ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ނޭކުރެންދޫ އާއި ނައިވާދޫ ހދ. އަތޮޅުގެ ފައިނަލަށް ދަތުރުކުރިއިރު، ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު ހއ. އަތޮޅު ފައިނަލްގައި އުތީމު ނިކުންނާނީ ފިއްލަދޫއާ ދެކޮޅަށެވެ.
ހދ. އަތޮޅުގެ ސެމީގައި ރޭ ނޭކުރެންދޫ އިން 2-1 ގެ ނަތީޖާއަކުން ނެއްލައިދޫ ބަލިކުރިއިރު، ދެވަނަ މެޗުގައި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫން ވަނީ 3-1 އިން ކުމުންދޫ އަތުން މޮޅުވެފައެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ނެއްލައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭކުރެންދޫން ލީޑްނެގީ ތިންވަނަ މިނެޓުގައި އަލީ އިފާޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ މުހައްމަދު ވިލްފް ހުސްކޮށްލާފަ ދިން ރީތި ޕާހަކުން އިފާޒް ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ނޭކުރެންދޫން ޖެހި ދެވަނަ ލަނޑު، 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިލްފް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނެއްލައިދޫގެ ކުޅުންތެރިއަކުގެ އަތުގައި ބޯޅައިން ޖެހުމުން ނޭކުރެންދޫ އަށް ލިބުނު ޕެނަލްޓީއެކެވެ. ނެއްލައިދޫން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރީހާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޭކުރެންދޫގެ ވިލްފް އެވެ.
ސެމީގެ ދެވަނަ މެޗުގައި ކުމުންދޫ ކޮޅަށް ނައިވާދޫން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މުހައްމަދު އަސްލަމް އެވެ. އަނެއް ލަނޑުޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި މެޗުގައި ކުމުންދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަބްދުﷲ ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ ޝާއްޕެ އެވެ.
ހއ. އަތޮޅުގެ ސެމީގައި އުތީމުން ވަނީ ވަށަފަރާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އެ ޓީމު މޮޅުވީ 4-3 އިންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި ވަށަފަރުގެ އަހުމަދު ސިނާންގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، 27 ވަނަ މިނެޓުގައި އުތީމުން އެއްވަރުކުރިއެވެ. އަހުމަދު އައިހަމް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ނަބީލް އެވެ.
ޕެނަލްޓީޝޫޓްއައުޓްގައި އުތީމުން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ އައިހަމް، ރިޝްވާން އިބްރާހިމް ރަޝީދު އާއި ނަބީލް އަދި މުހައްމަދު ރިފާއު (އަސްކާ) އެވެ. ވަށަފަރަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ އަހުމަދު މަހުތޫމް މުސްތަފާ އާއި ސިނާން އަދި ސާޖިދު ރަޝީދު ފޮނުވާލި ޕެނަލްޓީ އެވެ. އެ ޓީމުގެ ސަނޫން އާއި ސިނާން ފޮނުވާލި ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ.
ހއ. އަތޮޅުގެ ދެވަނަ ސެމީގައި މުރައިދޫ އަތުން 2-1 އިން ފިއްލަދޫ މޮޅުވިއިރު، އެ ޓީމުގެ ގޯލްތައް ޖަހައިދިނީ އަހުމަދު ހުސާމް އާއި އިބްރާހިމް ފަޒީލް އެވެ. މުރައިދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އިޔާން އަހުމަދު ރަޝީދު އެވެ.
މި މުބާރާތުގައި ރޭ އދ. އަތޮޅުގެ ގްރޫޕް އެކެއްގައި ކުޅުނު މެޗުތަކަށްފަހު މަހިބަދޫ އާއި ފެންފުށިން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި ގްރޫޕުގައި މަހިބަދޫ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދިއިރު، ދެވަނައިގައި އޮތް ފެންފުށްޓަށް ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އޮމަދޫ އަށް ލިބުނީ އެއް ޕޮއިންޓެވެ. އދ. އަތޮޅުގެ ގްރޫޕް ދޭކުން ސެމީ އަށް ދަތުރުކުރީ މާމިގިލި އާއި ހަންޏާމީދޫ އެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މާމިގިލި އޮތްއިރު، ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ދެވަނަ މަގާމް ހާސިލްކުރީ ހަންޏާމީދޫ އެވެ.
މަހިބަދޫން ރޭގެ މެޗުގައި ޖެހި ގޯލްތައް ކާމިޔާބުކުރީ އާދަމް ފަހުމާން އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޮމަދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ މޫސާ އަރީފް އާއި އަހުމަދު އަހުސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މަހިބަދޫގެ ބިޗަޑް އެވެ.
ހަންޏާމީދޫގެ މުހައްމަދު ޖައިލަމް (އޮގީ) ކާމިޔާބުކުރި ދެލަނޑުން އެ ޓީމު ކުރީގަ އޮއްވާ، މާމިގިލިން އެއްވަރުކުރީ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ވައްދާލި ލަނޑުތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަންޏާމީދޫގެ އޮގީ އެވެ.
