މުޅި ހަފްތާ ތެރޭގައި ގޭތެރެއާއި މަސައްކަތުގެ މާހައުލާ ދެމެދު މަސައްކަތް ކުރުމާއި، ސުންގަޑިތައް ހަމަޖެއްސުމަށް ރޭސް ޖެހުމަކީ ގިނަ ފަހަރަށް އަހަރެމެންގެ ކެއުމުގެ އާދަތަކަށް އަސަރުކުރާ ކަމެކެވެ. ހެނދުނު ކުޑަ ސެންޑްވިޗެއް ކާލައިގެން ބައެއް ފަހަރު މެންދުރުގެ ކެއުން ދޫކޮށްލަން މަޖުބޫރުވާއިރު، އެކަމުގެ ސަބަބުން ދުވަހުގެ ޖުމްލަ ކެލޮރީ އިންޓޭކް ވަރަށް ބޮޑަށް ދަށްވެއެވެ. މަދު ދުވަސްކޮޅަކަށް މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑަށް އަސަރު ނުކޮށްފާނެ ނަމަވެސް ހަފްތާތަކާއި މަސްތަކެއް ވަންދެން އެކަށީގެންވާ ވަރަށް ނުކައި އުޅުމުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ބިޒީ ޝެޑިއުލަކީ މަދު ކާނާ ކެއުމުގެ ހަމައެކަނި ސަބަބެއް ނޫން ނަމަވެސް ބައެއް މީހުން ގަސްތުގައި މަދުކޮށް ކާން ފަށަނީ ބަރުދަން ލުއިކޮށް އެދެވޭ ހަށިގަނޑެއް ހޯދުމަށްޓަކަ އެވެ. އެކަމަކު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މަދުކޮށް ކާނަމަ ސިއްހީ ގޮތުން ދިގުދެމިގެންދާ ބައެއް މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

މެދުމިނުގެ ބަރުދަނެއް ހާސިލްކޮށް ބެލެހެއްޓުމަކީ ގޮންޖެހުންތަކެއް އެކުލެވޭ ކަމަކަށް ވެދާނެއެވެ. ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި އުޅޭ ގިނަ ބަޔަކު ގިނަ ފަހަރަށް އެ އަމާޒު ހާސިލް ކުރުމަށްޓަކައި ގަސްތުގައި މަދުން ކައެވެ. ކެއުމަށް ފަރުވާ ކުޑަކުރުމުން ދިމާވާ ބައެއް ކަންކަމުގެ ތެރޭގައި؛

1. ބޮލުން އިސްތަށި ފޭބުން

އެކަށީގެންވާ ވަރަށް ނުކެއުމުގެ މާނައަކީ ވެސް މުހިންމު ބައެއް ކާނާތަކާއި އެ ކާނާތަކުން ލިބޭ މައިކްރޯނިއުޓްރިއެންޓްސް އަށް އިހުމާލުވުމެވެ. ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ބޮލުން އިސްތަށި ފައިބާ އިސްތަށިގަނޑު މަރުވެއެވެ. މިކަމާ ކުރިމަތިލާން އެއްވެސް މީހަކު ބޭނުން ނުވާނެ އެވެ.

2. ނިދުމުގެ މައްސަލަތައް

ނިދަން އުނދަގޫވާނަމަ މިއީ ކެއުން ދޫކޮށްލާތީ ކަމަށް ވެދާނެ އެވެ. ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި މަދުން ކެއުމަކީ ނިދި ދަށްވުމާއި ރަނގަޅު ނިދި ނުލިބުމާއި ގުޅުން ހުރި ކަމެކެވެ.

3. މޫޑު ބަދަލުވުން

ގިނަދުވަސް ވަނަދެން ކެލޮރީ މަދު ޑައިޓެއްގައި ހިފަހައްޓައިގެން ހުރުމަކީ އިންސާނާ ހާސްކޮށް ރުޅި ގަދަވުމަށް މެދުވެރިވާ ކަމެކެވެ. އެއީ ކުޑަކޮށް ކެއުމުގެ އުސޫލުތަކުގެ ސަބަބުން މޫޑަށް އަސަރުކޮށް، މޫޑު ދަށްކަން އިހުސާސް ކުރެވޭތީ އެވެ.

4. އުފެއްދުންތެރިކަން ދަށްވުމާއި ކޮގްނިޝަން ދަށްވުން

މަދުން ކެއުމަކީ އަހަރެމެންގެ ހަށިގަނޑުގައި ވިޓަމިން ބީ ގެ ބާވަތްތައް، އޮމެގާ-3 ފެޓީ އެސިޑް، އަދި ފޮލެޓް ފަދަ މުހިއްމު ބައެއް މައުދަންތަކާއި ނިއުޓްރިއެންޓްސް މަދުވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކާއި ކޮގްނިޓިވް ކެޕޭސިޓީ ދަށްވެ، އުފެއްދުންތެރިކަމަށް ހުރަސްއެޅިދާނެ އެވެ.

5. ހަޖަމްކުރުމުގެ މައްސަލަތައް (ބަނޑުހަރުވުން)

މަދުން ކެއުމަކީ ފާހާނާގައި އިތުރު ވަގުތު ހޭދަކުރުމަށް މަގުފަހިކުރުވާ ކަމެކެވެ. މަދުން ކެއުމުން ހަޖަމުކުރާ ނިޒާމުގެ ތެރެއިން ކާނާގެ ހަރަކާތްތައް މަޑުޖެހެ އެވެ. މިކަމުގެ ސަބަބުން ގޮހޮރުތަކަށް އަސަރުކޮށް ބަނޑުހަރުވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.

6. ހަކަތަ ނެތުން

ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކާއި އެހެނިހެން އެކިއެކި މަސައްކަތްތައް ކުރުމަށް އަހަރެމެންގެ ހަށިގަނޑަށް ކާނާ ބޭނުންވެއެވެ. ވަރުބަލިވުމާއި ހުރިހާ ވަގުތެއްގައި ވެސް ހަކަތަ ނެތް ކަމުގެ އިހުސާސް ކުރެވުމަކީ އެކަށީގެންވާ ވަރަށް ކެލޮރީ ނުކެއުމުގެ އަނެއް ނިޝާނެވެ.

7. ފިނިކަން އިހުސާސްވުން

ނިއުޓްރިޝަނިސްޓް ހިއްސާކުރާ ގޮތުގައި ވަރަށް މަދު ކެލޮރީއެއް ބޭނުންކުރުމަކީ ހަށިގަނޑުގައި ހުންނަ ޓީ3 ތައިރޮއިޑް ހޯރމޯންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މިއީ، އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އާދަޔާ ހިލާފަށް ފިނިކަން އިހުސާސް ކުރެވޭނެ ކަމެކެވެ.

8.ބަނޑުހައިހޫނުކަމުގެ އިޚްސާސް

ކެއުން ދޫކޮށްލަމުން ގެންދާނަމަ ބަނޑުހައިހޫނުކަން އިތުރުވުން އެކަށީގެންވެ އެވެ. އެކަށީގެންވާ ވަރަށް ނުކެއުމުގެ އާދައަކީ ހޯރމޯން ބަދަލުވެ ބަނޑުހައިހޫނުކަން އިތުރުކޮށްދޭ ކަމަކަށް ވުމުން ދޭހަވަނީ ކެލޮރީ އާއި ނިއުޓްރިއެންޓްސް އިތުރަށް ބޭނުންކުރަން ޖެހޭ ކަމަށެވެ.

ޑިސްކްލެއިމަރ: ލަފާ ހިމެނޭ މި ކޮންޓެންޓުން ފޯރުކޮށްދެނީ ހަމައެކަނި ޖެނެރިކް މައުލޫމާތެވެ. މިއީ އެއްވެސް ގޮތަކަށް މެޑިކަލް ޚިޔާލެއް ނޫނެވެ. ކޮންމެ މީހެއްގެ ހަށިގަނޑާއި ދިރިއުޅުމުގެ އިތުރު މައުލޫމާތު ހޯދުމަށް އަބަދުވެސް ސްޕެޝަލިސްޓެއްގެ ނުވަތަ ތަޖްރިބާކާރް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.