މޯލްޑިވްސް އާރޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ އާޓް އެގްޒިބިޝަން މިހިނގާ އޮކްޓޯބަރ މަހުގެ 22 އިން ފެށިގެން 29 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށް އެބަދެއެވެ. "އަންވެއިލިންގ ވިޝަން" މި ތީމްގެ ދަށުން ކުރިޔަށް ގެންދާ މި އެކްޒިބިޝަން އަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެއްފަހަރު ކުރިޔަށް ގެންދާ އެކްޒިބިޝަންއެކެވެ.
ފަންސާހަށް ވުރެ ގިނަ އާރޓްޕީސް އާއިއެކު ހަތަރު ކެޓަގަރީއަކަށް ބަހާލެވިގެން ކުރިޔަށްދާ މިއެގްޒިބިޝަންގައި ތަފާތު އެކިއެކި ކުރެހުން ހިމެނެއެވެ. މީގެ ތެރޭގައި ޕެއިންޓިންގ (އެކްރެލިކް)، މިކްސް މީޑިއާ، ޑްރޯވިންގސް (ޕެންސިލް، ޗާރކޯލް) އަދި ޑިޖިޓަލް ޕެއިންޓިންގ ހިމެނެއެވެ. މީގެ ކޮންމެ އަރޓްޕީސްއެއް ވެސް ބޭނުން ފަރާތަކުން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މެކްއިން ބުނާގޮތުގައި މިހާރުވެސް ހަ ކުރެހުން ވިކިފައިވެއެވެ. އަދި މިފަހަރުގެ އެންމެ އަގުބޮޑު އަރޓްޕީސްގެ އަގަކީ 75،000 ރުފިޔާއެވެ. މިކުރެހުމަކީ ރަންނަމާރި ޓައިޓްލްގެ ދަށުން ކެންވަސްގައި އޮއިލްއިން ޕެއިންޓްކޮށްފައިވާ ކުރެހުމެކެވެ.

މެކް އިން މިފަދަ އިވެންޓްތައް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަޤްސަދަކީ ޒުވާން އާޓިސްޓުންނަށް އެމީހުންގެ ކުޅަދާނަކަން މިކަހަލަ ޕްލެޓްފޯމަކުން ދައްކާލުމުގެ ފުރުސަތުތައް ހުޅުވާލުމެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ޒުވާނުންނަށް މި އިވެންޓާއި ބެހޭ މައުލޫމާތު ފޯރުކޮށްދެއެވެ. އަދި ކުރެހުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވުމަށްޓަކައި މެކްގެ މެމްބަރަކަށް ވާން ޖެހެއެވެ. މެކްއިން ބުނާގޮތުގައި އަހަރަކަށްވުރެ އަހަރެއް މި އެކްޒިބިޝަންގައި ޒުވާނުން ބައިވެރިވާ މިންވަރު ދަނީ މަތިވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ 20 ވަރަކަށް ބައިވެރިންނާއެކު ފެށި މި އެކްޒިބިޝަންގައި މިއަހަރު 50 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި އެކްޒިބިޝަން ބޮޑަށް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ކަމަށްވިޔަސް ހުރިހާ ޢުމުރުފުރާއަކުން ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. އެހެންނަމަވެސް ވަނަ ދިނުމުގައި ބަލާނީ 30 އަހަރުން ދަށުގެ ފަރާތްތަކުން ހުށަހަޅާފައިވާ ކުރެހުމަށެވެ. ކުރީ އަހަރުތަކުގައި މުޅި އެކްޒިބިޝަންއިން އޯވަރއޯލްކޮށް އެންމެ ރީތި ކުރެހުން ހޮވި ކަމުގައިވިޔަސް މިއަހަރު ހޮވާނީ ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައެވެ. އަދި މިފަރާތްތަކަށް ޓްރޮފީއާއި ހަނދާނީލިޔުމާއި އަދި ފައިސާގެ އިނާމްވެސް މެކްއިން ހުށަހަޅާފައި ވެއެވެ.
މިފަހަރުގެ މިއެގްޒިބިޝަންގައި ހިމަނާފައިވަނީ ހަމައެކަނި ތަފާތު ވައްތަރުގެ ކުރެހުން އެކަންޏެއް ނޫނެވެ. ތަފާތު އެކިއެކި ހުނަރުވެރި މަސައްކަތްތައް ބައިވެރިން ހުށަހަޅާފައިވާކަން ފާހަގަވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ހިރިގަލުން ކަނޑާފައި ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ޖީއެން ސައިކަލެއްގެ ކަވަރު ސެޓެވެ.

ވޯލްޕުޓީ އާއި ޕެއިންޓިންގ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިސައިކަލުގެ ކަވަރުސެޓްގައި ކުރީޒަމާނުގެ ހިރިގަލުން ތައްޔާރުކުރެވިފައިވާ ބާވަތްތަކުގެ ރަހަ ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. އަދި މިކޮންސެޕްޓަކީ ހިރިގާ ބޭނުންކޮށްގެން ޒަމާނީ އާލާތްތައްވެސް ތައްޔާރުކުރެވިދާނެކަން އެންގުމުގެ ގޮތުން ކޮށްފައިވާ ބުރަ މަސައްކަތެކެވެ. ކޮންމެއަކަސް 22،222.00 ރުފިޔާގެ މި އަގުބޮޑު އަރޓްޕީސްއަށް ޝުކުރު ހައްޤެވެ.
ދެން އެންމެ ފާހަގަކުރެވުނު އެއް މަސައްކަތަކީ މިކްސްމީޑިއާ ކެޓެގަރީގެ ދަށުން ހުށަހަޅާފައިވާ މިމަސައްކަތެވެ.

ސަންގެއްގެ ބައްޓަމަށް ތައްޔާރުކުރެވިފައިވާ މިއާޓްޕީސް އަކީ ވެސް ބުރަ މަސައްކަތެކެވެ. އަދި މަސައްކަތް ކުރި ފަރާތުން ފާހަގަކުރި ގޮތުގައި މީގެ ބޭނުމަކީ ވަގުތާއި ޙާލަތު ބަދަލުވާ ވަަރަކަށް އެއްޗެހީގެ މުހިންމުކަމަށް އަންނަ ބަދަލު ބުނެދިނުމެވެ. އަދި ކިތަންމެ ޒަމާނެއްވިޔަސް ރީތިކޮށް އެއްޗެއް ގެންގުޅޭނަމަ އެ އެއްޗެއް އަގުކުރެވޭ ގޮތްވެސް ތަފާތުވާނެކަން އަންގައިދިނުމެވެ. ތަފާތު އެކިއެކި އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިއާޓްޕީސްގެ އަގަކީ 10،000 ރުފިޔާއެވެ.

ތިންވަނައަށް އެންމެ ތަފާތު މަސައްކަތަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ މޭޒެއްގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ކަނޑުއަޑީގެ ރީތި މަންޒަރެކެވެ. "ބިއުޓިފުލް ޑިޒާސްޓަރ"ގެ ޓައިޓަލްގެ ދަށުން ހުށަހަޅާފައިވާ މި އަރޓްޕީސްގައި ދައްކާފައިވަނީ ކަންކަމާއި ކެރިގެން ކުރިމަތިލުމަކީ މުހިންމު ކަމެއްކަމެވެ. ތިމާގެ ސިނކުޑީގެ ތެރޭގައި އެކިކަންކަމާއި ބެހޭގޮތުން ހިނގާ ހައިޖާނުތަކުގެ ސަބަބުން ތިމާގެ އުފާވެރިކަން ނަގާލުމަކީ ރަނގަޅުކަމެއް ނޫންކަމެވެ. ވާވު އޮތޮޅުކައިރިއަށް އަޑިޔަށް ގޮސްފައިވާ ބޯޓެއްގެ މަންޒަރުފެންނަ ނޫކުލައިގެ މިރީތި އަރޓްސްޕިސްގެ އަގަކީ 26،000.00 ރުފިޔާއެވެ.
މޯލްޑިވްސް އާރޓިސްޓް އެސޯސިއޭޝަންއިން ބުނި ގޮތުގައި މިއެކްޒިބިޝަން ކުރިޔަށް ދިއުމުގައި ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބެއެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޯރ އާޓްސް އާއި ޔޫތް މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
