މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެ، ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމުން ހޯދިއިރު، ނައިވާދޫ އިން ވަނީ ހދ. އަތޮޅުގެ ތަށި ދިފާއުކޮށްފައެވެ. ށ. އަތޮޅުގެ ތަށި އުފުލާލީ ފޯކައިދޫ އިންނެވެ.

ހއ. އަތޮޅުގެ ފައިނަލުގައި ފިއްލަދޫ އަތުން އުތީމު މޮޅުވީ ފަހަތުންއަރައި، 2-1 އިންނެވެ. ހދ. ގެ ފައިނަލުގައި ނައިވާދޫން ވަނީ 1-0 އިން ނޭކުރެންދޫ ބަލިކޮށްފައެވެ. ށ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމުގެ މައްޗަށް ފޯކައިދޫ ކުރިހޯދީ ޕެނަލްޓީޖަހައިގެން 4-3 އިންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި އަހަރުގެ ފުރަތަމަ އަތޮޅު ފައިނަލްގައި ކުރީން ލީޑްނެގީ ފިއްލަދޫ އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ފިއްލަދޫ އަށް ޖަހައިދިނީ އަބްދުﷲ އިހުވާން އެވެ. މިއީ އެ ޓީމުގެ މުހައްމަދު ހުޝާމް ދިން ބޯޅައަކުން އިހުވާން ކާމިޔާބުކުރި ގޯލެކެވެ.

ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ތަށްޓާއެކު ނައިވާދޫ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އަބްދުﷲ ޔަޝާއު

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް ސިކުންތުގެ ތެރޭގައި އުތީމުން އެއްވަރުކުރީ އަހުމަދު އައިހަމް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފިއްލަދޫގެ ގޯލްކީޕަރަށް އެންމެ ރަނގަޅަށް އެ ބޯޅަ އަށް މަސައްކަތްނުކުރެވުމުން ވަތް ގޯލެކެވެ. މި މެޗުގެ 35 ވަނަ މިނެޓުގައި އުތީމު މޮޅުވި ލަނޑު އަރިމަތިން ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ރިޝްވާން އިބްރާހިމް އެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ފިއްލަދޫގެ ކުޅުންތެރިއަކު ގައިގަ ޖެހިފައެވެ.

މިއީ އުތީމުުން ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ފުޓްސަލްގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމުގެ އައިހަމް އެވެ. ހއ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ފިއްލަދޫގެ ހުޝާމް ހޮވުނުއިރު، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށްދޭ ރަންބޫޓް ހާސިލްކުރީ ވަށަފަރުގެ ސާޖިދު ރަޝީދު އެވެ.

ރޭ ކުޅުނު ދެވަނަ ފައިނަލްގައި ނައިވާދޫން ވަނީ ފަސްވަނަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފައެވެ. ގްރޫޕް ސްޓޭޖުގައި ނޭކުރެންދޫއާ ނައިވާދޫ ބައްދަލުކުރި މެޗަށްވުރެ ރޭގެ ފައިނަލް މެޗު ފެނުނީ ފޯރިގަދަކޮށެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ނައިވާދޫ އަށް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) ވަރަށް ރީއްޗަށް ނޭކުރެންދޫގެ ކެޕްޓަން މުހައްމަދު ވިލްފް ކައިރިން ނައްޓާލުމަށްފަހު ހުސްކޮށްލާފަ ޝާއްޕެ އަށް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ހދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެސް ނައިވާދޫގެ ޝާއްޕެ އެވެ.

ފޯކައިދޫ ކުޅުންތެރިން ށ. އަތޮޅުގެ ޗެމްޕިއަން ޓީމަށް ދޭ ތަށި އުފުލާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު

ށ. އަތޮޅުގެ ފައިނަލްގައި ކުރީން ލީޑްނެގީ ކަނޑިތީމުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. ހާފުގެ މެދާ ހިސާބުން ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ފޯކައިދޫގެ ހުސެއިން ފަޒީލްގެ ފައިގައި ޖެހިފައެވެ. އޭގެފަހުން، މެޗުގެ 11 ވަނަ މިނެޓުގައި ފޯކައިދޫ އަށް އެއްވަރުކޮށްދިނީ ފަޒީލް އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ކަނޑިތީމުން ދެވަނަ ފަހަރަށް ލީޑްނެގީ ނަދާދު (ކުޑައްޓޭ) ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 28 ވަނަ މިނެޓުގައި ފޯކައިދޫން ދެވަނަ ފަހަރަށް އެއްވަރުކުރީ މުޝީރު އެވެ. މިއީ ކަނޑިތީމުގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ފޯކައިދޫން ކާމިޔާބުކުރި ގޯލެކެވެ. އެއަށްފަހު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި 4-3 އިން ކުރިހޯދީ ފޯކައިދޫ އިންނެވެ. އެ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ކަނޑިތީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ.

މި މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީވެސް ކަނޑިތީމުގެ ނަދާދު (ކުޑައްޓޭ) އެވެ.