މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ފަސޭހަކަމާއެކު ގދ. ހޯޑެއްދޫ ބަލިކޮށް ގދ. ވާދޫ އިން މުބާރާތުގެ ދެވަނަ މޮޅު ހޯދިއިރު، ށ. އަތޮޅުގެ ސެމީ ފައިނަލުން ށ. ފޯކައިދޫ އާއި ބިލެތްފަހި ޖާގަ ހޯދައިފިއެވެ.
ގދ. އަތޮޅުގެ ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ ވާދޫ އެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ހޯޑެއްދޫ އެވެ. ތިންވަނައިގައި އޮތް ގައްދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އުޅޭ ތިނަދޫ އާއި މަޑަވެއްޔަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވާދޫ އިން ހޯޑެއްދޫގެ މައްޗަށް ކުރިހޯދީ 6-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވާދޫ އަށް ކާމިޔާބުކުރެވުނީ ދެ ލަނޑެވެ. އެ ޓީމުން މި މެޗުގައި ޖެހި އަނެއް ހަތަރު ގޯލް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ކެޕްޓަން އަޔާޒު އަހުމަދު (އަޔާ) އާއި ނާއިލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ.
މި މެޗުގެ ހަތްވަނަ މިނެޓުގައި މުސައްނިފު ކާމިޔާބުކުރި ގޯލުން ވާދޫ އިން ލީޑްނަގާފައިވަނިކޮށް، އޭގެ ހަތަރު މިނެޓުފަހުން އެ ޓީމުގެ ނާއިލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ހޯޑެއްދޫން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މި ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އާލިފް އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ވާދޫގެ ކެޕްޓަން އަޔާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ނާއިލް ވައްދާލި ލަނޑާއެކު ވާދޫން ތިން ލަނޑުގެ ލީޑެއްނެގިއެވެ. އަދި އޭގެފަހުން، މެޗުގެ 35 އާއި 36 ވަނަ މިނެޓުގައި ޝައުފް އަދި އަޔާ ކާމިޔާބުކުރި ލަނޑުތަކާއެކު ވާދޫން މެޗު ނިންމާލީ ފަސް ލަނޑުގެ ފަރަގާއެކު އެވެ.
މި މުބާރާތުގައި ރޭ ކުޅެވުނު ށ. އަތޮޅުގެ ބުރުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ގްރޫޕް އެކަކުން ށ. ކަނޑިތީމާއި، ށ. ބިލެތްފަހި ސެމީ އިން ޖާގަ ހޯދިއިރު، ގްރޫޕް ދޭކުން ސައްތައިގެ ރެކޯޑަކާއެކު ށ. ފޯކައިދޫ ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ށ. ފީވަކެވެ.
ށ. އަތޮޅުގެ ރޭ ގެ މެޗުތަކަށް ބަލާއިރު، ށ. މިލަންދޫއާ ކަނޑިތީމު ބައްދަލުކުރި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ކަނޑިތީމުގެ އަހުމަދު ޝަނީ ދެ ލަނޑުޖެހިއިރު، އަނެއް ގޯލް ކާމިޔާބުކުރީ މުހައްމަދު ނާއިލް އެވެ. މިލަންދޫގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ރިޒާން ދެ ގޯލާއި، މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ނަދާދު ގޯލެކެވެ.
ށ. މަރޮށި އަތުން 3-1 އިން ށ. ބިލެތްފަހި މޮޅުވި މެޗުގައި، އެ ޓީމުގެ މުހައްމަދު އަމީން ދެލަނޑުޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ އަލީ އިފުރާދު އެވެ. މަރޮށީގެ ހަމައެކަނި ލަނޑުޖަހައިދިނީ ޝައިބާން އުޘްމާން އެވެ. ށ. ޅައިމަގު އަތުން ށ. ފޯކައިދޫ މޮޅުވީ 5-3 އިންނެވެ. މި މެޗުގައި ފޯކައިދޫގެ މުހައްމަދު ރިޝްވާން ހެޓްރިކެއް ހެދިއިރު، އަނެއް ދެލަނޑުޖެހީ އިބްރާހިމް މުޝީރު އާއި ހުސެއިން ފަޒީލް އެވެ. ޅައިމަގުގެ ގޯލްތައް ޖަހައިދިނީ އަބްދުލް ކަރީމް އަހުމަދު އާއި މުހައްމަދު އިމްދުﷲ އަދި މުހައްމަދު އިރުޝާދު އެވެ.
