މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކަށްފަހު ރ. އިނގުރައިދޫ، ފ. މަގޫދޫ، ބ. އޭދަފުށި އަދި މ. ދިއްގަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

އިނގުރައިދޫން ރ. އަތޮޅުގެ ފައިނަލްގައި ދުވާފަރާ 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ކުރިހޯދީ 4-5 އިންނެވެ. ފ. އަތޮޅުގެ ފައިނަލްގައި ނިލަންދޫ އަތުން މަގޫދޫ މޮޅުވީ 2-1 އިންނެވެ.  

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އިނގުރައިދޫން ޖެހި ތިން ލަނޑުގެތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) އެވެ. އަނެއް ލަނޑުޖެހީ މުހައްމަދު މަމްދޫހު އެވެ. މި މެޗުގައި ދުވާފަރުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ލަނޑުޖެހީ މުހައްމަދު އިސާމް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އާދަމް އިލްޔަސައު އެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، އިނގުރައިދޫގެ ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއީ އަހުމަދު އައިހަމް، މަމްދޫހު، އަހުމަދު މުހައްމަދު އާއި އަބްދުﷲ ސަނޫން އަދި ހާފިޒް (ހާއްޕެ) އެވެ. ދުވާފަރުގެ އިލްޔަސައު، މުހައްމަދު ނޫހު އިބްރާހިމް އާއި އަހުމަދު މައިސޫން އަދި މުހައްމަދު ޖުމާން އަހުމަދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެ ޓީމުގެ އިސާމް ޖެހި ޕެނަލްޓީ އަމާޒުވީ އިނގުރައިދޫގެ ކީޕަރު އަހުމަދު އިހުސާންގެ ގަޔަށެވެ.

ފ. އަތޮޅުގެ ފައިނަލްގައި މަގޫދޫން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ކެޕްޓަން މޫސާ މާހިލް މިގްދާދު އާއި އަހުމަދު މުއާޒް އެވެ. ނިލަންދޫގެ ހަމައެކަނި ލަނޑުޖެހީ އަބްދުލް އަޒީޒް އިބްރާހިމް އެވެ.

ބ. އަތޮޅު ފައިނަލްގައި ފެހެންދޫ އަތުން އޭދަފުށި ފަަހަތުން އަރައި 2-1 އިން މޮޅުވިއިރު، މ. ދިއްގަރުން ވަނީ މ. ނާލާފުށި 1-0 އިން ބަލިކޮށްފައެވެ. ކުޑަހުވަދޫން ވަނީ ދ. އަތޮޅު ފައިނަލުގައި މާއެނބޫދޫ އަތުން 3-2 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ފެހެންދޫގެ މުހައްމަދު ރީހާން އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް އޭދަފުށިން ނަތީޖާ އަނބުރާލީ ފަހުވަގުތު ކޮޅުގެ ތެރޭގައެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކުރިއިރު، އޭދަފުށި މޮޅުވި ލަނޑުޖަހައިދިނީ ސައްޓު ދިން ބޯޅައަކުން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.

މ. އަތޮޅުގެ ފައިނަލްގައި ދިއްގަރުން ނާލާފުށި ބަލިކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލީ މާޖިދު އެވެ.

ދ، ކ އަދި ސ. އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުވެއްޖެ

މި މުބާރާތުގައި ރޭ ކުޅެވުނު ދ. އަތޮޅުގެ ފައިނަލްގައި ކުޑަހުވަދޫން ވަނީ ފަހަތުންއަރައި މާއެނބޫދޫގެ މައްޗަށް 3-2 އިން ކުރިހޯދައިފައެވެ. މި މެޗުގައި މާއެނބޫދޫގެ ދެ ލަނޑުވެސް ޖެހީ ކެޕްޓަން އަހުމަދު މަހްދޫމް އެވެ. ކުޑަހުވަދޫގެ ގޯލްތައް ޖެހީ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން ރަޝީދު އަދި އިރުފާން އާދަމް ނަސީރު އެވެ.

ރޭ ކުޅެވުނު ކ. އަތޮޅުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ގާފަރު ބަލިކޮށް ތަށި އުފުލާލީ ދިއްފުށިންނެވެ. މި މެޗުން ދިއްފުށި މޮޅުވީ 4-3 އިންނެވެ. ދިއްފުށީގެ ހަތަރު ގޯލްގެ ތެރެއިން ދެ ލަނޑުޖެހީ އަހުމަދު މާޒިން އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖެހީ ރިލްވާން ރަޝީދު އާއި ޝައިހާން ފާއިޒު އެވެ. ގާފަރުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އަލީ މާއިސް (މައްޓު) އެވެ. އަނެއް ލަނޑުޖެހީ އިބްރާހިމް ރިމާހު (ރިމޭ) އެވެ.

އައްޑޫ އަތޮޅުގެ ފައިނަލްގައި ފޭދޫން ވަނީ މަރަދޫފޭދޫގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. މި މެޗުގައި މަރަދޫފޭދޫގެ އިބްރާހިމް ސައިފް އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް ފޭދޫ މޮޅުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ.