ބޭންކު ކާޑުތަކުން ކުރެވޭ ވައްކަންތައް އިންތިހާއަށް އިތުރުވެފައިވާ ވާހަކައަކީ އިއްޔަ އަކު ނޫނީ މިއަދު އަލަށް ދައްކަންފެށި ވާހަކައެއް ނޫނެވެ. އަބަދުވެސް އެތައް ރައްޔިތުންނެއް ގެ ކަންބޮޑުވުމެވެ. ނިދާ ހޭލާއިރު، ނިކަމެތި ރައްޔިތު މީހާ ގުދު ބިންދައިގެން އެކައުންޓަށް ލާފައި ހުންނަ ފައިސާކޮޅު އޮންނަނީ، ކޮންމެވެސް ބޭރުގައުމެއްގެ ކުންފުންޏަކުން ދޮވެލާފައެވެ.
ހިތާމައަކީ، މިހާ ފުޅާ ދާއިރާއެއްގައި މި ވައްކަންތައް ކުރަމުން ދާއިރުވެސް، މިއިން އެއްވެސް ކަމަކަށް ހައްލެއް ނުވަތަ، ހައްލެއް ލިބިދާނެ ކަމުގެ ކޮޅުމައްޗެއް ވެސް ނުފެންނާތީއެވެ. ރައްޔިތުން މި ވާހަކަތައް ދައްކާ ދައްކާ އަނގައަށް ވާޅު ވީއިރުވެސް، ދިވެހި ރާއްޖޭގެ މައި ބޭންކު (އެމް. އެމް. އޭ) އަށް ކަހާތަން ހިރުވާލާ ހެންވެސް ހީނުވެއެވެ.
މިއާއި އެކު، ދާދި ފަހުން ވަނީ، މިފަދަ ވައްކަން ތަކުގެ ސަބަބުން ގެއްލުން ވެފައިވާ ފަރާތްތަކުގެ އަޑުއިއްވައި ދިނުމަށް "ބީ.އެމް.އެލް ވިކްޓިމްސް" ގެ ނަމުގައި ވައިބާ ގްރޫޕެއް ހަދާފައެވެ. އަދި މިހާތަނަށް މި ގުރޫޕަށް 6000 އަށް ވުރެ ގިނަ މީހުން ވަނީ ގުޅިފައެވެ. ނަމަވެސް، އެންމެ ހައިރާން ވާން ޖެހުނު ކަމަކީ، 131 މީހުން އަތުން ޖުމުލަ 6.7 މިލިއަން ރުފިޔާ އަށް ވުރެން ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި އޮތުމެވެ.
ޕޭޕަލް އަކީ ކޮބާ؟
ޕޭޕަލް އަކީ ވެބްސައިޓު ނުވަތަ ޕޭޕަލް ގެ އެޕްލިކޭޝަން މެދުވެރިކޮށް އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ފޮނުވާ، ލިބިގަނެވޭނެ އޮންލައިން ޕްލެޓްފޯރމެކެވެ. ޕޭޕަލް އެކައުންޓަށް ވެސް ފައިސާ ޖަމާކޮށް ހަދާނީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށެވެ. މި ގޮތުން ޕޭޕަލް މެދުވެރިކޮށް ވިޔަފާރި ތަކަށް ފައިސާ ދެއްކުމާއި، ފައިސާ ފޮނުވާ ލިބިގަތުމުގެ އެތައް މުއާމަލާތެއް ހިންގޭނެއެވެ. މިއާއި އެކު، ކަސްޓަމަރުންނަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ވިޔަފާރި ކޮށްލެވުމާއި، ޕޭޕަލް އެކައުންޓުގައި ހުންނަ ފައިސާ ބޭންކު އެކައުންޓަށް ޖަމާކޮށް، ފައިސާ ނެގޭނެވެސް މެއެވެ. ފާހަގަކޮށްލަން ޖެހޭ އެންމެ މުހިއްމު ކަމަކީ، ޕޭޕަލް މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ ރައްކާތެރިކަމެވެ. މިހެން މިކަން ދަނީ، ކަސްޓަމަރުގެ ކާޑު ނުވަތަ ބޭންކު އެކައުންޓުގެ އެއްވެސް މައުލޫމާތެއް، ފައިސާ ލިބިގަންނަ ފަރާތަށް ނޭނގޭނެތީއެވެ.
ޕޭޕަލް އިން ލިބޭނެ ފައިދާތައް
ރަނގަޅު އިންޓަނެޓެއް ހުރިނަމަ ހާސްވާނެ ކަމެއް ނެތެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަނެވޭނެއެވެ. ހަމަ މިއާއި އެކު، ޕޭޕަލް އިން އަންނަނީ "އެންކްރިޕްޝަން" ފަދަ އޮތެންޓިކޭޓާސް ކަސްޓަމަރުންގެ އަމިއްލަ އަދި ބޭންކު ގެ މައުލޫމާތުތައް ރައްކާތެރި ކުރުމަށް ޓަކައި ބޭނުން ކުރަމުންނެވެ. މިހާތަނަށް ދިވެހި ވިޔަފާރި ތަކުގައި ޕޭމަންޓު އޮޕްޝަން އެއްގެ ގޮތުގައި ޕޭޕަލް ބަލައި ނުގަތަސް، ޕޭޕަލް އަކީ ދުނިޔޭގެ ބޮޑެތި ވިޔަފާރި ތަކުގައި ޕޭމަންޓް އޮޕްޝަން އެއްގެ ގޮތުގައި ބަލައިގެންފައިވާ އިތުބާރުހުރި ޕްލެޓްފޯރމެކެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވާ ކަމުގައި ވާނަމަ، ޕޭޕަލް ގައި އިންނަ "އޮޓޮމެޓިކް ކޮންވާޝަން" އަކީ ވަރަށް ވެސް ފަސޭހަ ކޮށްދޭ ކަމެކެވެ. އެހެން ޕްލެޓްފޯރމު ތަކާއި ހިލާފަށް ޕޭޕަލް ޕޭމަންޓް އޮޕްޝަން އެއްގެ ގޮތުގައި ހިޔާރު ކުރަން މާ ބޮޑަށް ފަސޭހަ ވެފައި ލުޔެވެ. އެހެން ކަމުން، އަމިއްލަ ވިޔަފާރި ތަކާއި، އޮންލައިން ފިހާރަތަކަށް ޕޭޕަލް ޕޭމަންޓް އޮޕްޝަން އެއްގެ ގޮތުގައި ތައާރަފު ކުރުމަކީ ތަކުލީފަކަށް ނުވެއެވެ. މީގެ އިތުރުން ވެސް އޮންލައިން އެކި ގޮތް ގޮތަށް ލާރި ހޯދުމުގެ ފުރުސަތު ޕޭޕަލް އާއި އެކީ ހުޅުވިގެން ދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ޔޫޓިއުބާއި، ސްޕޮޓިފައި ފަދަ ޕްލެޓްފޯރމު ތައް މޮނެޓައިޒް ކުރެވިއްޖެ ކަމުގައި ވާނަމަ އަނެއްކާވެސް އެ ހުޅުވިގެން ދަނީ އާމްދާނީ ހޯދޭނޭ ދޮރުތަކެވެ. އެފިލިއޭޓް މާރކެޓާސް އަށާއި، ޑްރޮޕް ޝިޕާސް އަށް ލިބިގެންދާނޭ ވަރަށް ބޮޑު ލުޔެއްކަން ޔަގީނެވެ.
ޕޭޕަލް އިން އެއްވެސް ފީ އެއް ނަގާނެތަ؟
ޕޭޕަލް މެދުވެރިކޮށް އެއްވެސް ފީ އަކާއި ނުލާ ފައިސާ ޖަމާކޮށް އަދި ނަގާ ހެދޭނެއެވެ. އަދި ހަމަ އެއާއިއެކު، ޕޭޕަލް އެކައުންޓު މެދުވެރިކޮށް ހިންގޭ ވިޔަފާރި މުއާމަލާތަކަށް ވެސް އެއްވެސް ފީ އެއް ނުނެގޭނެއެވެ. ނަމަވެސް، އެއް ގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވާކަމުގައި ވާނަމަ އާންމުކޮށް މުއާމަލާތުގެ %4 "ކޮންވާޝަން ފީ" އެއްގެ ގޮތުގައި ޗާޖު ކުރެވެއެވެ. އަދި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ހިންގޭ ޕޭޕަލް މުއާމަލާތްތަކަށް %2.9 ގެ ޗާޖެއް ނެގެއެވެ.
ކަން މިހެން އޮތް ނަމަވެސް، ގިނަ ދިވެހިން މި ވަގުތު ބޭނުންވަނީ އަމިއްލަ ފައިސާ ނުގެއްލޭނޭ ކަމުގެ އިތުބާރެވެ. ރައްކާތެރި ކަމާއިއެކު އަހަރުމެންގެ ފައިސާ ރައްކާކުރެވޭނެ ގޮތެކެވެ. އަހަރެންގެ ބޭންކުން އަހަރެންނަށް ޕޭޕަލް ދޭނެ ދުވަހަަކަށް އިންތިޒާރުކޮށްކޮށް ހުއްޓަ އަހަންނަށް ލިބުނީ ބޮޑު "ދޯކާއެވެ." މާޔޫސްކަމެވެ!
