މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅެވުނު މެޗުތަކަށްފަހު ކ، މ އަދި ދ. އަތޮޅުގެ ފައިނަލްގައި ކުޅޭ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ރޭ ކުޅުނު ކ. އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގާފަރާއި ކާށިދޫ ބައްދަލުކުރި މެޗު ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުން ކުރިހޯދީ 5-3 އިންނެވެ. 

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގާފަރުން ފޮނުވާލި ގިނަ ހަމަލާތައް ކާށިދޫން ވަނީ ހުއްޓުވާފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، މި މެޗުގައި ގާފަރަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗު ނިމެން 3 މިނެޓާއި 30 ސިކުންތު އޮއްވައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާށިދޫ އަށް އެއްވަރުކޮށްދިނީ އަކްމަލް މުހައްމަދު އެވެ. 

ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުގެ ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއީ އައްޒާމް ނިޔާޒް، ޝަނާން ރަޝާދު އާއި ނާއިހު މުފީދު (ނާހު) އަދި އިބްރާހިމް ރިމާހު (ރިމޭ) އެވެ. ކާށިދޫ އަށް ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޒޭރު އާއި ޝައްފާން ހަލީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ ރިމާހު (ރިމޭ) އެވެ.

ދެވަނަ ސެމީގައި މާފުށްޓާއި ދެކޮޅަށް ދިއްފުށި ކުޅުނު މެޗުގެ ނަތީޖާ ނެރެން ޖެހުނީ ވެސް ޕެނަލްޓީ ޖަހާށެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން، ޕެނަލްޓީގައި ދިއްފުށިން ކުރިހޯދީ 7-6 އިންނެވެ. މި މެޗުގައި ދިއްފުށީގެ ލަނޑުތައް ޖަހައިދިނީ ޒައިން ޒަފަރު އާއި އަހުމަދު މާޒިން އަދި މުހައްމަދު އަސްލަމް އެވެ. މާފުށީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖަހައިދިނީ އިސްމާއިލް ނަޒީހު އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ހުސެއިން އިމްރާން އެވެ.

މ. އަތޮޅުގެ ސެމީގެ ފުރަތަމަ މެޗުގައި ދިއްގަރުން ވަނީ 3-2 އިން މުލި ބަލިކޮށްފައެވެ. މި މެޗުގައި ދިއްގަރުގެ ލަނޑުތައް ޖެހީ ހުސެއިން ފާރިޝް އާއި އަލީ މަޖީދު އަދި އަހުމަދު މިދުހަތު މަހުމޫދު އެވެ. މުލީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ނާފިއު އާއި ހަސަން އަޝްރަފް އެވެ.

މ. އަތޮޅުގެ ދެވަނަ ސެމީގައި ނާލާފުށިން ވަނީ ޕެނަލްޓީ ޖަހައިގެން 5-4 އިން މަޑުއްވަރީ އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ނާލާފުށީގެ ގޯލަކީ މަޑުއްވަރީގެ މޫސާ ޝިޔާޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މަޑުއްވަރީގެ ލަނޑުޖެހީ އިސްމާއިލް ނާޝިދު އެވެ.

މި މުބާރާތުގައި ރޭ ދ. އަތޮޅުގެ ލީގު ބުރުގައި ބަނޑިދޫ އަތުން 5-0 އިން ހޯދީ ބޮޑު މޮޅާއެކު މާއެނބޫދޫން ވަނީ އެ އަތޮޅުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި މާއެނބޫދޫގެ އަހުމަދު ޝައިހާން ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަމްޖަދު އަލީ އާއި މުހައްމަދު ނިޔާޒު އަދި އަބްދުﷲ ޝާހީން އެވެ. ދ. އަތޮޅުގެ ފައިނަލްގައި މާއެނބޫދޫ ބައްދަލުކުރާނީ ކުޑަހުވަދޫއާ އެވެ.