މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފައިނަލްގައި މިރޭ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 20:30 ގައެވެ.
މި މަހުގެ 23 އިން 27 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ގައުމީ އަންހެން ވޮލީ ޓީމު ޖާގަ ހޯދީ އިއްޔެ ކުޅެވުނު ސެމީ ފައިނަލް މެޗުން މެލޭޝިއާގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ. އެކަމަކު، މެލޭޝިއާ އިން ވަނީ 25-17 އިން ދެވަނަ ސެޓު ގެންގޮސްފައެވެ. އެއަށްފަހު ދެން ކުޅެވުނު ތިންވަނަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ. ނަމަވެސް، ދެން ކުޅެވުނު ހަތަރުވަނަ ސެޓް 25-21 އިން ގެންދިޔައީ މެލޭޝިއާ އިންނެވެ. މިއާއެކު، ދެން ކުޅެވުނު ފަހު ސެޓު 15-9 އިން ގެންގޮސް ރާއްޖޭން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލަށް ރާއްޖެ ކުރި ދަތުރަށް ކޮންމެވެސް ވަރަކަށް ބަލާއިރު، ލީގު ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ތިން ސެޓުގެ ތެރެއިން ދެ ސެޓް ގެންދިޔައީ ރާއްޖޭންނެވެ. އެއީ 20-25، 22-25 އަދި 25-23 އިންނެވެ. އެކަމަކު، ދެން ކުޅެވުނު ދެ ސެޓް 21-25، އާއި 14-16 އިން ގެންގޮސް މެލޭޝިއާ އިން މެޗު ކާމިޔާބުކުރިއެވެ.
ލީގު ބުރުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 26-28، 21-25 އަދި 14-25 އިންނެވެ.
މިއީ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. މީގެކުރީން، 2019 ވަނަ އަހަރުގެ ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދާފައިވެއެވެ.
