މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ތ. އަތޮޅުގެ ސެމީ ފައިނަލްގައި ކުޅުނު މެޗުތަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށްޓާއި، ކިނބިދޫ ބައްދަލުކުރާން ޖެހިއްޖެއެވެ.
ތ. އަތޮޅުގެ ސެމީގައި ތ. ވޭމަންޑޫ އަތުން 2-0 އިން ތ. ތިމަރަފުށި މޮޅުވިއިރު، ތ. ކިނބިދޫ އިން ވަނީ ފަހަތުންއަރައި 2-1 އިން ތ. އޮމަދޫ ބަލިކޮށްފައެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ތިމަރަފުށްޓަށް ލީޑްނަގައިދިނީ އިބްރާހިމް ޒިޔާން (ޖަންކީ) އެވެ. މިއީ އެ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) ފޮނުވާލި ހިލޭޖެހުމަކުން ގޯލްގެ ދަނޑިކައިރީގައި ހުހަށް ހުރެފައި ޒިޔާން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ތިމަރަފުށީގެ ދެވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް އިސްމާއިލް މުނީޒް އެވެ. މިއީ އޭރިޔާބޭރުން ފޮނުވާލި ހަމަލާއެއް ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން މުނީޒް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ކިނބިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އޮމަދޫ އަށް ލީޑްނަގައިދިނީ އަހުމަދު ނަޝްވާން އެވެ. އޭގެފަހުން، މެޗުގެ ފަހު ހާފުގެ ފަހު ތިން މިނެޓުގެ ތެރޭގައި ކިނބިދޫގެ މުހައްމަދު ސަހާއު (ބޭލް)ގެ އެހީތެރިކަމާއެކު ކިނބިދޫން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. ކިނބިދޫން އެއްވަރުކުރި ލަނޑު، 17 ވަނަ މިނެޓުގައި ސަހާއު ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އަހުމަދު ހަމްދާން އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ކިނބިދޫ އިން މޮޅުވި ލަނޑަކީ ސަހާއު ފޮނުވާލި ބޯޅައެއް އޮމަދޫގެ މުހައްމަދު އަލާއު ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ކ. އަތޮޅުގެ ހިންމަފުށްޓާ ދެކޮޅަށް ކާށިދޫ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-2 އިންނެވެ. މި މެޗުން ހޯދީ މޮޅާއެކު ކާށިދޫން ވަނީ އެ އަތޮޅުގެ ސެމީން ޖާގަ ހޯދާފައެވެ. ކ. އަތޮޅުގެ ފުރަތަމަ ސެމީގައި ގާފަރާއި ކާށިދޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި މާފުށި ނިކުންނާނީ ދިއްފުށްޓާ ދެކޮޅަށެވެ.
ލ. އަތޮޅުގެ ފައިނަލަށް ދަތުރުކޮށްފައިވާ އިސްދޫއާ ގަން ބައްދަލުކުރި މެޗުން ގަން މޮޅުވީ 4-0 އިންނެވެ. އެ އަތޮޅުގެ އަނެއް މެޗުގައި ލ. މާމެންދޫން ވަނީ 3-0 އިން ލ. ކަލައިދޫ ބަލިކޮށްފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގދ. އަތޮޅުގެ ލީގު ބުރުގައި ގދ. ވާދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގދ. ތިނަދޫ ޓީމަށް ހާޟިރުވެވެން ނެތުމުން ވާދޫ އަށް ވަނީ މެޗު ލިބިފައެވެ. ގދ. އަތޮޅުގެ އަނެއް މެޗުގައި ގައްދޫން ވަނީ 3-2 ގެ ނަތީޖާއަކުން މަޑަވެލި އަތުން މޮޅުވެފައެވެ. ރޭ ކުޅެވުނު އަނެއް މެޗުގައި ޅ. ކުރެންދޫން ވަނީ 1-0 އިން ޅ. ހިންނަވަރު ބަލިކޮށްފައެވެ.
