މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ލ. އިސްދޫ އާއި ލ. ގަން އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.

ލ. އަތޮޅުގެ ލީގު ބުރެއް ކުޅޭއިރު، ބާކީ ދެ މެޗޮ އޮތްއިރު އެންމެ ކުރީގައި އުޅޭ ގަމާއި އިސްދޫ އަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް މާމެންދޫ އާއި ހަތަރެއްގައި އޮތް މާބައިދޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ކަލައިދޫ އަށް ޕޮއިންޓެއް ނުލިބެއެވެ.

އިއްޔެ ހަވީރު ލ. ގަން ކުޅުނު މެޗުގައި މާބައިދޫ އަތުން މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ގަމަށް ލަނޑުޖަހައިދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެސް ތޮއްޕޭ އެވެ.

ދިއްފުށި ކޮޅަށް ލަނޑުޖެހުމަށްފަހު ގާފަރުގެ ކެޕްޓަން ޝާމިން މުހައްމަދު ނަސީރު އުފާ ފާޅުކުރަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު

ލ. މާމެންދޫއާ ދެކޮޅަށް އިސްދޫ ކުޅުނު މެޗުން 6-2 އިން އެ ޓީމު މޮޅުވިއިރު، އިސްދޫގެ އަލީ ހުމޭޒް ހެޓްރިކެއް ހެދިއެވެ. އިސްދޫގެ އަނެއް ތިން ލަނޑުގެ ތެރެއިން ހުސެއިން އަފްހާން ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ އަލީ މީސާގް އީސާ އެވެ. މާމެންދޫގެ ލަނޑުތައް ޖަހައިދިނީ ހުސެއިން އަޒްމަތު އާއި އަހުމަދު ނަޝާތު އެވެ.

މި މުބާރާތުގައި އިއްޔެ ކ. އަތޮޅު ގްރޫޕް އެކެއްގައި ކުޅުނު މެޗުތަކަށްފަހު ގާފަރުން ގްރޫޕް ސްޓޭޖް ނިންމާލީ ތިން މެޗުން ހޯދީ ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮވެގެންނެވެ. ދެވަނައިގައި އޮތް ދިއްފުށްޓަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނަ އާއި ހަތަރެއްގައި އޮތް ގުރައިދޫ އަދި ތުލުސްދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

އިއްޔެގެ މެޗުގައި ދިއްފުށި އަތުން ގާފަރު މޮޅުވީ 5-0 އިންނެވެ. މި މެޗަށް ނިކުތްއިރު ވެސް ދެ ޓީމަށް ވަނީ ސެމީން ޖާގަ ކަށަވަރުވެފައެވެ. މި މެޗުގައި ގާފަރުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން ޝާމިން މުހައްމަދު ނަސީރު އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަލީ މާއިސް (މައްޓު) އާއި ނާއިހު މުފީދު (ނާހު) އަދި އިބްރާހިމް ރިމާހު (ރިމޭ) އެވެ.

މ. ދިއްގަރާ ދެކޮޅަށް މުލަކު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް

މި ގްރޫޕުގެ އަނެއް މެޗުގައި ގުރައިދޫއާ ދެކޮޅަށް ތުލުސްދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ގުރައިދޫގެ ލަނޑުތައް ޖަހައިދިނީ އާލިމް އަބްދުލް ގައްޔޫމް އާއި މުހައްމަދު މާއިލް އެވެ. ތުލުސްދޫގެ ގޯލްތައް ކާމިޔާބުކުރީ އަހުމަދު ޝާއިން ހަސަން އާއި މުހައްމަދު ނައުފަލް އަލީ އެވެ. 

މ. އަތޮޅުގެ ގްރޫޕް އެކެއްގައި ދިއްގަރު ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން މުލަކު ބަލިކޮށް އެ ޓީމުން ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގައި މުލަކު ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމާއެކު ސެމީގެ ޖާގަ ލިބުނީ ދިއްގަރާއި ނާލާފުށްޓަށެވެ. ރޭގެ މެޗުގައި ދިއްގަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

މ. އަތޮޅުގެ ދެވަނަ ގްރޫޕުގައި ކޮޅުފުށި އަތުން މުލި މޮޅުވީ 5-2 އިންނެވެ. މި މެޗުގައި މުލިން ކާމިޔާބުކުރި ފަސް ގޯލްގެ ތެރެއިން ދެ ލަނޑުޖަހައިދިނީ ޝާހު އަހުމަދު އެވެ. އަނެއް ލަނޑުތައް ޖެހީ މުހައްމަދު އިދާން އާއި ހަސަން ސަމްހާން އަދި ހަސަން އަޝްރަފް އެވެ. ކޮޅުފުށީގެ ލަނޑުތައް ޖަހައިދިނީ މޫސާ ޒާހިރު އާއި އަބްދުﷲ ސުޖާއު އެވެ.