މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި ރޭ އަތޮޅު ޗެމްޕިއަން ތ. ކިނބިދޫ އަތުން ތިމަރަފުށިން ބޮޑު މޮޅެއް ހޯދިއިރު، ރ. އިނގުރައިދޫ އާއި ދ. ކުޑަހުވަދޫ އަދި ކ. ދިއްފުށި ފެށީ ވެސް މޮޅަކާއެކީގައެވެ.
ޒޯން ފަހެއްގައި ރޭ ތ. ތިމަރަފުށިން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކިނބިދޫ ބަލިކުރިއިރު، ދ. ކުޑަހުވަދޫން ވަނީ 4-2 އިން ފ. މަގޫދޫ އަތުން މޮޅުވެފައެވެ. ޒޯން ދޭއްގައި ހިމެނޭ ރ. އިނގުރައިދޫން ވަނީ 3-1 އިން ބ. އޭދަފުށި ބަލިކޮށްފައެވެ. ޒޯން ތިނެއްގައި ރޭ ކ. ގާފަރުން ވަނީ ބޮޑުފޮޅުދޫ އަތުން 4-2 އިން މޮޅުވެފައެވެ. އެ ޒޯނުގެ އަނެއް މެޗުގައި ޅ. ކުރެންދޫ އަތުން ކ. ދިއްފުށި މޮޅުވީ 5-1 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ތިމަރަފުށިން ކިނބިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ފަސް ލަނޑުޖެހިއެވެ. އަނެއް ތިން ލަނޑުޖެހީ ދެވަނަ ހާފުގައެވެ. ރޭގެ މެޗުގައި ތިމަރަފުށިން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކުރީ އިބްރާހިމް ހަމްދާން އެވެ. އެ ޓީމުން ދެން ޖެހި ހަތަރު ލަނޑުގެ ތެރެއިން އަލީ ޝިފާއު (ރޮނާ) ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުޖެހީ އަހުމަދު ހައިލަމް އެވެ.
މި ޒޯންގައި ހިމެނޭ ކުޑަހުވަދޫން ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މާއިޒް ވަހީދު އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖެހީ އަބްދުﷲ މުގުސިތު އާއި ހާރޫން ރަޝީދު އެވެ. މަގޫދޫގެ ދެ ލަނޑުވެސް ޖެހީ މޫސާ މާހިލް މިގުދާދު އެވެ.
އިނގުރައިދޫން އޭދަފުށި ބަލިކުރި މެޗުގައި އެ ޓީމުގެ އަހުމަދު އައިހަމް ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ހަސަން މަމްދޫހު އެވެ. މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު އެވެ. އޭދަފުށިން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ތަރި އިޝާން އިބްރާހިމް (ސައްޓު) ނުކުޅެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޒޯން ހަތަރެއްގައި ރޭ އދ. މާމިގިލިިން 3-1 ގެ ނަތީޖާއަކުން މ. ދިއްގަރު ބަލިކުރިއިރު، އެ ޒޯނުގެ އަނެއް މެޗުން އދ. މަހިބަދޫން ވަނީ 4-0 ގެ ނަތީޖާއަކުން މ. ނާލާފުށީގެ މައްޗަށް ކުރިހޯދާފައެވެ. ޒޯން ހަތެއްގައި ރޭ ސ. ފޭދޫ އަތުން ޏ. ފުވައްމުލަކު ދަނޑިމަގު މޮޅުވީ 3-1 އިންނެވެ.
