ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅެވުނު ގއ. އަތޮޅުގެ ފައިނަލްގައި ނިލަންދޫ އަތުން 2-1 އިން ހޯދީ މޮޅާއެކު މާމެންދޫން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި މެޗުގައި މާމެންދޫން ޖެހި ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުޝަމް ހަސަން ދީދީ އެވެ.

އޭގެ ދެ މިނެޓުފަހުން، މާމެންދޫގެ ދެވަނަ ލަނޑުޖަހައިދިނީ ޝަމްވީލް މުހައްމަދު އެވެ. މި މެޗުގެ އިތުރުވަގުތުގައި ނިލަންދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މަމްދޫހު އިބްރާހިމް (މަމޭ) އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނިލަންދޫގެ މަމްދޫހު (މަމޭ) އަށް މާމެންދޫގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މެޗަށްފަހު ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ގއ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާމެންދޫގެ ކެޕްޓަން އަހުޝަމް އެވެ. އަދި އެ އަތޮޅުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ ވެސް އަހުޝަމް އެވެ.

މި މުބާރާތުގައި ރޭ އައްޑޫ އަތޮޅުގެ ބުރުގައި ސ. މަރަދޫފޭދޫގެ މައްޗަށް ސ. ފޭދޫން ކުރިހޯދީ 2-0 އިންނެވެ. މި މެޗުގައި ފޭދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ހަސަން އަޒުވާން އެވެ.