ހޭރާފޭރީ އަކީ ބޮލީވުޑްގެ ކޮމެޑީ ފިލްމަތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ އެއް ފޭވްރިޓްއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 2006 ވަނަ އަހަރު ނެރުނު ހޭރާފޭރީ-2 އަށް ފަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ ހޭރާފޭރީގެ 3 ވަނަ ބަޔަކަށެވެ. އެމީހުންގެ އިންތިޒާރަށް މިއޮތީ ނިމުން އައިސްފައެވެ.

ހޭރާފޭރީގެ ޝޫޓިން މިވަނީ މިހާރު ފަށާފަކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އިއުލާނުކޮށްފައެވެ. އެޓީމުން ބުނާގޮތުގައި އަސްލު ހޭރާފޭރީ ގޭންގް އަލުން ގުޅިގެން މި ފްރެންޗައިޒް ކުރިއަށް ގެންދަން ނިންމާފައިވާއިރު މިދިޔަ މަސްތަކުގައި ސްކްރިޕްޓާ ބެހޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އެ ޓީމުން އިތުރަށް ބުނި ގޮތުގައި މަސައްކަތް ކުރަމުން ދަނީ ފޭނުންގެ އުންމީދުތަކަށް މި ފިލްމުން އިންސާފު ހޯދައިދޭންކަމަށެވެ. ޕްރޮޑިއުސަރު، ފީރޯޒް ނާޑިއަޑްވާލާ އިން ފެށިގެން އެކްޓަރުންނާ ހަމައަށް – އަކްޝޭ ކުމާރް، ޕަރޭޝް ރާވަލް އަދި ސުނީލް ޝެޓީވެސް ތިބީ ރާޖޫ، ޝިޔާމް އަދި ބަބޫރާއޯގެ ރޯލުން ސެޓަށް އެނބުރި އައުމަށް ތައްޔާރުގައެވެ. ހޭރާފޭރީގެ ފުރަތަމަ ބައި މުމްބާއީގެ އެމްޕަޔަރ ސްޓޫޑިއޯސްގަ 1999 ވަނަ އަހަރުގައި ޝޫޓް ކުރެވިފައި ވާއިރު މިހާރު އޭގެ 24 އަހަރު ފަހުން ހަމަ މި ސެޓުން ޝޫޓިން ފެށިގެން ދިއުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް އެ ޓީމުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މި ފިލްމުން ހޭރާފޭރީގެ އޮރިޖިނަލް 3 ކާސްޓުންގެ އިތުރުން އެހެން އެތައް ފަންނާނުންނެއް ފެނިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިވީހާތަނަށް މި ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަމެއް އިއުލާނުކޮށްފައިއެއް ނުވެއެވެ.