ސޯނޫ ނިގަމް އަކީ ބޮލީވުޑްގައި ގިނަ ބަޔަކު ލޯބިވާ އަދި އެއް އިރެއްގައި އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާކަމުގެ އެއްވެސް ޝައްކެއްނެތެވެ. އޭނާ ވަނީ އެތައް ބައިވަރު ހިޓް ލަވަތަކެއް އާންމުންނާއި ހަމައަށް ފޯރު ކޮށްދީފައެވެ. އިއްޔެ އެންމެ ގިނަ ނޫސް ތަކުން ޖާގަ ހޯދީ ހޯމަ ދުވަހު މުމްބާއީގެ ޗެމްބޫރުގައި ބޭއްވި މިއުޒިކް އިވެންޓެއްގައި އޭނާ އާއި އޭނާގެ ޓީމަށް ހަމަލާދިން ވާހަކައެވެ. ސޯޝަލް މީޑިއާގައި ވައިރަލްވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހަމަނުޖެހުމެއްގެ ތެރެއިން ކޮންމެވެސް މީހަކު ސޯނޫގެ ޓީމުގެ މެމްބަރަކު ކޮށްޕާ ސްޓޭޖުން ތިރިއަށް ވައްޓާލާތަނެވެ. ސޯނޫ ވަނީ މި މައްސަލަ ފުލުހަށްވެސް ހުށަހަޅާފައެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޗެމްބުރުގައި ބޭއްވި ފެސްޓިވަލެއްގައި ސޯނޫ ނިގަމް ޕަރފޯމް ކުރަމުން ދަނިކޮށް އުއްދާވް ތަކަރޭގެ ޝިވްސެނާ ޕާޓީއާ ގުޅުން ހުރި ކަމަށް ބެލެވޭ ލޯކަލް އެމްއެލްއޭއަކު ލަވަކިޔުންތެރިޔާގެ މެނޭޖަރު ސައިރާއާ މެދު ނޭދެވޭ ގޮތަކަށް އަމަލު ކުރަން ފެށިކަމަށެވެ. ފެންނަ ފެނުމުގައި މެމްބަރުގެ ދަރިފުޅު ބޭނުންވީ ސޯނޫއާ އެކު ފޮޓޯއެއް ނަގަން ކަމަށާއި އެއީ އެމީހުން ސްޓޭޖަށް އެރި ސަބަބުކަމަށް އެ ނޫސް ތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ސޯނޫ ސްޓޭޖުން ފައިބަމުން ދިޔައިރު އެމީހާ ވަނީ ބެކްސްޓޭޖްގެ ސިޑިން ސޯނޫ އާ ދިމާކޮށްފައެވެ. މިހާތަނަށް އައިއިރު، ވައިރަލްވެގެން އުޅޭ ވީޑިއޯ ވެރިފައި ކުރަމުންދާއިރު، ފުލުހުންގެ އޮފިޝަލުން ދަނީ ސޯނޫ ނިގަމްއާ ވާހަކަ ދައްކައިގެން އެ ހާދިސާގެ މައުލޫމާތު ހޯދަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސޯނޫ ނިގަމްގެ ބޮޑީގާޑުން، ލަވަކިޔުންތެރިޔާއާ ހަމަލާދިން މީހާއާއި ދެމެދަށް ވަނުމުން އެމީހާ އެތަނުން އެކަު ކޮށްޕާލުމުން ސިޑިން ވެއްޓުނީ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދީފައިވެއެވެ. މިއަށްފަހު ހަމަލާ ދިން މީހާ ސޯނޫގައިގަ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އޭނާގެ އެކުވެރިޔާ އަދި ލަވަކިޔުންތެރިޔާ ރައްބާނީ ޚާން އެ ދެމެދަށް ވަދެ އެމީހާ ހުއްޓުވަން މަސައްކަތް ކުރިއެވެ. މިކަމުގައި އުސްތާދު ޣުލާމް މުސްތަފާ ޚާންގެ ދަރިކަލުން ރައްބާނީ ވެސް ސިޑިން ހަތް ފޫޓު މަތިން ބިމަށް ވެއްޓުނެވެ. ނަސީބަކުން ސޯނޫއަށް އެއްވެސް އަނިޔާއެއް ނުލިބުނު ނަމަވެސް އޭނާ ސަލާމަތް ކުރަން އުޅުނު ދެމީހުންނަށްވެސް އަނިޔާވިއެވެ.