މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު އދ. މާމިގިލި އާއި އދ. މަހިބަދޫ އިން އަތޮޅު ބުރުގެ ފައިނަލަށް ދަތުރުކުރިއިރު، ކ. މާފުށްޓާއި މ. މުލި އަދި މަޑުއްވަރީ އަތޮޅު ބުރުގެ ސެމީން ޖާގަ ހޯދައިފިއެވެ.
އދ. އަތޮޅުގެ ސެމީ ފައިނަލްގައި އދ. ހަންޏާމީދޫ އަތުން އދ. މަހިބަދޫ މޮޅުވީ 2-0 އިންނެވެ. ސެމީގެ ދެވަނަ މެޗުގައި އދ. ފެންފުށި އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އދ. މާމިގިލި ވަނީ މޮޅުވެފައެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ހަންޏާމީދޫއާ ދެކޮޅަށް ކުޅުނު މެޗުގައި މަހިބަދޫގެ ލަނޑުތައް ޖަހައިދިނީ އާދަމް ފަހުމާން އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ބިޗަޑް އެވެ.
ރޭގެ މެޗުގައި ފެންފުށި ކޮޅަށް މާމިގިލި އިން ޖެހި އަށް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި ހިސާމް ސަލީމް (ކޮކީ) ހަތަރު ގޯލްޖެހިއެވެ. އެ ޓީމުގެ އިބްރާހިމް ރިޒުހާން (ރިޒްކޮ) ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ހައިޝަމް އަރީފް އާއި އިބްރާހިމް މައިސާން (މައި) އެވެ.
މ. އަތޮޅުގެ ގްރޫޕް އެކެއްގައި ދިއްގަރު އަތުން 2-1 އިން ހޯދީ މޮޅާއެކު ނާލާފުށިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރިއިރު، މި ގްރޫޕުގެ ދެވަނަ ހޯދީ ދިއްގަރެވެ. ނާލާފުށްޓަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދިއްގަރަށް ދެ މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް މުލަކަށް ޕޮއިންޓެއްނުލިބެއެވެ.
ރޭގެ މެޗުގައި ނާލާފުށިން ޖެހި ގޯލްތައް ކާމިޔާބުކުރީ އަހުމަދު ރަފާހު އާއި މޫސާ ނިސާން އެވެ. ދިއްގަރުގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު މިދުހަތު މަހުމޫދު އެވެ. އެ އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ މުލި އަތުން 2-0 މޮޅުވެ، މަޑުއްވަރީ ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގެ އެއްވަނަ ހޯދީ މުއްޔެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މަޑުއްވަރީ އާއި ފުލުގައި އޮތް ކޮޅުފުށްޓަށްވެސް ލިބުނީ ތިން ޕޮއިންޓެވެ. މަޑުއްވަރީ އާއި މުއްޔަށް ސެމީން ޖާގަ ލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ކ. އަތޮޅުގެ ގްރޫޕް ދޭއްގައި ކާށިދޫ އަތުން 1-0 އިން މޮޅުވެ، މާފުށި ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އިން ޖާގަ ހޯދާފައެވެ. މި ގްރޫޕުން ދެވަނަ އަށްދާ ޓީމެއް އެނގޭނީ ކާށިދޫއާ ދެކޮޅަށް ހިންމަފުށި ކުޅޭ މެޗަށްފަހު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އއ. ބޮޑުފޮޅުދޫން ވަނީ 3-0 ގެ ނަތީޖާއަކުން ފެރިދޫ ބަލިކޮށް، ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލާފައެވެ. އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި އއ. ރަސްދޫން ވަނީ 1-0 އިން އއ. މަތިވެރި އަތުން މޮޅުވެފައެވެ.
ރޭގެ މެޗުތަކަށްފަހު އއ. އަތޮޅުގެ ލީގު ބުރުގައި އެއްވަނައިގައި އޮތީ މަތިވެރި އެވެ. މިހާތަނަށްއައިއިރު އެ އަތޮޅުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ވެސް މަތިވެރިއެވެ. އެ ޓީމަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮޑުފޮޅުދޫ އާއި ތިންވަނައިގައި އޮތް ރަސްދޫ އަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ހަތަރެއްގައި އޮތް ތޮއްޑޫ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ފެރިދޫ އަށް ޕޮއިންޓެއްނުލިބެއެވެ.
