީ އެމް.ބީ.އޭ ވެސް ހަދާފައެވެ. އެކްޝަންގެ ހުނަރަށް މަޝްހޫރު ޖޯން އަކީ އާއިލާގެ ތެރެއިން ރަގަޅު ތަރުބިއްޔަތެއް ލިބިފައިވާ ފަންނާނެކެވެ.
-
ވިދްޔާ ބާލަން

ޕަރިނީތާ އަދި ކަހާނީ ފަދަ މޮޅު ފިލްމްތަކުން ބެލުންތެރިންގެ ސަޕޯޓް ހޯދި ބަޠަލާ ވިދްޔާ ބާލަން ވަނީ ސެއިންޓް ޒޭވިއަރޒް ކޮލެޖުންގްރެޖުއޭޓްވެ ޔުނިވަރސިޓީ އޮފް މުމްބާއީ އިން މާސްޓާރޒް ޑިގްރީ ޙާޞިލް ކޮށްފައެވެ. މިއީ ބޮލީވުޑްގައި ތަޢުލީމީގޮތުން ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ސައުތު އިންޑިޔާގެ މި ފަންނާނުގެ މުޅި އާއިލާއަކީ ވެސް ތަޢުލީމީ މަތީ ފާސްތައް ނަގައިގެން ތިބި މީހުނަށް ވުމާއި އެކު މިއީ އާއިލާގެ ތެރެއިން ވަރަށް ބޮޑަށް ހިތްވަރުދޭ ކަމެކެވެ.
-
އަޔުޝްމާން ޚުރާނާ

އަރަމުން އަންނަ ތަރި އަޔުޝްމާން ޚުރާނާ އަކީ ވެސް ތަޢުލީމީ ހަޔާތުގައި ކާމިޔާބީ ހޯދާފައިވާ ފަންނާނެކެވެ. އޭނާވަނީ ޗަންދީގަޅްގެ ޑީ.އޭ.ވީ ކޮލެޖުން އިންގްލިޝް ލިޓްރޭޗަރ އިން ބެޗްލަރސް ޑިގްރީ ޙާޞިލް ކޮށްފައެވެ. އަދި ހަމަ ޗަންދީގަޅްގެ ސްކޫލް އޮފް ކޮމިއުނިކޭޝަން ސްޓަޑީޒްއިން މާސް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓަރޒްވެސް ވެސް ހާޞިލް ކޮށްފައެވެ.
-
ޕަރިނީތީ ޗޯޕްރާ

ޕަރިނީތީ އަކީ ބިޒްނަސް، ފައިނޭންސް އަދި އިކޮނޮމިކްސް އިން ޓްރިޕަލް ހޮނާރސް ޑިގްރީ ޙާޞިލްކޮށްފައިވާ ކުޅާދާނަ ފަންނާނެކެވެ. ފިލްމީ ދާއިރާގައި ފާހަގަ ކުރެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ބަޠަލާ މަތީ ތައުލީމް ޙާޞިލް ކުރީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ބިޒްނަސް ސްކޫލުންނެވެ.
-
ސޮހާ ޢަލީ ޚާން

އިންޑިޔާގެ ޝާޙީ އާއިލާއަކަށް އުފަން ސޮހާ އަކީ ބަލިއޮލް ކޮލެޖުން މޮޑަން ހިސްޓްރީ އިން ބެޗްލާރސް ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން ސޮހާ ވަނީ، އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސުން އިންޓަރނޭޝަނަލް ރިލޭޝަންސްއިން މާސްޓަރސް ޑިގްރީ ޙާޞިލް ކޮށްފައިވައެވެ.
-
ރަންދީޕް ހޫޑާ

ތަޢުލީމީ މީހުން މަދު އަދި ނާތަހުޒީބު ގިނަ ކަންތަކެއްގެ ސަބަބުން މަޝްހޫރުވެފައިވާ ހަރިޔާނާއަށް ނިޞްބަތްވާ މި ފަންނާނު މަތީ ތަޢުލީމް ޙާޞިލް ކުރީ އޮސްޓްރޭލިޔާއިންނެވެ. ފިލްމު ހައިވޭ އިން ވިދާލި ރަންދީޕް ވަނީ ބިޒްނަސް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސަސް ދާއިރާއިން ޕޯސްޓް ގްރެޖުއޭޝަން ނިންމާފައެވެ.
-
ވަރުން ދަވަން

ކުޅަދާން ޑިރެކްޓަރ ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުންއަކީ މިހާރު ގިނަ އަންހެން ކުދިންގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ކުޅަދާނަ ފަންނާނެކެވެ. ބައްޕަގެ އެހީގައި ވަރަށް ފަސޭހައިން ބޮލީވުޑަން އާދެވެން އޮތް ވަރުން އިސްކަން ދިނީ ތަޢުލީމަށެވެ. ވަރުން ވަނީ އިނގިރޭސިވިލާތުގެ ޓޮޓިންގހަމް ޓްރެންޓް ޔުނިވަރސިޓީއިން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައެވެ.
-
ސާރާ ޢަލީ ޚާން

ސައިފް ޢަލީ ޚާން އަދި ކުރީގެ ބަޠަލާ އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސަރާއަކީ އޭނާގެ ރީތިކަމާ އެއްވަރުގެ ހުނަރު އޭނާގެ ފިލްމުތަކުގައި ދައްކަމުން އަންނަ އަރަމުން އަންނަ ފަންނާނެކެވެ. މުމްބާއީގެ ބެސަންތު މޮންޓެސޫރީ ސްކޫލް ނިންމުމަށްފަހު ސާރާވަނީ ނިއުޔޯކްގައި ހުންނަ ކޮލަމްބިޔާ ޔުނިވަރސިޓީ އިން ހިސްޓްރީ އަދި ޕޮލިޓިކަލް ސައިންސްގެ ރޮގުން ޑިގްރީ ޙާޞިލް ކޮށްފައެވެ. ސާރާ އަކީ އާދަޔާ ޚިލާފް ތޫނިފިލިކަމެއް ލިބިފައިވާ ޒުވާނެކެވެ. އޭނާވަނީ 3 އަހަރުން ފުރިހަމަ ކުރަން ޖެހޭ ގްރެޖުއޭޝަން ދޮޅު އަހަރުން ނިންމާ ބާކީ ދުވަސްތައް ބަރުދަން ލުއި ކުރުމަށް ހުސްކޮށްފައެވެ.
