ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅެވުނު ސެމީ ފައިނަލް މެޗުތަކަށްފަހު ގއ. މާމެންދޫ އާއި ގއ. ނިލަންދޫ އިން އަތޮޅު ބުރުގެ ފައިނަލުން ޖާގަ ހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ވަނީ އަތޮޅު ބުރުގެ ސެމީ އަށް ދަތުރުކޮށްފައެވެ.
ގއ. އަތޮޅުގެ ސެމީ ފައިނަލްގައި ރޭ ކަނޑުހުޅުދޫ އަތުން 2-1 އިން މާމެންދޫ މޮޅުވިއިރު، ދެއްވަދޫއާ ދެކޮޅަށް ނިލަންދޫ ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނިލަންދޫ މޮޅުވީ 3-2 އިންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީގައި މެޗު ފެށިގެން ހަވަނަ މިނެޓުގައި ދެއްވަދޫގެ ކެޕްޓަން ނަސޫހު ސައީދު ލީޑްނަގައިދީފައިވަނިކޮށް، މެޗުގެ 13 އާއި 20 ވަނަ މިނެޓުގައި ނިލަންދޫގެ ކެޕްޓަން މައުފޫޒް އާދަމް އާއި ޔަމާން ވައްދާލި ލަނޑުތަކުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި މައުފޫޒު ވަނީ އިތުރު ގޯލެއްޖަހައި، ނިލަންދޫ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، ނިލަންދޫ ޓީމު ފަސް ފައުލް ހަމަވުމުން ދެއްވަދޫ ޓީމުގެ އައިމަން ދުރުން ފޮނުވާލި ދެ ޕެނަލްޓީ އާއެކު ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ނިލަންދޫ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، ދެއްވަދޫން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ.
ސެމީގައި ގއ. ކަނޑުހުޅުދޫ ކޮޅަށް މާމެންދޫން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ ޝަމްވީލް މުހައްމަދު އާއި ނައުހާން އެވެ. މި މެޗުގައި ކަނޑުހުޅުދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ އަހުނަފް އެވެ.
މި ފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ތ. ތިމަރަފުށި ކުޅުނު އެންމެ ފަހު މެޗުގައި ރޭ ކިނބިދޫ އަތުން މޮޅުވީ 2-0 އިންނެވެ. މި ނަތީޖާއާއެކު ތިމަރަފުށްޓައް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ލިބިފައެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުގައި ދެން ބާކީ އޮތީ ކިނބިދޫއާ ދެކޮޅަށް ބުރުނީ ކުޅޭ މެޗެވެ. އެ މެޗަށްފަހު މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދާނެ ޓީމު ކަށަވަރުވެގެންދާނެ އެވެ.
ރޭގެ މެޗުގައި ތިމަރަފުށިން ކާމިޔާބުކުރި ހުރިހާ ގޯލެއް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ ފުރަތަމަ މިނެޓުގައި އިބްރާހިމް ހަމްދާން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ ހަތްވަނަ މިނެޓުގައި ތިމަރަފުށީގެ ދެވަނަ ލަނޑުޖަހައިދިނީ އަބްދުﷲ ޒިޔާން އެވެ. މިއީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު ދިން ބޯޅައަކުން ޒިޔާން ގޯލްގެ މަތީ ދާގަނޑަަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ފުރަތަމަ ލަނޑުޖަހައިދިން ހަމްދާން އެވެ.
