ކްރިޕްޓޯކަރަންސީ އަކީ، އެއްވެސް ބޭންކެއް ނުވަތަ ސަރުކާރެއް މެދުވެރި ނުވެ، ބްލޮކްޗެއިން ޓެކްނޮލޮޖީގެ އެހީގައި، މުއާމަލާތްތައް ރައްކާކުރެވި، ފްރޯޑް އާއި ވައްކަންތަކަށް މަގުފަހި ނުވާނޭހެން ތައްޔާރުކުރެވިފައިވާ ޑީޖިޓަލް ފައިސާއެކެވެ. އެހެން ފައިސާއެކޭ އެއް ފަދައިން، ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެންވެސް، މުދާ އަދި ފައިސާ ގަނެވިއްކާ ހެދޭނެއެވެ. ބިޓްކޮއިން، އެތެރެއަމް އަދި ލައިޓްކޮއިން އަކީ މިފަދަ ކްރިޕްޓޯކަރަންސީގެ ބައެއް މިސާލުތަކެވެ. ކްރިޕްޓޯކަރަންސީގެ ސަބަބުން ލިބޭ ބައެއް ފައިދާ ތަކަށް ބަލާލާއިރު، މުއާމަލާތްތަކަށް ނެގޭ ފީ ކުޑަ ވެފައި، އަވަސް ކަމަކީ ލިބިގެންދާނޭ އެންމެ ބޮޑު ލުޔެވެ. ކަންމިހެން ވަނީވެސް، ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކަށް މެދުވެރިއެއް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް، ކްރިޕްޓޯކަރަންސީތަކުގެ އަގުތަކަށް އަންނަ ބަދަލު ނުވަތަ "ވޮލަޓިލިޓީ" އަކީ މިފަދަ ފައިސާ އެއް އަލަށް ތައާރަފުކުރުމުގައި ދިމާވެދާނޭ އެންމެ ބޮޑު ގޮންޖެހުމެވެ. 

ދިވެހިރާއްޖޭގެ މައި ބޭންކު އެމް.އެމް.އޭ ގެ ކުރީގެ ގަވަރުނަރު، އަހުމަދު ނަސީރު ގަބޫލުކުރައްވާ ގޮތުގައި، މިހާރުވެސް އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ބަޔަކު، ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީތައް ރައްކާކޮށް އޭގެ ވިޔަފާރިކޮށް ހަދައެވެ. 2018 ވަނަ އަހަރު ބޭއްވުނު ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސްގައި، ނަސީރުވަނީ ކްރިޕްޓޯކަރަންސީ ވިޔަފާރި މުއާމަލާތްތައް ހިންގުމުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަރަށް ގަދައަށް ވާހަކަފުޅު ދައްކަވާފައެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު، "ކޮރޮސްރޯޑްސް މޯލްޑިވްސް" އިން ވަނީ، ގެސްޓުންނަށް އެ ރިސޯޓުގެ ހިދުމަތްތަކަށް، ޔޫ.އެސް.ޑީ ކޮއިންސް އަދި ޔޫ.އެސް.ޑީ ޓެތާރ މެދުވެރިކޮށް ފައިސާދެއްކޭނެކަމަށް އިއުލާނުކޮށްފައެވެ. އެ ރިސޯޓުން ބުނެފައިވާ ގޮތުގައި، މި ބަދަލުގެ ސަބަބުން، ކަސްޓަމަރުންނަށް ފައިސާ ދެއްކޭނޭ އިތުރު މަގެއް ތަނަވަސްކޮށްދީ، އިތުރު ބުކިންގ ތައް ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ. ނަމަވެސް އެއާއި ވިދިގެން، އެމް. އެމް. އޭ ގެ ގަވަރުނަރު، އަލީ ހާޝިމްވަނީ، ދިވެހިރާއްޖޭގެ އެއްވެސް ވިޔަފާރި މުއާމަލާތެއްގައި ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް ދިވެހި ގާނޫނުން ތަން ނުދޭ ކަމަށް ބުނެފައެވެ. އެހެންކަމުން، ކްރިޕްޓޯކަރަންސީ ފަދަ، މުޅިން އާ ފައިސާއެއް ތައާރަފު ކުރާކަމަށް ވާނަމަ ހަރުދަނާ އަދި ވަށާ ޖެހޭނޭ ގާނޫނުތަކެއް އެކުލަވާލުމަކީވެސް، އިންތިހާއަށް މުހިއްމު ކަމެކެވެ. 

ކްރިޕްޓޯކަރަންސީ އަކީ، އަދި މުޅި ދުނިޔެއަށް ވެސް ވަރަށް އާ އެއްޗެކެވެ. އެންމެ ފުރަތަމަ ކްރިޕްޓޯކަރަންސީ އެއްގެ ގޮތުގައި މުޅި ދުނިޔެއަށްވެސް ތަޢާރަފު ކުރެވުނު ފައިސާ އަކީ، 2009 ވަނަ އަހަރު ސަޓޯޝީ ނަކަމޯޓޯ ކިޔާ ފަރާތަކުން ތައާރަފު ކުރި ބިޓްކޮއިންއެވެ. މިއާއި އެކު މިހާތަނަށް ވެސް، އެންމެ މަގުބޫލު އަދި އެންމެ އަގުބޮޑު ކްރިޕްޓޯކަރަންސީއަކީ ވެސް ބިޓްކޮއިނެވެ. އެހެންކަމުން، މިހާ ޅަފަތުގައި އޮތް ފައިސާއެއް އަޅުގަނޑުމެންގެ އިގްތިސާދަށް ތައާރަފް ކުރުމުގެ ކުރިން، އެންމެހާ ރައްޔިތުން މިއަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެން ނޫންނަމަ އޭގެން ވާ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ވެދާނެ ނޫންތޯއެވެ؟ 

ކުރިން ވެސް ފާހަގަކުރި ފަދައިން، ކްރިޕްޓޯކަރަންސީ އަކީ، އޭގެ އަގުތައް އިންތިހާއަށް ބަދަލުވަމުން އަންނަ އެއްޗެކެވެ. ކްރިޕްޓޯކަރަންސީގެ އަގުތަކަށް އަންނަ މިފަދަ ގިނަ ބަދަލުތަކާއި ގުޅިގެން، ވިޔަފާރި ތަކަށް، މުދަލުގެ އަގު ކަނޑައެޅުމުގައި ދަތިތަކެއް ދިމާވާނެއެވެ. އަދި ހަމަ އެއާއި އެކު، ކްރިޕްޓޯކަރަންސީ ގަނެ ވިއްކާ ފަރާތްތަކަށް ވެސް މި ބަދަލު ތަކުގެ ސަބަބުން ބައެއް ފަހަރު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ.

ހަމަ މިފަދައިން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދިވެހިރާއްޖެއަށް ކްރިޕްޓޯކަރަންސީ ތައާރަފު ކުރާކަމުގައި ވާނަމަ، ސަރުކާރާއި މައި ބޭންކުތަކާއި ގުޅިގެން ނޫން ގޮތަކަށް ނުކުރެވޭނެކަމެވެ. ކްރިޕްޓޯކަރަންސީ ވާން ވާނީ، ދިވެހި ފައިނޭންޝަލް ނިޒާމުގެ ތެރެއިން އެންމެނަށް ވެސް، އިންސާފުވެރި ކަމާއި ރައްކާތެރިކަން ލިބިދޭނޭ އެއްޗަކަށެވެ.

އެހެންކަމުން، ދިވެހިރާއްޖެ އަށް ކްރިޕްޓޯކަރަންސީ ތައާރަފް ކުރުން ވެގެންދާނީ، ވަރަށް ގޮންޖެހުންތައް ގިނަ، އެހާމެ ބުރަ މަސައްކަތަކަށެވެ. ގާނޫނީ ގޮތުން ހުރި ފިއްތުންތަކާއި، މީހުން ހޭލުންތެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތް ތަކާއި، ކްރިޕްޓޯކަރަންސީގެ އަގު ތަކަށް އަންނަ ބަދަލުތަކަކީ މިއީ ހާއްސަ ސަމާލުކަމެއް ދީގެން ހައްލު ހޯދަން މަސައްކަތްކުރަން ޖެހޭނޭ ކަންތައްތަކެވެ. އެހެން ނޫންނަމަ، އަރައި ނުގަނެވޭނެ ވަރުގެ ވަޅުގަނޑަކަށް އަޅުގަނޑުމެންގެ އިގްތިސާދު ވެއްޓި، ގިސްލާ ރޯން ޖެހިދާނެއެވެ.