މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު، ގދ. ވާދޫ، ލ. ގަން، ތ. ކިނބިދޫ އަދި ޅ. ކުރެންދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ގދ. އަތޮޅުގެ ފައިނަލްގައި ވާދޫން ވަނީ 2-0 އިން ގައްދޫ ބަލިކޮށްފައެވެ. 

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ 29 ވަނަ މިނެޓުގައި ގައްދޫގެ ރިފްޝާން (ދޮންބެ) އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ދެ މިނެޓު ކުޅުނު އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި ވާދޫން ޖެހި ފުރަތަމަ ލަނޑު، 32 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ޝައުފް އެވެ. އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން ޕެނަލްޓީއޭރިޔާ ބޭރުން ގައްދޫގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ވާދޫގެ ކެޕްޓަން އަޔާ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ލ. ގަމުން އަތޮޅު ތަށި އުފުލާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ވާދޫގެ ދެވަނަ ލަނޑުޖަހައިދިނީ މުސައްނިފެވެ. މި ލަނޑުޖެހުމަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމުގެ ތެރޭގައި ވާދޫގެ އިބްރާހިމް ޝައުފް އަހުމަދު އަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާފައެވެ. މި މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓުގެ އިތުރުން ގދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މުހައްމަދު އިޔާދު އަލީ އެވެ.

ރޭ ކުޅުނު ތ. އަތޮޅުގެ ފައިނަލްގައި ކިނބިދޫން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު އަދި އެ އަތޮޅު ބުރުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ތިމަރަފުށި އަތުން 3-2 އިން މޮޅުވެފައެވެ. މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކިނބިދޫން ލީޑްނެގީ އަލީ ފަލާހު ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ތިން މިނެޓުފަހުން، ތިމަރަފުށްޓަށް އެއްވަރުކޮށްދިނީ އަލީ ޝިފާއު (ރޮނާ) އެވެ. މިއީ ހާފުގެ މެދާ ހިސާބުން ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ރޮނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. 

އޭގެފަހުން، މެޗުގެ އެންމެ ފަހު ދެ މިނެޓުގެ ތެރޭގައި މުހައްމަދު ސަހާއު (ބޭލް) ގެ އެހީތެރިކަމާއެކު ކިނބިދޫން ވަނީ ދެ ލަނޑުޖަހައި، އެ ޓީމަށް ތަށި ކަށަވަރުކޮށްދީފައެވެ. އެގޮތުން، މެޗުގެ 38 ވަނަ މިނެޓުގައި ސަހާއު ދިން ބޯޅައަކުން ޝާފިއު އެ ޓީމަށް އަލުން ލީޑްނަގައިދިންއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި އަހުމަދު ހަމްދާން ކިނބިދޫގެ ލީޑްފުޅާކޮށްދިނީ ވެސް ސަހާއު ދިން ޕާހަކުންނެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ އިބްރާހިމް ސިނާހު (ސިނާ) އެވެ. މި މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިނބިދޫގެ ގޯލްކީޕަރު މުހައްމަދު އަނަސް އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓާއި ތ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އިބްރާހިމް ހަމްދާން އެވެ.

ތ. ކިނބިދޫ ކުޅުންތެރިން އަތޮޅު ތަށްޓާއެކު. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

ލ. އަތޮޅުގެ ފައިނަލްގައި ރޭ ގަމުން ވަނީ ފަސޭހަކަމާއެކު އިސްދޫ ބަލިކޮށްފައެވެ. މި މެޗުން ގަން މޮޅުވީ 4-0 އިންނެވެ. އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ދެ ލަނޑުޖެހިއިރު، އަނެއް ދެ ލަނޑުޖެހީ އަލީ ޝާމިސް (ތޮއްޕޭ) އާއި އަބްދުﷲ ޖުނައިދު (ޖޭންނޭ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ގަމުގެ ކެޕްޓަން އޮންލީ ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތޮއްޕޭ އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ އިސްދޫގެ އަލީ ހުމޭޒު އެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު ޅ. އަތޮޅުގެ ފައިނަލްގެ ދެވަނަ ލެގުން ކުރެންދޫއާ 1-1 އިން ހިންނަވަރު އެއްވަރުވިއިރު، ދެ މެޗުގެ އެގްރިގޭޓުން ކުރިހޯދައި ކުރެންދޫން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. ރޭގެ މެޗުގައި ހިންވަރުގެ ލަނޑުޖެހީ އަހުމަދު އަބްދުﷲ (ލިލީ) އެވެ. ކުރެންދޫ އަށް އެއްވަރުކޮށްދިނީ އަހުމަދު އިކްރާމް އެވެ. ރޭގެ މެޗަށްފަހު އިނާމު ދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ކުރެންދޫގެ މުހައްމަދު އާދަމް އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކުރެންދޫގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރި ކުޅުންތެރިންނަކީ؛ އަހުމަދު އިކްރާމް އާއި އަހުމަދު މާދިހު (ކުރެންދޫ)، ހިންނަވަރުގެ އަހުމަދު އަބްދުﷲ އެވެ.