ބަތަލާ އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އަނެއްކާވެސް އިންސްޓަގްރާމްގައި އެންމެ ގިނައިން ފޮލޯކުރާ އަންހެނަކަށް ވެއްޖެއެވެ. 382 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ހޯދައިގެން މިހާރު ސެލީނާ ވަނީ 380 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ބިއުޓީ އެންޓްރަޕްރިނުއަރ ކައިލީ ޖެނަރ ދެވަނަ އަށް ވައްޓާލާފައެވެ.
މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އެންމެ ގިނައިން ފޮލޯކުރާ އަންހެނަކަށް ސެލީނާ ވީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ދެތިން އަހަރު ކުރިން އޭނާ ވަނީ އިންސްޓާގައި އެންމެ ގިނައިން ފޮލޯކުރާ އަންހެން ސެލެބްރިޓީގެ މަގާމް ހޯދާފައެވެ.
ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ޝޯބިޒް ދާއިރާއަށް ތައާރަފުވި ސެލީނާ ވަނީ އެކްޓަރެއްގެ ގޮތުގައި އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި އެތައް ދުވަހެއް ހޭދަކޮށްފައެވެ. މިހާރު ޕްރޮޑިއުސަރެއްގެ ރޯލު ވެސް އަދާކުރާއިރު އޭނާ އަކީ މިހާރު މަޝްހޫރު ބިއުޓީ ބްރޭންޑް ރެއާ ބިއުޓީގެ ވެރިޔާ ވެސް މެއެވެ.
އޭނާ ވަނީ ސްޓީވް މާޓިން އާއި މާޓިން ޝޯޓް އެކުގައި ކުޅުނު ވެބް ސީރީޒް "އޮންލީ މަރޑަރސް އިން ދަ ބިލްޑިންގް" ގެ ދެވަނަ ސީޒަނުން ދާދި ފަހުން ފެނިފައެވެ. ސެލީނާ މިދިޔަ އަހަރު ސުރުޚީތަކަށް އަރާފައިވަނީ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހުނު އަހަރުތަކެއް ދައްކުވައިދޭ އޭނާގެ ސީރީޒް، 'ސެލީނާ ގޯމޭޒް: މައި މައިންޑް އެންޑް މީ' ގެ ސަބަބުންނެވެ.
