ބިރިޔާނީ އަކީ ގަރުނުތަކެއް ވަންދެން ބަނޑުހައިހޫނުކަން ފުއްދައިދެމުން އައި މީރު ކާއެއްޗެކެވެ. އެކަމަކު، ޕަރސިއާ ނުވަތަ ފާރިސީން ފެށިގެން އަހަރެމެނާއި ހަމައަށް ބިރިޔާނީގެ ދަތުރު އެނގޭ ހެއްޔެވެ؟

ބިރިޔާނީ މި ލަފުޒު އުފެދިފައިވަނީ ފާރިސީ ބަހުގެ 'ބިރިއަން' މިލަފުޒުން ކަމަށާއި އޭގެ މާނައަކީ ‘ކެއްކުމުގެ ކުރިން ތެލުން’ އަދި ފާރިސީ ބަހުން ބަތަށް އަށް ކިޔާ 'ބިރިންޖް' އެވެ. މި މީރު ކެއުމުގެ އަސްލާ ގުޅޭ ތަފާތު ނަޒަރިއްޔާތައް އެބަހުއްޓެވެ. ގިނަ ތާރީޚް ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި ބިރިޔާނީ އުފެދުނީ ފާރިސީން ކަމަށާއި އިންޑިއާއަށް މިކެއުން ތައާރަފް މުޣަލް މީހުން ކަމަށެވެ. ބިރިޔާނީ އިތުރަށް ތަރައްޤީ ކުރެވުނީ މުޢަލް ޝާހީ ބަދިގޭގައެވެ.

ބިރިޔާނީ އުފެދުންގޮތާއި ގުޅިފައިވާ އެތައް ވާހަކަތަކެއް ވެއެވެ. އޭގެތެރެއިން މަގުބޫލު އެއް ވާހަކައަކީ ޝާހްޖަހާންގެ އަނބިކަނބަލުން މުމްތާޒް މަހާލްއާ ގުޅޭ ވާހަކައެކެވެ. ބެލެވޭ ގޮތުގައި މުމްތާޒު ސިފައިންގެ ކޮށިތަކަށް ވަޑައިގަތުމުން އެކަމަނާއަށް މުޣައްލަ ސިފައިން ފެނުނީ ކާނާ ނުލިބި ބަލިކަށިވެފައި ތިބި ގޮތަކަށެވެ. ސިފައިންނަށް ބެލެންސްޑް ޑައިޓެއް ފޯރުކޮށްދިނުމުގެ ގޮތުން ޝެފުންގެ ކިބައިން މަހާއި ބަތާއެކު ޑިޝްއެއް ތައްޔާރު ކުރުމަށް އެދިވަޑައިގެންނެވި އެވެ. އެހެންކަމުން ތަފާތު ސްޕައިސަސް އަދި ކުކުން އަޅައިގެން ދަރު އަންދައިގެން އަލިފާނުގައި ބިރިޔާނީ ތައްޔާރުކުރިއެވެ.

އަނެއް ވާހަކައެއްގައި ބުނެވެނީ ބިރިޔާނީ އިންޑިއާއަށް ގެނައީ ތުރުކީ-މޮންގޯލް ފަތަޙަވެރިޔާ ޓައިމޫރު 1398 ވަނަ އަހަރު ކަމަށެވެ.

ސަގާފީ ގޮތުން ބިރިޔާނީ ކައްކާފައި ހުންނަނީ މަށިންހަދާފައި ހުންނަ ޕޮޓުގައި ޗާކޯލްގެ އެހީގައި ކައްކައިގެންނެވެ. ބިރިޔާނީ އަކީ އެކި ޤައުމުތަކުގެ މުސްލިމުންގެ މެދުގައި ކުރީޒަމާނުއްސުރެ މަޤްބޫލް ކެއުމެކެވެ. ކައިވެނި ޕާޓީތަކާއި ހަފްލާ ތަކުގެ ސުފުރާ ފަޅުފިލުވާލަދޭ މުހިއްމު ބާވަތެކެވެ.

ފުރިހަމަ ބިރިޔާނީ އަކަށް ވަނީ ފަރުވާތެރިކަމާއެކު މިނެފައިވާ ތަކެތި އަދި ކެއްކުމުގެ އުކުޅެކެވެ. ސަގާފީ ގޮތުން ބިރިޔާނީ ހެދުމަށް ބޭނުންކުރަމުން އައީ' ޑަމް ޕުޚްތު މެތެޑް '(ފާރިސީ ބަހުން މަޑުމަޑުން ކައްކާ އަވަން) އެވެ. މިގޮތަށް ތައްޔާރުކުރާ ތަކެތި މަށި ޕޮޓަކަށް އަޅާ ލޯޑްކޮށް މަޑުގިނީގައި ކޯލް ގެ އެހީގައ ކައްކާއިރު، ބައެއް ފަހަރު ޕޮޓުގެ މައްޗަށްވެސް ދެލި އަޅައިގެން ކައްކައެވެ. އަދި ވަށައިގެން ފުށުން ޕޮޓް ބަންދުކޮށްގެން ކެއްކުމުން ޕޮޓްތެރޭގައި އުފެދޭ އާވިން ބަތްގަނޑު ގެ ރަހަ އިތުރަށް ފުރިހަމަވެއެވެ.

ރާއްޖޭގައިވެސް ހޮޓާ ރެސްޓޯރެންޓް ތަކުގައި ތަފާތު ބާވަތް ބާވަތުގެ ބިރިޔާނީ ލިބެން ހުރެއެވެ. ހުކުރު ދުވަސް ދުވަހު ރާއްޖޭގެ ގިނަ ގެތަކުގައިވެސް ހާއްސަ ކެއުމެއްގެ ގޮތުގައި ބިރިޔާނީ ތައްޔާރު ކުރެއެވެ.