މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެ، އއ. އަތޮޅުގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އިން ހޯދިއިރު، މާމިގިލި އިން ވަނީ އދ. އަތޮޅުގެ ތަށި އުފުލާލައިފައެވެ.
އއ. އަތޮޅުގެ ފައިނަލްގައި ބޮޑުފޮޅުދޫން ވަނީ 5-2 ގެ ނަތީޖާއަކުން މަތިވެރި ބަލިކޮށްފައެވެ. އދ. އަތޮޅުގެ ފައިނަލްގައި މާމިގިލިން ވަނީ ފަހަތުންއަރައި 3-2 އިން މަހިބަދޫ އަތުން މޮޅުވެފައެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކުރީން ލީޑްނެގީ މަހިބަދޫ އިންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކަށް މާމިގިލީގެ ކީޕަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކާމިޔާބުކުރި ގޯލެކެވެ.
މާމިގިލިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހުމަދު ނިޒާމް (ނިޒާމްބެ) ކާމިޔާބުކުރި ރީތި ގޯލުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ނިޒާމްބެ މި ލަނޑުޖެހީ ހާފުގެ މެދާ ހިސާބުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ މިނެޓެއްފަހުން، މާމިގިލީގެ ހައިޝަމް ނެގި ހުރަހަކުން އެ ޓީމުގެ އަހުމަދު މަމްދޫހު ބޮލުން ކާމިޔާބުކުރި ގޯލުން ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގައިފައެވެ.
އަދި އޭގެފަހުން، މެޗުގެ 35 ވަނަ މިނެޓުގައި ގާސިމް ސައްމާމް ދުރުުން ފޮނުވާލި ހަމަލާއަކުން މަހިބަދޫ އިން އެއްވަރުކޮށްފައިވަނިކޮށް، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މާމިގިލި މޮޅުވި ލަނޑުޖަހައިދިނީ ހިސާމް ސަލީމް (ކޮކީ) އެވެ.
އދ. އަތޮޅުގެ ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ މާމިގިލީގެ ހިސާމް (ކޮކީ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ މިދުހަތު (ބިޗަޑް) އެވެ.
މިއަދު ހަވީރު ކުޅުނު އަނެއް ފައިނަލްގައި ބޮޑުފޮޅުދޫން މަތިވެރި ކޮޅަށް ވައްދާލި ލަނޑުތައް ޖަހައިދިނީ ޖާދުﷲ، ރުކްޝާން، އަހުމަދު ރިއުޝާން އާއި ނަވާޒް އަދި ސަނީޒް އެވެ. މަތިވެރިން ކާމިޔާބުކުރި ލަނޑުތައް ޖެހީ އަލީ އަލްސަން އާއި އިމްރާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ބޮޑުފޮޅުދޫގެ ރިއުޝާން ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ މަތިވެރި ޓީމުގެ އަލްސަން އެވެ.
