އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ގެބްރިއެލް މާޓިނޭލީގެ ލަނޑާއެކު އެ ޓީމުން ލެސްޓާ ސިޓީ ބަލިކުރިއިރު މެންޗެސްޓާ ސިޓީން ފަސޭހަކަމާއެކު ބޯންމައުތު އަތުން މޮޅުވެއްޖެއެވެ.
ރޭގެ މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅޭ އާސެނަލަށް 24 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސިޓީ އަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 24 މެޗުން ލިބުނު 49 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 24 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.
އާސެނަލުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޔޫކްރޭންގެ އޮލެގްސެންޑަ ޒިންޗެންކޯ އެވެ. އެއީ ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ، ކުރަމުންދާ ހަނގުރާމަ އަށް އެއް އަހަރު ފުރިފައިވާތީވެ، އެކަމުގައި ޔޫކްރޭނަށް ހެޔޮއެދޭކަން ދައްކުވައިދިނުމުގެ ގޮތުންނެވެ. އަނެއްކޮޅުން މި ހަފްތާގައި ޕްރިމިއާ ލީގުގައި ކުޅޭ ހުރިހާ ޓީމުތަކުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޔޫކްރޭންގެ ގައުމީ ދިދައިގައި ހިމެނޭ ކުލަތަކުން ފަރުމާކޮށްފައިވާ ކެޕްޓަން ބޭންޑެކެވެ.
ކިންގްޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ވިންގް، ލެއަންޑްރޯ ޓްރޮސާޑް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ޓްރޮސާޑް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޕެނަލްޓީއޭރިޔާ ތެރެއިން ލެސްޓާގެ ކީޕަރު ޑެނީ ވޯޑް އަށް އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް ފައުލްކުރިކަމަށް ނިންމައިގެންނެވެ.
އެކަމަކު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 51 ސިކުންތުގެ ތެރޭގައި ޓްރޮސާޑް ދިން ހިތްގައިމު ޕާހަކުން މާޓިނޭލީ ވަނީ އާސެނަލަށް ލަނޑުޖަހައިދީފައެވެ. މިއީ ލީގުގައި މާޓިނޭލީ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.
ބޯންމައުތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީން 4-1 އިން މޮޅުވިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ތިން ލަނޑުޖެހިއެވެ. މި މެޗުގެ 15 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ނޯވޭ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ލީގުގައި ހާލަންޑް ޖެހި 27 ވަނަ ގޯލެވެ. މިއާއެކު، ހާލަންޑް ވަނީ މީގެކުރީން ސިޓީ އަށް އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލްޖަހައިގެން ސާޖިއޯ އަގުއޭރޯ ހަދާފައި އޮތް ރެކޯޑް މުގުރާލައިފައެވެ.
ސިޓީން ރޭގެ މެޗުގައި ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނަ ގޯލަކީ ބޯންމައުތުގެ ޑިފެންޑަރު ކްރިސް މެޕަމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގައި ބޯންމައުތުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖެފާސަން ލޭމާ އެވެ.
ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، ވެސްޓް ހޭމް ޔުނައިޓެޑުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. އެސްޓަން ވިލާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން އެވަޓަން ބަލިވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ އައު ކޯޗު ހަވީ ގްރެސިއާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ސައުތެމްޓަން އަތުން 1-0 އިން މޮޅުވެފައެވެ.
