ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ރޭ ސިންގަޕޫރު އަތުން 3-2 ސެޓުން ބަލިވެ، ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް ލިބިއްޖެއެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ރިހި މެޑަލް ހާސިލްކުރި ދެވަނަ ފަހަރެވެ. މީގެކުރީން، 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވިމެންސް މުބާރާތުން ރާއްޖޭގެ އަންހެން ޓީމުން ވަނީ ރިހި މެޑަލް ހޯދާފައެވެ.

ރޭގެ މެޗަށް ނިކުތުމުގެ ކުރީން، މި މުބާރާތުގެ ލީގު ބުރުގައި ރާއްޖެއާ ދެކޮޅަށް ސިންގަޕޫރު ވަނީ ކުޅެފައެވެ. އެ މެޗުގައި ސިންގަޕޫރުން ވަނީ ސީދާ ތިން ސެޓުން ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. ސިންގަޕޫރުން އެ މެޗުގެ ސެޓުތައް ގެންދިޔައީ 28-26، 25-21 އަދި 25-14 އިންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ކުރީކޮޅު ރާއްޖޭން ލީޑްކުރަމުންދިޔައީ 9-5 އިންނެވެ. އަދި އޭގެފަހުން، ސްކޯ 9-9 އިން އެއްވަރުވެފައިވަނިކޮށް އަނެއްކާވެސް 15-13 އިން ލީޑްކުރަމުންދަނިކޮށް ސިންގަޕޫރުން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ސިންގަޕޫރުން ގެންދިޔައީ 25-18 އިންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ އައިމިނަތު ޝަހާ ޝާމިން (މ) ގެ ޝޮޓެއް ސިންގަޕޫރުގެ ދެ ކުޅުންތެރިން ބްލޮކްކުރަނީ. --ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެވަނަ ސެޓު ވެސް ފެށިގެން ދެ ޓީމު 5-5 އިން ސްކޯ އެއްވަރުވެފައިވާއިރު، އޭގެފަހުން ސިންގަޕޫރުން ލީޑެއްނަގާފައިވަނިކޮށް ރާއްޖޭން ވަނީ އަނެއްކާވެސް ސްކޯ އެއްވަރުކޮށްފައެވެ. އަދި މި ސެޓް ނިމެން ކައިރިވެފައިވަނިކޮށް، ސްކޯ 19-19 އިން އެއްވަރުވެފައިވާއިރު، އޭގެފަހުން ސިންގަޕޫރުން 23-20 އަށް ނަތީޖާ އަނބުރާލިއެވެ. އަދި އޭގެފަހުން، ސިންގަޕޫރުން ހޯދީ އިތުރު ޕޮއިންޓްތަކާއެކު މި ސެޓް ނިންމާލީ 25-22 އިންނެވެ. 

މި މެޗުގެ ފުރަތަމަ ދެ ސެޓް ސިންގަޕޫރުން ގެންގޮސް ދެން ކުޅެވުނު ތިންވަނަ ސެޓުގައި ވެސް 11-4 އިން ލީޑްކުރަމުންދަނިކޮށް، ރާއްޖޭން ވަނީ ފަހަތުންއަރައި 13-13 އިން ސްކޯ އެއްވަރުކޮށްފައެވެ. އެއަށްފަހު ދެ ޓީމު އެއްވަރެއްގައި ދަނިކޮށް، ސެޓު ނިމެންދިޔައިރު ރާއްޖޭން ވަނީ 22-17 އަށް ސްކޯ ބަދަލުކޮށްލައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. ދެން އޭގެފަހުން ހޯދީ ޕޮއިންޓްތަކާއެކު ރާއްޖޭން ވަނީ 25-19 އިން ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ.

ހަތަރުވަނަ ސެޓުގެ ވެސް ކުރީކޮޅު ލީޑްކުރަމުންދިޔައީ ސިންގަޕޫރުންނެވެ. އެކަމަކު، ރާއްޖޭން 7-7 އިން ސްކޯ އެއްވަރުކުރިއެވެ. އޭގެފަހުން، ހޯދީ މުހިއްމު ޕޮއިންޓްތަކާއެކު ރާއްޖޭން 13-8 އަށް ސްކޯ ބަދަލުކޮށްލިއެވެ. ދެން އޭގެފަހުން، ސިންގަޕޫރަށް ލީޑެއްނުދީ ރާއްޖޭން ހޯދަމުންދިޔަ ޕޮއިންޓްތަކާއެކު މި ސެޓު 25-19 އިން ގެންގޮސް، ނަތީޖާ 2-2 އަށް ބަދަލުކޮށްލިއެވެ.

ދެ ޓީމު އެއްވަރުމުން، ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓު ފެށިގެން އެއްވަރެއްގައި ދަނިކޮށް ސިންގަޕޫރުން ވަނީ 14-11 އަށް ބަދަލުކޮށްލައި، ތިން ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. ދެން އެއަށްފަހު މި މެޗުގެ ފަހު ޕޮއިންޓް ނަގައި، ސިންގަޕޫރުން ރަން މެޑަލް ހާސިލްކުރީ 15-11 އިން ފަހު ސެޓު ކާމިޔާބުކޮށްގެންނެވެ.